ހަބަރު

ރައީސް ސޯލިހު މޮރިޝަސްގެ ވަގުތީ ރައީސާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ވަގުތީ ރައީސް ހިޒް އެކްސެލެންސީ ޕެރަމަސިވަން ޕިއްލޭ ބާރލެން ވިޔަޕޫރޭ އާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މޮރިޝަސްގެ ވަގުތީ ރައީސްއާއި ބައްދަލު ކުރެއްވީ މޮރިޝަސް ސަރުކާރުގެ ދަޢުވަތަކަށް އެގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުމާއި އަދި ކުރިމަގުގައި އެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އަދި ވަކިން ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ދެގައުމަށްވެސް ވަރަށް އެއްގޮތް ގޮންޖެހުންތަކަކަށް ވާތީ އެފަދަ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އެބައްދަލުކުރުމުގައި ރައީސް ސޯލިހު ވަނީ އިއްޔެ އެމަނިކުފާނުގެ ދެ ކަނބަލުންނާއި ދިވެހި ޑެލިގޭޝަނަށް މޮރިޝަސްއިން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން އިއްޔެ ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުނީތީ އުފާކުރައްވާކަމަށާއި، މުބާރާތުގެ ކުރިޔަށް ހުރި ކުޅިވަރުތައް ވެސް ބަލާލުމުގެ ޝައުގުވެރިކަން ރައީސް ވަނީ ފާޅު ކުރައްވާފަ އެވެ.