ހަބަރު

815 މިލިއަނަށް އެދުނު މައްސަލަ ނިމުނީ އޭސީސީ ކޮޅަށް

ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މައްޗަށް ދައުވާކުރި މައްސަލަ ހައިކޯޓުން ވެސް އޭސީސީއާ އެއްކޮޅަށް ނިންމައިފި އެވެ.

ސެންޓަ އެންޓަރޕްރައިސަސް އިން އޭސީސީއާއި ދެކޮޅަށް ހުށަހެޅި މައްސަލަ އަކީ، އެ ކުންފުނިން 17 ޓަނުގެ ބޮލާޑް ޕަލް ޓަގް ބޯޓެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ސަޕްލައިކޮށް ދޭން ނޮވެމްބަރު 18، 2008 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ މަސައްކަތް ކުރަމުން ދަނިކޮށް އެއްބަސްވުމަށް އަމަލު ކުރުން ހުއްޓުވައި ލިބެންވާ ފައިސާ ދިނުން ހުއްޓާލަން އޭސީސީން އެމްޕީއެލްއަށް އަންގާ ހުއްޓުވާފައިވާތީ ހުށަހެޅި މައްސަލަ އެކެވެ.

އެ މައްސަލާގައި އެކުންފުނިން ވަނީ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރަމުން ނުދާ ކަމަށާއި، އެކުންފުންޏަށް މަސައްކަތް ފުރިހަމަ ނުކުރެވޭނެކަން ދޭހަވާ ގޮތަށް އާންމުކޮށް ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ހަގީގަތާއި ހިލާފަށް މައުލޫމާތު އޭސީސީން ހާމަކުރުމުގެ ސަބަބުން، އެކުންފުނީގެ ވިޔަފާރިއަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 815,913266.94 ރ. ހޯދަން ދައުވާކޮށްފަ އެވެ.

ނަމަވެސް ސިވިލް ކޯޓުން އެ މައްސަލަ ނިންމީ އޭސީސީއާއި އެއްކޮޅަށެވެ. އެ މައްސަލަ ސެންޓާ އިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބަޔާން ކޮށްފައި ވަނީ އޭސީސީގެ ސިޓީ އަކުން އެމްޕީއެލަށް އެންގުމެއް އަންގާފައިވަނީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާ ބާރުތަކުގެ ބޭރުން ހެޔޮނިޔަތެއް ނެތި ކަމަށް އެ ކުންފުނިން ބުނެފައިވީ ނަމަވެސް، އެ އެންގުމަކީ، ގާނޫނުއަސާސީގެ 202 ވަނަ މާއްދާ އާއި އޭސީސީގެ ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ބޭރުން ހެޔޮ ނިޔަތެއް ނެތި އަންގާފައިވާ އެންގުމެއްކަމަށް ބަލާނެ ހަމައެއްނެތް ކަމަށެވެ. އަދި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ބަލާނެ ސަބަބެއް ވެސް ނެތް ކަމަށެވެ.