ހައިކޯޓް

ޒިޔަތުގެ އާއިލީ ކުންފުންޏަކަށް ޖަމާކުރި ފައިސާ ދައުލަތަށް

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އާއިލީ ކުންފުންޏަކަށް ޖަމާކުރި ބޮޑު ހިޔާނާތާ ގުޅުންހުރި 50،000 ޑޮލަރު ދައުލަތަށް އަނބުރާ ދެއްކުމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

އެމްއެމްޕީއާރުސީ މެދުވެރުކޮށް ޓޫރިޒަމްއަށް ދޫކުރި ރަށްތަކުން ލިބުނު ފައިސާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ވަނީ ގާތް މީހުންނަށް ބަހައި ދައުލަތުގެ ފައިސާ އިން ވައްކަން ކޮށްފަ އެވެ. އެކަމަށް ދެ މީހުން އިއުތިރާފްވެ މިހާރު ދަނީ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ.

ދައުލަތުގެ ފަރާތުން މި މައްސަލައިގައި ސިވިލް ކޯޓުގައި ދައުވާ ކޮށްފައި ވަނީ 2014 ވަނަ އަހަރު އެޗްއެމްއެޗްއައި ކިޔާ ކުންފުންޏަކުން އދ. ފުށިދިއްގާ (ރަށްދިއްގާ) ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން 50 އަހަރަށް ކުއްޔަށް ނެގުމަށް ލީސް އިކުއިޒިޝަންގެ ގޮތުގައި ދައްކަން ޖެހޭ ތިން މިލިއަން ޑޮލަރުގެ ތެރެއިން ޖަމާކުރި 50،000 ޑޮލަރުގެ ޗެކު ޓޫރިޒަމް މިނިސްޓްރީއިން އެމްއެމްޕީއާރްސީ އާ ހަވާލުކުރުމުން، ޒިޔަތުގެ އާއިލީ ކުންފުންޏެއް ކަމަށްވާ އެމްއެޗްއާރް ކުންފުންޏަށް ޖަމާކުރި މައްސަލައިގައި އެ ފައިސާ ހޯދުމަށެވެ.

ސިވިލް ކޯޓުން ނިންމާފައި ވަނީ މި އެ ފައިސާ ދައުލަތަށް ނަގައިދެވެން ނެތް ކަމަށެވެ. އެހެންކަމުން ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ.

ހައިކޯޓުން މި މައްސަލައިގައި އިއްޔެ ކުރި ހުކުމްގައި ވަނީ އެމްއެމްޕީއާރްސީއަށް އެ ފައިސާ ލިބިފައިވާ ކަމަށް ޒިޔަތު ސޮއިކޮށް އެ ކުންފުންޏަށް ލިޔުން ދޫކޮށްފައި އޮތް ނަމަވެސް އެ ޗެކު ޖަމާވެފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި އެމްއެޗްއާރް ކުންފުނިން ހުޅުވާފައިވާ އެކައުންޓަކަށްކަން ބެންކް ސްޓޭޓްމެންޓުތަކުން ސާބިތުވާ ކަމަށެވެ.

މި މައްސަލައިގައި އެމްއެޗްއާރް ކުންފުނިން ވަނީ އާ ހެއްކެއް ހުށަހަޅާފަ އެވެ. އެއީ އޭސީސީއަށް ޒިޔަތު ދިން ބަޔާނެކެވެ. އެ ބަޔާނާ އެކު އދ. ފުށިދިއްގާއާ ގުޅިގެން ކުރެވުނު މުއާމަލާތްތަކުގެ ސައްހަކަމާމެދު އެ ކުންފުނިން ހައިކޯޓުގައި ސުވާލު އުފައްދާފައިވެ އެވެ.

އެ ބަޔާނުގައި، ޒިޔަތަށް އެއީ ކޮން ޗެކެއް ކަމާއި އެ ޗެކާ ހަވާލުވެ ސޮއިކުރި ހަނދާން ނުވާ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެ ޗެކުގައި އެޗްއެމްއެޗްއައިގެ ބަދަލުގައި އެމްއެޗްއާރް ޖަހާފައި ވަނީ ކީއްވެކަން ނޭންގޭ ކަމަށް ބަޔާން ދެއްވާފައި ވެއެވެ. އަދި އެއީ ޒިޔަތުގެ ބޮޑުބޭބެއެއްގެ އާއިލާގެ ކުންފުންްޏެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އެ ކުންފުނީގެ ފަރާތުން ހުށަހެޅި އާ ހެކި ވެގެން ދިޔައީ އެކުންފުންޏާ ދެކޮޅު ހެއްކަކަށެވެ. ހުކުމުގައި ވަނީ އެ ކުންފުންޏަކީ ޒިޔަތާއި އާއިލީ ގުޅުން އޮންނަ ކުންފުންޏެއް ކަމަށް ދައުލަތުން ބުނާ ބުނުމުގެ ތެދުކަން ޒިޔަތުގެ އެ ބަޔާނުން ވެސް ހާމަވާ ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ ސިވިލް ކޯޓުން މައްސަލަ ބަލައިފައި ވަނީ ދެފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ. މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކާއި ދެފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ހުކުމުގައި ބަޔާންކޮށްފައި ވެއެވެ. ދައުލަތަށް ލިބެންޖެހޭ 50،000 ޑޮލަރު 30 ދުވަހުގެ ތެރޭ ދައްކާ ހަލާސް ކުރުމަށް އެމްއެޗްއާރް ކުންފުންޏަށް ހައިކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މި މައްސަލަ ބައްލަވާފައި ވަނީ ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު އަލީ ސަމީރު އެވެ.