ހަބަރު

ޔާމީންގެ އެއް މިލިއަން ޑޮލަރުގެ މައްސަލަ ހައިކޯޓުން ހުއްޓުވައިފި

ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ފައިސާތަކެއް ވަނުމުން، އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލަ ހައިކޯޓުން ހުއްޓުވައިފި އެވެ.

މިއީ ރައީސް ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ފައިސާތަކެއް ވަނުމުން، އެކަމާ ގުޅިގެން އޭސީސީއާ އެކު ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ބީއެމްއެލްއިން ޔާމީނާ ދެކޮޅަށް ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެކެވެ.

ރައީސް ޔާމީނާއި އޭސީސީއަށް ރައްދުވާ ގޮތަށް ބޭންކުން ހައިކޯޓަށް ހުށަހަޅާފައިވާ މި މައްސަލައަކީ، ސިވިލް ކޯޓުގައި އެ ފައިސާއާ ގުޅިގެން ހިނގަމުންދާ މައްސަލައިގައި ސިވިލް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް އޮތްތޯ އުފެދުނު ސުވާލެއްގެ މައްސަލަ އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ މައްސަލައިގެ ދައުވާއަށް ބޭންކުން ޖާވާބުދާރީ ވާން ޖެހޭނެ ކަމަށެވެ. މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ސިވިލް ކޯޓުގެ ފަނޑިޔާރު އަޒްފާ އަބްދުލްގަފޫރު އެގޮތަށް ނިންމުމާ ގުޅިގެން ބޭންކުން އެ މައްސަލަ ދެން ހުށަހެޅީ ހައިކޯޓަށެވެ.

ހައިކޯޓުން މިއަދު ވަނީ އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމުމުގެ ކުރިން ސިވިލް ކޯޓުގައި އޮތް އެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް އަމުރުކޮށްފަ އެވެ.

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ފައިސާ ދޮވުނު އެސްއޯއެފް ކުންފުނީގެ ދެ ޗެކަކުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އޭސީސީއާ ހަވާލުކުރަން ދެކޮޅު ހެއްދެވުމަށްފަހު، ފަހުން އެސްކްރޯ އެކައުންޓަށް ޖަމާކުރަން އެމަނިކުފާނު އެއްބަސްވެވަޑައިގަތެވެ.

ޔާމީންގެ އެމްއައިބީގައި ހުޅުވާފައިވާ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ ނޮވެމްބަރު، 2015 ގައެވެ. އެމްއެމްޕީއާރްސީގެ ތަހުގީގު ކުރިއަށް ގޮސް ރިޔާސީ އިންތިހާބުގެ ކުރިން ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ ހަވާލުކުރަން އެދުމުން އެކަމަށް އެއްބަސްވެ އެސްކްރޯ އެކައުންޓަށް ފައިސާ ލާން ސޮއިކުރީ މާޗް 25، 2018 ގައެވެ.

ފަހުން ހާމަވި ގޮތުގައި ޔާމީން، ބީއެމްއެލްގެ އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެމްއައިބީގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރެއް ނޫނެވެ.