އަހުމަދު ނާޒިމް

ބަދަލު ހޯދުމަށް ނާޒިމު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމު ހައްޔަރުކޮށް އުމުރަށް ޖަލަށްލީ މައްސަލައިގައި ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނާޒިމު ހައްޔަރުކޮށް 2015 ވަނަ އަހަރު އުމުރަށް ޖަލަށްލީ މަކަރާއި ހީލަތް ހެދުމުގެ ކުށް ޝަރުއީ ހުރިހާ މަރުހަލާ އަކުން ސާބިތުވުމުންނެވެ. ނަމަވެސް ހުކުމް އަލުން މުރާޖައާކުރުމަށް ނާޒިމު ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ފަހުން ސުޕްރީމް ކޯޓުން އިއްވި ހުކުމެއްގައި ވަނީ ނާޒިމު މިނިވަންކުރަން އަމުުރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި ނާޒިމު އިސްތިއުނާފް ކުރި މި މައްސަލައިގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހުގެ 18 ވަނަ ދުވަހު އިއްވި ހުކުމްގައި ބުނެފައިވަނީ ބަދަލު ހޯދުމަށް ނާޒިމު ކުރިއަށް އޮތް 14 ދުވަސް ތެރޭގައި ހުށަހަޅުއްވައިފިނަމަ ސިވިލް ކޯޓަށް މައްސަލަ ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށެވެ. އެކަމަކު އޭނާ ޖަލަށް ދިޔައިރު ހުންނެވި ދިއްގަރު ދާއިރާގެ ގޮނޑި އަލުން ލިބޭނެ ކަމަށް ސުޕްރީމް ކޯޓުން އޭރު ނިންމާފައެއް ނުވެ އެވެ.

ރައީސް ޔާމީން އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި ނާޒިމަށް ހުކުމްކޮށް އޭނާ ޖަލަށްލުމާ ގުޅިގެން އޭރު އޭނާއަށް މަޖިލިސް މެންްބަރު ކަންވެސް ގެއްލުނެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން ބަދަލު ހޯދުމަށް ނާޒިމު ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި އެވެ. ނަމަވެސް ސިވިލް ކޯޓުން އެ މައްސަލަ ބަލައިނުގަނެ ކޯޓުން ބޭރުކޮށްލާފައިވަނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ 14 ދުވަހުގެ ފަހުން މައްސަލަ ހުށަހެޅި ކަމަށް ނިންމުމަށްފަހު އެވެ.

ނާޒިމު ބަދަލުހޯދަން ކުރި ދައުވާގައި އެދިފައި އޮތީ އޭނާ މެންބަރުކަމުގައި ހުންނަވަނިކޮށް ގޮނޑި ގެއްލުމުން އޭރު ލިބުނު މެންބަރު ކަމުގެ މުސާރައާއި އިނާޔަތްތަކާއި އަދި އޭނާ ބަންދުކުރުމުން ލިބިފައިވާ އެހެން ގެއްލުންތަކަށްވެސް ބަދަލު ހޯދުމަށެވެ.