ހަބަރު

ބަދަލު ހޯދަން ނާޒިމް ހުށަހެޅި ދައުވާ ބަލައިނުގަތުމުން ހައިކޯޓަށް

ސުޕްރީމް ކޯޓުގެ ހުކުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލި ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތް މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ހައިކޯޓުގައި ފަށައިފި އެވެ.

ނާޒިމްގެ ގޮނޑި ގެއްލުނީ މަކަރާއި ހީލަތުގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެ 25 އަހަރުގެ ޖަލު ހުކުމެއް އިއްވުމުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އެ ހުކުމް ހަމަ އެ ކޯޓުން ވަނީ ރިވިއުކުރުމަށްފަހު ބާތިލްކޮށްފަ އެވެ. ހުކުމް ބާތިލްކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމުމާއެކު އެވެ.

އެހެންވެ ނާޒިމް ވަނީ ދިއްގަރު ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން އޭނާއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތަކާއި ޕެޝަން އަދި ޖަލު ހުކުމެއް ތަންފީޒުކޮށްފައިވާތީ އޭގެ ބަދަލު ނަގައިދިނުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ މައްސަލަ މިދިޔަ ފެބުރުއަރީ މަހު އެ ކޯޓަށް ހުށަހެޅުމުން ރަޖިސްޓްރާ ނިންމާފައިވަނީ ޝަރުއީ ކޯޓުތަކުން ނިންމާ އެއްވެސް ނިންމުމަކާ ގުޅޭ ގޮތުން ބަދަލު ހޯދުމަށް ހުށަހަޅާ މައްސަލަތަކުގެ އިހްތިސޯސް އެ ކޯޓަށް ނޯންނަ ކަމަށެވެ.

ނަމަވެސް ނާޒިމް ވަނީ ރަޖިސްޓްރާގެ އެ ނިންމުން އަލުން ބަލައިދިނުމަށް އެދިފަ އެވެ. އަލުން ބެލުމަށްފަހު ވެސް ސިވިލް ކޯޓުން ނިންމާފައިވަނީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށެވެ. އެގޮތަށް ނިންމީ ޝަރީއަތަކުން ކުރާ ހުކުމެއް އެ ނޫން ގޮތަކަށް ކަނޑަނާޅާ ދެމި އޮތްވާ އެ ހުކުމެއް ތަންފީޒުކުރާ ކަމެއްގައި ތަހައްމަލު ކުރި ކަމެއް، އެ ހުކުމެއް ބާތިލްވުމުން އޭގެ ބަދަލެއް ހޯދުމަށް ދައުވާ ކުރެވޭނެ ގޮތަށް ގާނޫނު އަސާސީގައި ނެތް ކަމަށް ސިވިލް ކޯޓުގެ ނިންމުމުގައިވެ އެވެ.

އެ ނިންމުން ނިންމާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ނިންމެވުމަކީ ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީގެ ނިންމެވުމެކެވެ.

އެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް ނާޒިމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލާގައި އޭނާގެ ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވީ ކުރިން ބަންޑާރަ ނައިބުގެ އޮފީހުގައި މަސައްކަތް ކުރެއްވި ވަކީލް މަރިޔަމް ޝުނާނާ އެވެ.

އިސްތިއުނާފު ކުރާ ސަބަބުތައް ހުށަހަޅުއްވަމުން ޝުނާނާ ވިދާޅުވީ މި މައްސަލާގައި ރަޖިސްޓްރާ ނިންމާފައިވާ ނިންމުމުން ހުކުމެއްގެ ނަތީޖާ ނުކުންނަ ކަމަށެވެ. ނަމަވެސް އެއީ ރަޖިސްޓްރާއަށް އޮތް ބާރެއް ނޫން ކަމަށާއި މައުލޫއީ ގޮތެއްގައި ރަޖިސްޓްރާއަށް ނިންމުންތައް ނުނިންމޭނެ ކަމަށެވެ.

ޝުނާނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން، 2010 ވަނަ ހައްޔަރުކުރި މައްސަލާގައި އޭނާއަށް ސިވިލް ކޯޓުން ބަދަލު ނަގައިދިން ކަމަށެވެ. އެ ބަދަލު ނަގައިދިނީ އޭނާގެ ބަންދަކީ ގާނޫނާ ހިލާފު ބަންދެއް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ކަމަށެވެ. އެހެންވީމަ ސުޕްރީމް ކޯޓުން އެމީހެއްގެ ބަންދަކީ ގާނޫނާ ހިލާފު ބަންދެއް ކަމަށް ކަނޑައަޅާ ހިސާބުން ހުކުމެއްގެ ދަށުން ވިޔަސް ބަންދުގައި ހުރި މީހަކަށް ބަދަލު ނަގައިދެވޭނެކަން އެނގިގެންދާ ކަމަށެވެ.

ސިވިލް ކޯޓުން، އަމިއްލައަށް ބަދަލު ނަގައިދީ އެގޮތަށް އަމަލު ކުރެވޭނެ ކަމަށް ހުކުމް ކޮށްފައި އޮތްއިރު އެ ކޯޓުގެ އަމިއްލަ ނިންމުންތަކަށް އެ ކޯޓުން އެހެން މައްސަލަތަކުގައި ބަލަން ޖެހޭނެ ކަމަށް ޝުނާނާ ވިދާޅުވި އެވެ. އެހެންވެ، ނާޒިމްގެ މައްސަލަ ވެސް ބަލައިގަނެ ޝަރީއަތް ހިންގަން ޖެހޭނެ ކަމަށެވެ.

އެހާ ހިސާބުން މައްސަލާގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޒާރު ސުވާލެއް ކުރެއްވި އެވެ. އެއީ، އެ ކޯޓެއްގެ ނިންމުމަށް އެ ކޯޓަކުން ތަބާވުމަކީ ޖުޑީޝަލް ޕްރެސީޑެންޓެއްތޯ ސުވާލު ކުރެއްވި އެވެ. އެ ކޯޓަކުން ތަބާވާން ޖެހޭނީ އެ ކޯޓަކަށްވުރެ މަތީ ކޯޓުތަކުގެ ނިންމުންތަކަށް ނޫންތޯ ސުވާލު ކުރެއްވި އެވެ.

ވަކީލް ޝުނާނާ ޖަވާބުގައި ވިދާޅުވީ ތަބާވާން ޖެހޭނީ މަތީ ކޯޓުތަކުގެ ނިންމުންތަކަށް ކަމަށެވެ. ނަމަވެސް އެ ކޯޓަކުން އެ ކޯޓެއްގެ އެހެން ނިންމުންތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ. އެ ކޯޓެއްގެ ނިންމުންތަކަށް އެ ކޯޓަކުން ރިއާޔަތް ނުކުރާ ހާލަތަކަށް އަންނާނީ ވެސް އެ ނިންމުމެއްގައި ގާނޫނީ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ފާހަގަވާ ހާލަތްތަކުގައި ކަމަށެވެ.

ރައީސް ޔާމީން، ބަދަލު ހޯދަން ހުށަހެޅި މައްސަލަ މަތީ ކޯޓަކަށް ގޮސްފައެއް ނުވެ އެވެ. އަދި އެ މައްސަލާގައި ދައުވާ ކޮށްފައިވަނީ ވެސް ފުލުހުންނާ ދެކޮޅަށެވެ. ނާޒިމްގެ މައްސަލާގައި ވަކި މުއައްސަސާއަކަށް ދައުވާ ކުރުމުގެ ބަދަލުގައި ދައުވާ ކޮށްފައިވަނީ ދައުލަތުގެ މައްޗަށެވެ. އެކަމާ ގުޅިގެން ބެންޗުގައި ހިމެނޭ ފަނޑިޔާރު އަލީ ސަމީރު ސުވާލު ކުރެއްވި އެވެ. މުޅި ދައުލަތް މައްޗަށް ދައުވާ ކުރެވޭތޯ އާއި މައްސަލަ ބަލައިގަތުމުގައި ދައުވާ ލިބޭ ފަރާތަކީ މަސްލަހަތު ހިމެނޭ ފަރާތެއްތޯ ދަށު ކޯޓުން ބަލާނެ ނޫންތޯ އެއްސެވި އެވެ.

ވަކީލް ޝުނާނާ ވިދާޅުވީ މުޅި ދައުލަތް ޖަހައިގެން ވެސް މައްސަލަތައް ކުރިއަށް ގެންގޮސްފައި އެބަހުރި ކަމަށެވެ. އަދި، ދައުލަތް ޖަހައިގެން މައްސަލަ ކުރިއަށް ނުގެންދެވޭ ނަމަވެސް އެއީ ބަންޑާރަ ނައިބު ފާހަގަ ކުރަން ޖެހޭ ކަމެއް ކަމަށާއި އެއީ ރަޖިސްޓްރާއަށް ނިންމޭނެ ކަމެއް ނޫން ކަމަށް ޝުނާނާ ވިދާޅުވި އެވެ. އެހެންވެ އެ މައްސަލާގައި މައުލޫއީ ގޮތެއްގައި ވާހަކަ ދެކެވި އެއީ ބަދަލު ނަގައިދެވޭނެ މައްސަލައެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވުމުން އެހާ ހިސާބުން އަޑުއެހުން ނިންމާލި އެވެ. އޭރު އިސްތިއުނާފު ކުރާ ސަބަބުތައް ވެސް އެއްކޮށް ހުށަހަޅާ ނުނިމެ އެވެ. މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި މިއަދު ނިމުނު ހިސާބުން ފެށިގެން ކުރިއަށްދާނެކަން ފަނޑިޔާރު ފާހަގަ ކުރައްވައި އަޑުއެހުން ނިންމާލެއްވި އެވެ. މި މައްސަލާގައި ދެން ބެންޗުގައި އިންނަވަނީ އަބްދުލް ރައޫފު އިބްރާހިމެވެ.