ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ދެމެދު ހަދާފައި އޮތް އެއްބަސްވުމެއްގެ ދަށުން ހުޅުވާފައި އޮތް އެސްކްރޯ އެކައުންޓުގެ މުއްދަތު ހަމަވުމުން އެ އެކައުންޓުގައި ހުރި ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ބީއެމްއެލް އިން ޖަމާކޮށްފައި ނުވާތީ އެ ފައިސާ ހޯދުމަށް ރައީސް ޔާމީން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ބީއެމްއެލް އިން ހައިކޯޓުގައި ދައުވާކޮށްފި އެވެ.
ހައިކޯޓަށް މިދިޔަ ބުދަ ދުވަހު ބީއެމްއެލް އިން މައްސަލަ ހުށަހަޅާފައިވީ ނަމަވެސް ކޯޓުގައި އަދި މައްސަލަ ރަޖިސްޓްރީކޮށްފައެއް ނުވެ އެވެ.
ރައީސް ޔާމީން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެދިވަޑައިގަތީ އެސްކްރޯ އެކައުންޓްގައި ހުރި ފައިސާ ބީއެމްއެލް އިން ހިފަހައްޓާފައިވަނީ އެމަނިކުފާނާއި އޭސީސީއާ ދެމެދު ހަދާފައި އޮތް އެއްބަސްވުމާ ހިލާފަށް ކަމަަށެވެ. އެހެންވެ ރައީސް ޔާމީން ވަނީ އެސްކްރޯ އެކައުންޓްގައި ހުރި ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރުމަށާއި އަދި އެ ފައިސާ އިންވެސްޓްމަންޓް އެކައުންޓެއްގައި ބަހައްޓައިގެން ލިބިވަޑައިގަންނަވާނެ ކަމަށް އަންދާޒާ ކުރެވޭ އަދަދަށް ބީއެމްއެލް އިން ބަދަލުގެ ގޮތުގައި ފައިސާ ހޯދުމަށް އެދިވަޑައިގެންފަ އެވެ.
ސިވިލް ކޯޓުގައި ބީއެމްއެލް އިން ވަނީ ޔާމީންގެ ހުށަހެޅުމާ ދެކޮޅު ހަދައި، އެ ބޭންކަކީ ޔާމީންގެ މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތަށް މައްސަލައިގެ ބައިވެރިއެއް ނޫން ކަމަށާއި ދައުވާ ރައްދު ވާނީ ހަމައެކަނި އޭސީސީއަށް ކަމަށް ބުނެފަ އެވެ.
ސިވިލް ކޯޓުން ވަނީ ދައުވާ އިން ބޭރުވުމަށް ބީއެމްއެލް އިން ނެގި އިއުތިރާޒާއި މިމައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބީއެމްއެލް އިން ބުނުމުން އެ ބޭންކްގެ އިއުތިރާޒާއި ބުނުން ބަލައިނުގަތުމަށް މިދިޔަ ފެބްރުއަރީ 20 ވަނަ ދުވަހު ނިންމާފަ އެވެ.
ރައީސް ޔާމީން މިވަގުތުވެސް ގެންދަވަނީ ބޮޑެތި ލުއިތަކަކާ އެކު އަދި ގޭގައި ހުންނަވައިގެން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މިހުކުމް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވަނީ ވ. އާރަށް ކުއްޔަށް ދިނުމުގެ ހިޔާނާތުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ ދައުލަތުން ކުރި ދެ ދައުވާ ސާބިތުވުމުންނެވެ. ރައީސް ޔާމީން ވަނީ މިދައުވާ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އިސްތިއުނާފް މައްސަލަ ހައިކޯޓުގައި އޮންނަތާ އަހަރެއްވީއިރު މިހާރު އޮތީ ހުކުމަކާ ހަމައަށް ގޮސްފަ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ހިންގާފައިވާ ކަމަށް ބުނާ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން އެ މައްސަލައިގައިވެސް ދައުލަތުން ވަަނީ ޔާމީންގެ މައްޗަށް ދައުވާ އުފުލާފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާ ގުޅިގެން މައްސަލައިގެ އަޑުއެހުންތައް އެދެވޭ ގޮތަކަށް ކުރިއަކަށް ނުދެ އެވެ.