ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީގެ މަސްލަހަތު އޮންނަ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓް ބީއެމްއެލްއިން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމް އިސްތިއުނާފު ކުރަން ބީއެމްއެލް އިން ނިންމައިފި އެވެ.
ކިންގްސް ކެޕިޓަލްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓް ކޯޓު އަމުރެއް ނެތި ބީއެމްއެލް އިން ވަގުތީ ގޮތުން ޑީއެކްޓިވޭޓްކޮށް އެކައުންޓްގައިވާ ފައިސާ ހިފަހައްޓާފައިވާތީ ބީއެމްއެލް އިން ކިންގްސް ކެޕިޓަލްގެ އެކައުންޓްގައި ހުރި ފައިސާ ހިފަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ކިންގްސް ކެޕިޓަލް އިން ސިވިލް ކޯޓަށް ހުށަހެޅީ މާޗް 29، 2022ގަ އެވެ.
ސިވިލް ކޯޓުން އިއްޔެ ހުކުމްގައި ވަނީ ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓްގައި ހުރި ފައިސާ ބޭންކުން ހިފަހައްޓާފައިވަނީ ދެ ފަރާތުގެ ދެމެދުގައި ގާއިމުވެފައިވާ ތައާޤުދީ ގުޅުމާއި ހިލާފަށް ކަމަށް ކަނޑައަޅާފަ އެވެ. އަދި ބީއެމްއެލް އިން އެކައުންޓް ޑީއެކްޓިވޭޓްކޮށް އެކައުންޓްގައި ހުރި ފައިސާ ހިފެހެއްޓުމުގެ ސަބަބުން ކިންގްސް ކެޕިޓަލްގެ ވިޔަފާރިއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު ކިންގްސް ކެޕިޓަލްއަށް ލިބިގެންވާ ކަމަށް ހުކުމްކޮށްފައިވެ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މައްސަލަ އިސްތިއުނާފް ކުރަނީ ސިވިލް ކޯޓުގެ ނިންމުމުގައި ރިއާޔަތް ނުކުރާ ޝަރުއީ އަދި ގާނޫނީ ނުކުތާތަކަށެވެ. އެ ނުކުތާތަކަށް ރިއާޔަތްކޮށް އިސްތިއުނާފީ މަރުހަލާގައި އިންސާފުވެރި ނިންމުމެއް ނިންމާނެ ކަމަށް އުންމީދުކުރާ ކަމަށް ވަނީ ބުނެފަ އެވެ.
ކިންގްސް ކެޕިޓަލް އިން އާންމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާ އުސޫލުތަކާއި ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކާ މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އަލްހާން ފަހުމީ ވަނީ މިދިޔަ އަހަރު ފުލުހަށްވެސް ހާޒިރުކޮށްފަ އެވެ.
އަލްހާން ވަނީ އޭނާގެ މައްޗަށް ކުރާ މަނީލޯންޑަރިންގެ ތުހުމަތަށް އިންކާރުކޮށްފަ އެވެ.
ކިންގްސް ކުންފުނިން ހިންގި ސްކީމުގެ ތެރެއިން ގެއްލުން ލިބުނު މީހުން ޝަކުވާ ހުށަހަޅަން ކަމާ ގުޅޭ އިދާރާތަކުން އެންގުމުން 1،500އާ ގާތްކުރާ މީހުން ޝަކުވާ ހުށަހަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.