ހަބަރު

އިސްލާމިކް ބޭންކުގެ ހިއްސާ ވިއްކަން ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އާއްމުންނަށް ހިއްސާ ވިއްކަން ފަށައިފި އެވެ.

އެމްއައިބީގެ ހިއްސާ ވިއްކަން ފެށީ އިއްޔެ އެވެ. އެ ބޭންކުގެ ހިއްސާ އެންމެ މަދުން ގަނެވޭނީ 20 ހިއްސާ އެވެ. (އެއީ 35ރ. އަށް ހިއްސާއެއްގެ މަގުން ބަލާނަމަ 700ރ. ގެ ހިއްސާ ) އެވެ. އަދި 10 ހިއްސާ އިން އަދަދު އިތުރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އެ ކުންފުނި ވަނީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފަ އެވެ. ހިއްސާ ވިއްކަން ހުޅުވާލިއިރު ހިއްސާ ބެހިގެން ދާނީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވްލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ. އެމްއައިބީގެ ޖުމްލަ ހިއްސާގެ 31 ޕަސެންޓް ވިއްކާއިރު، ވިއްކާ ހިއްސާގެ ޖުމްލަ އަދަދަކީ 6،975،000 އެވެ.

އެ ކުންފުނިން ބުނިގޮތުގައި ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާނެ ކަމަށެވެ. އެގޮތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ އިންފިނިޓީ ފޯޓަލް މެދުވެރިކޮށް އެ ބޭންކުގެ ހިއްސާ ގަނެވޭނެ އެވެ. ހިއްސާ ގަތުން ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާއިފަވެ އެވެ.