ސިވިލް ކޯޓް

ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް އާޒިމާގެ މައްޗަށް ހުކުމްކޮށްފި

ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މައްޗަށް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ އިސްލާމިކް ބޭންކަށް ދެއްކުމަށް ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދު މި ހުކުމް ކޮށްފައިވަނީ އާޒިމާގެ ޣައިރު ހާޒިރު ގައެވެ.

ހުކުމްގައިވަނީ "މުޝާރަކާ އެގްރިމެންޓް" އެއްގެ ދަށުން އިސްލާމިކް ބޭންކަށް އާޒިމާ ދައްކަންޖެހޭ ފައިސާ ގަވައިދުން ނުދައްކާތީ ހަމަސް ދުވަސް ތެރޭގައި އެ ފައިސާ ބޭންކަށް ދެއްކުމަށެވެ.

މިއީ އިސްލާމިކް ބޭންކުން ފައިނޭންސް ހޯދައިގެން އާޒިމާ ހުޅުމާލެ އިން ގަނެފައިވާ އެޕާޓްމަންޓަކަށް ފައިސާ ނުދެއްކުމުން ކުރި ހުކުމެކެވެ.

ހުކުމްގައި ބުނެފައިވަނީ މިހާތަނަށް ދައްކަންޖެހޭ 4،030،856 ރުފިޔާ އެބައޮތް ކަމަށާއި މީގެތެރޭގައި ޗެރިޓީގެ ގޮތުގައި އަރާފައިވާ 125،499 ރުފިޔާ އޮތް ކަމަށެވެ.

އާޒިމާ ދައްކަންޖެހޭ ފައިސާ ހަމަހަށް ބަހާލައިގެން އެ މަހަކަށް ޖެހޭ އަދަދު ގަވައިދުން ކޯޓަށް ދެއްކުމަށްވެސް ހުކުމްގައިވެ އެވެ.

އާޒިމާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހުޅުމާލޭގެ ބިމަކާއި ފްލެޓެއް އެ ފައިސާ ދައްކާ ނިމެންދެން ރަހުނުގެ ގޮތުގައި އޮންނާނެ ކަމަށް އާޒިމާ އާއި އިސްލާމިކް ބޭންކާ ދެމެދު ހެދިފައި އޮތް އެއްބަސްވުމުގައި ވެއެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އިސްލާމިކް ބޭންކަށް ލިބިގެންވާ ހައްގުތަކާއި ބާރުތައް ދެމިއޮންނާނެ ކަމަށްވެސް ހުކުމުގައިވެ އެވެ.

އާޒިމާގެ މައްޗަށް ފައިސާއާ ގުޅޭ ބޮޑު ހުކުމެއް އައިސްފައި މިވަނީ މިމަހުގެ 13 ވަނަ ދުވަހު މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިހާބުގައި އާޒިމާ ވާދަކުރައްވަމުން ގެންދަވަނިކޮށެވެ.

މިހުކުމާ ގުޅިގެން އާޒިމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާގެ ޣައިރު ހާޒިރުގައި ކޯޓުން މައްސަލަ ނިންމިއިރު ފައިސާ ދެއްކުމަށްޓަކައި އިސްލާމިކް ބޭންކާ އެކު ދިޔައީ ވާހަކަދެކެވެމުން ކަމަށެވެ. އެހެންކަމުން މި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.