އާޒިމާ ޝަކޫރު

ނޫހަކާ ދެކޮޅަށް އާޒިމާ އަބުރުގެ ދައުވާ ކުރައްވަނީ

Jan 8, 2024

މާލޭގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރާއި ގުޅޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ފެތުރި ކަމަށް ވިދާޅުވެ ނޫހަކާއި ދެކޮޅަށް އަބުރުގެ ދައުވާކުރަން އޭނާ ނިންމަވައިފި އެވެ.

"މުޝާކަރާ އެގްރިމެންޓް" އެއްގެ ދަށުން އާޒިމާ ޝަކޫރު އިސްލާމިކް ބޭންކަށް ދައްކަންޖެހޭ ފައިސާ ގަވައިދުން ނުދައްކާތީ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ބޭންކަށް ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އާޒިމާގެ މައްޗަށް ސިވިލް ކޯޓުން ވަނީ މިމަހު ހުކުމްކޮށްފަ އެވެ.

އެ ހުކުމްކޮށްފައި ވަނިކޮށް އާޒިމާގެ މައްޗަށް ފައިސާގެ އެހެން މައްސަލައެއްގައި ދައުވާކޮށް ހުކުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެ ނޫހަކުން ވަނީ ހަބަރެއް ޝާއިއުކޮށްފަ އެވެ.

އާޒިމާ ނެރުއްވި ބަޔާނެއްގައި ވަނީ އެފަދަ ދައުވާއެއް އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އެކަން ސިވިލް ކޯޓުން ސާފުކުރެއްވި ކަމަށާއި އެފަދަ ދައުވާއެއް ނެތް ކަމަށް އެ ކޯޓުން ލިޔުމުން ޖަވާބުދީފައިވާ ކަމަށް އާޒިމާ ވިދާޅުވި އެވެ.

އެހެންކަމުން އެ ނޫހާ ދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.

އެ ނޫހުގައި ހަބަރު ލިޔެފައިވަނީ ލިޔުންތަކެއް އުފައްދައިގެން ކަމަށް ގަބޫލު ކުރެވޭތީ އެކަން ތަހުގީގުކުރަން ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން މިއީ އިންތިހާބީ ހައްގަށް އަރައިގަތުން ކަމަށާއި އެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވި ގޮތުގައި އިސްލާމިކް ބޭންކަށް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކުރީ ލޯނު ރީސްޓްރަކްޗާކުރަން ވާހަކަ ދައްކަން ފަށައި ފައިސާ ދައްކާނެ ގޮތުގެ ޝެޑިއުލް ބޭންކަށް ހުށަހަޅާފައިވަނިކޮށެވެ.