މާލޭގެ އިންޑަސްޓްރިއަލް ޒޯނުގެ ބިންތައް ހައުސިން މިިނިސްޓްރީއާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން ވަނީ އެ ބިންތަކަކީ ހައުސިން މިނިސްޓްރީގެ ބިން ކަމަށް ކަނޑައަޅައި އެ ތަނުގައި ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތައް ވަގުތުން ހުއްޓާލަން އަމުުކޮށްފަ އެވެ.
ހައުސިން މިނިސްޓްރީން މީގެ ކުރިންވެސް ވަނީ އެކިފަަހަރު މަތިން އެ ބިންތައް ހުސްކޮށް، އެ މިނިސްޓްރީއަށް ހަވާލުކުރުމަށް މާލެ ސިޓީ ކައުންސިލަށް އަންގާފަ އެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިވެސް ވަނީ ފަސް ދުވަހުގެ ތެރޭގައި އެ ބިންތައް ހަވާލުކުރުމަށް އަންގާފަ އެވެ.
އިންޑަސްޓްރިއަލް ޒޯނުގެ ބިންތައް ހޯދުމަށް ހައުސިން މިނިސްޓްރީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ މެއި މަހުގެ ހަތްވަނަ ދުވަހު އެވެ.
ހައުސިން މިނިސްޓްރީން ވަނީ އެ ބިންތަކަކީ މާލެ ސިޓީ ކައުންސިލްގެ ބިންތަކެއް ނޫން ކަމަށް ކަނޑައަޅައިދީ އެ ބިންތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމުގެ ބާރު ސިޓީ ކައުންސިލަށް ނެތް ކަމަށް ކަނޑައަޅައިދިނުމަށްވެސް ކޯޓުގައި އެދިފަ އެވެ. އަދި އެތަނުގައި ކުރަމުންދާ ހުރިހާ މަސައްކަތްތަކެއް ހުއްޓުވައި އެ ބިންތައް މިނިސްޓްރީއާ ހަވާލުކުރުމަށް އަމުކުރުމަށްވެސް މިނިސްޓްރީން އެދިފައިވެ އެވެ.
ސިވިލް ކޯޓުން މިމައްސަލައިގައި މިއަދު އަމުރެއް ނެރުނީ ކައުންސިލަށް ދިފާއު ހުށަހެޅުމަށް ދިން މުއްދަތުގައި ދިފާއު ހުށަހަޅާފައި ނުވާތީ ކައުންސިލްގެ ޣައިރު ހާޒިރުގައެވެ.