ހަބަރު

މާލޭ އިންޑަސްޓްރިއަލް ވިލެޖު ތަރައްގީކުރަން ރައްޔިތުންގެ ހިޔާލު ހޯދަނީ

ނިމިގެން ދިޔަ ސަރުކާރުން މާލޭގައި ހަދާފައިވާ އިންޑަސްޓްރިއަލް ވިލެޖު މުސްތަގުބަލުގައި ބޭނުންކުރާނެ ގޮތާ ގުޅޭ ގޮތުން މާލޭ ރައްޔިތުންގެ ހިޔާލު ހޯދަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ގަރާޖުތަކާއި ވޯކްޝޮޕްތަކާއި ގުދަންތައް ފަދަ ތަންތަން މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަން ކުރީގެ ސަރުކާރުން ޕްލޭން ކޮށްފައި އޮތް ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ޕްލޭނަކީ އެތަނަކީ މައިގަނޑު ގޮތެއްގައި މުނި ފޫހިފިލުވާ ތަނަކަށް ހެދުން ކަމަށެވެ. އެހެންކަމުން އެތަނުގެ މުސްތަގުބަލާ މެދު ގޮތެއް ނިންމަން ޖެހޭނީ ރައްޔިތުންގެ ބަސް ހޯދައިގެން ކަމުގައި ވިދާޅުވި އެވެ.

"އެގޮތަށް ނިންމައިރުވެސް އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވޭ މާލެއާއި ތިލަފުއްޓާ ގުޅޭ ބްރިޖުގެ މަޝްރޫއު ފެށޭކަމަށްވާނަމަ އެ ބްރިޖުގެ މަޝްރޫއުގެ ކޮންސްޓްރަކްޝަން ސައިޓަކަށް އިންޑަސްޓްރިއަލް ވިލެޖުން އެކަށީގެންވާ ސައިޒުގެ ބިމެއް ސަރުކާރަށް ބޭނުންވާނެ. އަޅުގަނޑަށް ހަމަގަބޫލުކުރެވޭ އެކަން އޮންނަންވާނެ ގޮތްކަން އެއީ. އަޅުގަނޑުމެން ސިނަމާލެ ބްރިޖު އެޅިއިރުގައި ލޮނިޒިޔާރަތް ކޮޅުގެ ބޮޑު ސަރަހައްދެއް ދޭން ޖެހުނު ސައިޓެއްގެ ގޮތުގައި" މުއިއްޒު ވިދާޅުވި އެވެ.

އެހެންކަމުން ތިލަމާލެ ބްރިޖުގެ މަސައްކަތަށް އިންޑަސްޓްރިއަލް ވިލެޖު، ކޮންސްޓަރަކްޝަން ސައިޓެއްގެ ގޮތުގައި ބޭނުންކުރުމަށް ފަހު ދެން އެތަން މުސްތަގުބަލުގައި ބޭނުންކުރާނެ ގޮތާމެދު ރައްޔިތުންގެ ހިޔާލު ބޭނުންވާ ކަމުގައި މޭޔަރު ވިދާޅުވި އެވެ.

އިންޑަސްޓްރިއަލް ވިލެޖުގެ އިތުރުން މާލޭގެ ތަަރައްގީއާ ގުޅޭ އެހެނިހެން ކަންކަމުގައި ވެސް ރައްޔިތުންގެ ހިޔާލު ހޯދަން ކައުންސިލުން ވަނީ ނިންމާފަ އެވެ. އެގޮތުން މާލޭގައި ސްކޫލު ބަހާއި އަދި ޕަބްލިކް ބަހުގެ ހިދުމަތް ގާއިމުކުރުމާއި، ޕާކިން ފެސިލިޓީތައް ގާއިމުކުރާ ތަންތަނާއި އަދި މުޅި މާލެ ވައިފައިކޮށް ސީސީޓީވީ ކުރަން ނިންމި ޕްލޭނަށްވެސް ހިިޔާލު ހޯދާނެ އެވެ. އެކަންކަމާ ގުޅޭ ގޮތުން ހިޔާލު ހޯދަން މާލޭގެ ކޮންމެ އަވަށެއްގެ ރައްޔިތުންނާ ވެސް ބައްދަލުކުރާނެ އެވެ.

ސިޓީ ކައުންސިލުން މިރޭ ބައްދަލުކުރަން ނިންމާފައިވަނީ ގަލޮޅުގެ ރައްޔިތުންނާ އެވެ. މާލޭގެ ބާ އިންޖީނުގެ ކުރިން ހިންގި ތަނުގައި ހަދާފައިވާ ޕާކު ސަރަހައްދުގައި މިބައްދަލުވުން ފެށުމަށް ހަމަޖައްސާފައިވަނީ މިރޭ 8:30 ގައެވެ.

ސިޓީ ކައުންސިލުން އިތުރަށް ބާއްވަން ނިންމި ބައްދަލުވުންތައް

  • ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރުން - ވިލިމާލެ ފުޓްބޯޅަ ދަނޑުގައި ( 8 އޮަގަސްޓްގެ ރޭ 8:30)
  • މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރަން - މާފަންނު ސްޓޭޑިއަމް ޓާފް ދަނޑުގައި ( 10 އޮަގަސްޓްގެ ރޭ 8:30)
  • މާފަންނު ރައްޔިތުންނަ ބައްދަލުކުރުން - ރަސްފަންނުގައި ( 12 އޮަގަސްޓްގެ ރޭ 8:30)
  • ހެންވޭރު ރައްޔިތުންނާ ބައްދަލުކުރުން - ލޮނުޒިޔާރަތް ޕާކުގައި ( 14 އޮަގަސްޓްގެ ރޭ 8:30)