މާލޭ ސިނާއީ ސަރަހައްދު، އިންޑަސްޓްރިއަލް ވިލެޖުގައި ހުރި ހުރިހާ ވެހިކަލްތަކެއް ނަގާ އެތަން ސާފު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މާލޭ ހުޅަނގު ފަރާތުގައި ހަދާފައިވާ އިންޑަސްޓްރިއަލް ވިލެޖުގައި ހުރި ވެހިކަލްތައް ނަގަން މާލެ ސިޓީ ކައުންސިލުން ރޭ ކުރި އިއުލާނެއްގައި ވަނީ އަންގާފަ އެވެ. ކައުންސިލުން ބުނީ އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކައުންސިލާއި ވެމްކޯ ގުޅިގެން ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެސަރަހައްދުގައި ޕާކްކޮށްފައި ހުރި ހުރިހާ ވެހިކަލެއް އަންނަ ހަފްތާގެ ބުރާސްފަތިި ދުވަހުގެ ކުރިން ނެގުމަށެވެ.
އަދި، މި މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފިނަމަ ކައުންސިލުން ފުލުހުން މެދުވެރިކޮށް އެ ތަކެތި ނެގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި ނެގުމުގައި ތަކެއްޗަށް ލިބޭ ގެއްލުމުގައި ކައުންސިލުން ޒިންމާ ނުވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
"އެ ސަރަޙައްދުގައި ހުރި އިންޖީނު ނެތް ވެހިކަލްތައްވެސް ދަންނަވާފައިވާ މުއްދަތުގެ ތެރޭގައި ނުނަންގަވައިފިނަމަ އުކާލެވޭނެ ވާހަކަ ދަންނަވަން" އިއުލާނުގައި ވެ އެވެ.
މާލެ ސިނާއީ ސަރަހައްދުގެ ގޮތުގައި ގުދަންތަކާއި ވޯކްޝޮޕާއި ވެހިކަލް މަރާމާތުކުރާ ގަރާޖު ފަދަ ތަންތަން ބަހައްޓަން ބޮޑު ޕްލޭނެއް އެކުލަވާލާ ތަރައްގީ ކުރި މި ސަރަހައްދު މިފަހުން ފެންނަން ފެށީ ކުނި އުކާ ތަނެއްގެ ގޮތުގަ އެވެ. ބައެއް ބިންތައް އަމިއްލަ ފަރާތްތަކަށް ދޫކުރި ނަމަވެސް ގިނަ ބިން ތަަކުގައި އަމަލީ މަސައްކަތެއް ކޮށްފަ އެއް ނުވެ އެވެ.
އިންޑަސްޓްރިއަލް ޒޯނު ސާފު ނުކޮށް އެ ސަރަހައްދުގައި ކުނިތައް ގިނަވެ ވަރަށް ގިނަ ބަަޔަކު ވަނީ މީގެ ކުރިންވެސް ޝަކުވާ ކޮށްފަ އެވެ. މި ސަރަހައްދު ތަރައްގީ ކުރި ޕްލޭނިން މިނިސްޓްރީން މި މަހު ވަނީ އިންޑަސްޓްރިއަލް ޒޯންގެ މަގުތައް ބެލެހެއްޓުން ސިޓީ ކައުންސިލާ ހަވާލުކޮށްފަ އެވެ.