ސްޓެލްކޯއިން މަގު ބަންދު ކޮށްގެން ޖަނަރޭޓަރު ބަހައްޓައިގެން އުޅޭތީ މަގު ހުޅުވާލަން އެންގުމުން އެގޮތަށް އަމަލު ކޮށްފައި ނުވާތީ އެކަމުގައި ގާނޫގީ ގޮތުން ކުރެވޭނެ ހުރިހާ މަސައްކަތްތަކެއް ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެކި މަސައްކަތްތަކަށް ބަންދު ކޮށްފައިވާ މަގުތައް ހުޅުވައި ދިނުމަށް މި މަހުގެ އަށްވަނަ ދުވަހު ސްޓެލްކޯއަށް އަންގާފައި ވާނެ ކަމަށެވެ. މަގު ހުޅުވަން ދީފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ.
މުއިއްޒު ވިދާޅުވީ ބަންދު ކޮށްފައިވާ މަގުތައް ހުޅުވައިފިނަމަ މާލެއަށް ކަރަންޓު ދިނުމަށް ހުރަސްތަކަކާ ކުރިމަތިވާނެ ކަމަށް ސްޓެލްކޯއިން ބުނާ ކަމަށެވެ. އެކަމަކު މުއިއްޒު ދެކެވަޑައިގަންނަވަނީ އެއީ ގަބޫލު ކުރެވެން ނެތް ބަހަނާ އެއްގެ ގޮތުގަ އެވެ.
މެޔަރު ވިދާޅުވީ ސްޓެލްކޯ އިން ބަންދު ކޮށްގެން އުޅޭ ދެ މަގެއް ސްޓެލްކޯއަށް ދިނީ ޖަނަރޭޓަރު ބަހައްޓައް ނޫން ކަމަށެވެ. އެއީ އޭރުގެ ކައުންސިލްގައި އެދުމުން ވަގުތީ ގޮތުން ވަކި ކަމަކަށް ބަންދު ކުރެވުނު މަގުތަކެއް ކަމަށެވެ. ނަމަވެސް ސްޓެލްކޯއިން އެ މަގުތައް ދާއިމީކޮށް ބަންދު ކޮށްފައި ކަމަށާއި އެއީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެހެންކަމުން ސްޓެލްކޯ ހެޑް އޮފީސް ކައިރިން ބަންދުކޮށްފައިވާ މަގުތަކާއި ގޯޅިތައް ހުޅުވަން ދިން މުއްދަތުގައި އެކަން ކޮށްފައި ނުވާތީ އެ ތަންތަން ހުޅުވަން ގާނޫނީ ގޮތުން ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ހުޅުވާލަން އެންގީ ސްޓެލްކޯގެ ހެޑް އޮފީހާ ޖެހިގެން ބަންދުކޮށްފައިވާ ގޯޅި އާއި އެ އޮފީހާއި ކުޑަކުދިންގެ ބަގީޗާ ފަހަތަށް އޮންނަ ގޯޅިއާ ގުޅިފައިވާ ފެންމީރު ހިނގުމެވެ. އަދި ސްޓެލްކޯގެ ބޭނުމަށް ބަންދުކޮށްފައިވާ ދޮންއަދަރާދަ ހިނގުމުގެ ބައި ވެސް ހުޅުވައިލަން ވަނީ އަންގާފަ އެވެ.
ސްޓެލްކޯގެ އިތުރުން އެމްޑަބްލިއުއެސްސީގެ ހެޑް އޮފީސް ކައިރިން ބަންދު ކޮށްފައިވާ ސަރަހައްދު ހުޅުވާލުމަށް ވެސް ސިޓީ ކައުންސިލުން މިހާރު ވަނީ އަންގާފަ އެވެ. އެއީ، އާސަހަރާ ކައިިރިން ބަންދުކޮށްފައި އޮންނަ ފަޅުމަތީ މަގުގެ ސަރަހައްދާއި ނިކަގަސް ހިނގުމުގެ ބަންދު ކޮށްފައިވާ ބައެވެ.