ހައިކޯޓް

ސިޓީ ކައުންސިލާއި ދެކޮޅަށް ސްޓެލްކޯއިން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްފި

މާލޭ ސިޓީ ކައުންސިލްގެ ދެ އުސޫލެއް ބާތިލުކުރަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފި އެވެ.

ސްޓެލްކޯ އިން ހުށަހެޅީ މާލެ ސިޓީގެ މަގުމަތީގައި މަގު ބަންދު ނުކޮށް އަދި މަގު ބަންދު ކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާންމުކޮށް މަސައްކަތް ކުރުމުގެ އުސޫލު ބާތިލުކުރުމަށެވެ.

ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައި ބުނެފައިވަނީ ގާނޫނަކުން ބާރު ލިބިގެންވާ ހަދާފައިވާ ގަވާއިދެއް ނުވަތަ އުސޫލެއް ގާނޫނާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކުގައި އެކަމުގެ ސަބަބުތައް ތަފުސީލުކޮށް ބަޔާން ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް، ސްޓެލްކޯ އިން ސިޓީ ކައުންސިލާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ސަބަބުތައް ތަފްސީލުކޮށްދީފަ ނުވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ސިޓީ ކައުންސިލުން އެ އުސޫލުތައް ކަނޑައެޅުމުގެ ކުރިން މަޝްވަރާކުރަންޖެހޭ އެއްވެސް ފަރާތަކާއި މަޝްވަރާކޮށްފައި ނުވާ ކަމަށާއި ބައެއް އަގުތައް 154 އިންސައްތަ މަތި ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ސްޓެލްކޯއިން ކަރަންޓުގެ އަގު ކުޑަކުރުމުގެ ގޮތުން، ކެޕޭސިޓީ އިތުރުކޮށް ޓްރާންސްފޯމަރުތައް ބޮޑުކުރުމަށް ހުއްދައަށް އެދުމުން ވެސް ސިޓީ ކައުންސިލުން އެކަމަށް އެއްބާރުލުން ދީފައިނުވާކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.

ސިޓީ ކައުންސިލުން ކަރަންޓު ބިލު ނުދައްކާތީ ސްޓެލްކޯއިން ވަނީ ސިޓީ ކައުންސިލުގެ ބައެއް ބިންތަކުން ކަރަންޓު ވެސް ކަނޑާލާފައެވެ.