ސްޓެލްކޯ

ސިޓީ ކައުންސިލްގެ މައްސަލަ އަލުން ކޯޓަށް

Feb 9, 2023

މާލޭ ސިޓީ ކައުންސިލުން އެކުލަވާފައިވާ ދެ އުސޫލެއް ބާތިލުކުރަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހައި ކޯޓަށް ދުސްތޫރީ މައްސަލަ ބަލައިނުގަތުމުން އަނެއްކާވެސް އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި އެވެ.

ސްޓެލްކޯ އިން ކޯޓަށް ހުށަހެޅީ މާލެ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގުބަންދު ކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާންމުކޮށް މަސައްކަތް ކުރުމުގެ އުސޫލު ބާތިލުކުރުމަށެވެ.

އެންމެ ފުރަތަމަ މިމައްސަލަ ހައިކޯޓަށް ހުށަހެޅުމުން ކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ.

ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ އުސޫލެއް ގާނޫނާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކުގައި އެކަމުގެ ސަބަބުތައް ތަފުސީލުކޮށް ބަޔާން ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް، ސްޓެލްކޯ އިން ސިޓީ ކައުންސިލާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ސަބަބުތައް ތަފްސީލް ކޮށްދީފައި ނުވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކަނޑައެޅީ އެވެ.

ސްޓެލްކޯ އިން މިހާރު ވަނީ މައްސަލަ އިތުރަށް އިސްލާހުކުރުމަށްފަހު އިއްޔެގެ ވަގުތެއްގައި ހައިކޯޓަށް އަލުން މައްސަލަ ހުށަހަޅާފަ އެވެ. އެކަމަކު މިމައްސަލަ އަދި ބަލައިގެންފައެއް ނުވެ އެވެ.

ސްޓެލްކޯ އިން މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން އެ އުސޫލުތައް ކަނޑައެޅުމުގެ ކުރިން މަޝްވަރާކުރަންޖެހޭ އެއްވެސް ފަރާތަކާއި މަޝްވަރާކޮށްފައި ނުވާ ކަމަށާއި ބައެއް އަގުތައް 154 އިންސައްތަ މަތިކޮށްފައިވާ ކަމަށެވެ.

"ކުރިން 30،000 ރުފިޔާ ދައްކަން ޖެހޭ ހިދުމަތްތަކަށް، އާ އުސޫލުގެ ސަބަބުން 80،000 އަށް ވުރެ ގިނައިން މިހާރު ދައްކަން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން އަގުތަކަށް ގެނައި ބަދަލު

  • ސިޓީ ކައުންސިލުން އަގުތަކަށް ގެނައި ބަދަލު
  • މަގުމަތީ ބޯޑު ބަހެއްޓުން: ކުރިން ނެގީ 60ރ.، މިހާރު 200ރ.
  • ޕޭވްމަންޓް ކޮނުން: ކުރިން އަގެއް ނުނަގާ، މިހާރު 25ރ.
  • ޖަންގްޝަން ނެގުން: ކުރިން އަގެއް ނުނަގާ، މިހާރު 300ރ.
  • ރޯޑް ބްލޮކް ނެގުން: ކުރިން އަގެއް ނުނަގާ، މިހާރު 100ރ.
  • މަގު ބަންދުކުރާ ބޯޑު ބަހެއްޓުން: ކުރިން ނެގީ 150ރ.، މިހާރު 300ރ.

ޝަރީފް ވިދާޅުވީ އެފަދަ ބޮޑު ބަދަލެއް އުސޫލުތަކަށް ގެނައުމުގެ ކުރިން ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ވެސް ސިޓީ ކައުންސިލުން އަންގައި މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި އާންމުކޮށް ރައްޔިތުންނަށް ހިދުމަތްތައް ދިނުމުގައި މަގުތައް ކޮނެ ހަދާ ކުންފުނިތަކާއި ވެސް ކައުންސިލުން އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ސްޓެލްކޯއިން ކަރަންޓުގެ އަގު ކުޑަކުރުމުގެ ގޮތުން، ކެޕޭސިޓީ އިތުރުކޮށް ޓްރާންސްފޯމަރުތައް ބޮޑުކުރުމަށް ހުއްދައަށް އެދުމުން ސިޓީ ކައުންސިލުން އެކަމަށް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.