ވިލިމާލޭގައި ސްޓެލްކޯގެ ޓްރާންސްފޯމަރެއް ބެހެއްޓުމަށް ބޭނުންވެގެން އެ ކުންފުނިން ހުށަހެޅި ބިން ނުދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ސްޓެލްކޯ އިން ހުށަހަޅާފައި އޮތީ ވިލިމާލޭގައި ހުރި އިންޖީނުގެއާ ޖެހިގެން އޮތް ބިމުން 30 ފޫޓު 30 ފޫޓުގެ ބިމެއް ހަމަޖައްސައިދިނުމަށެވެ.
ސްޓެލްކޯ އަށް ބިން ބޭނުންވެގެން ހުށަހަޅާއިރު އެ ކުންފުނިން އަމަލުކުރާ ގޮތާ މެދު މާލެ ސިޓީ ކައުންސިލްގެ މިއަދު ބައްދަލުވުމުގައި ބައެއް ކައުންސިލަރުން ވަނީ ވަރަށް ބޮޑަށް ސްޓެލްކޯ އަށް ފާޑު ވިދާޅުވެފަ އެވެ.
މިބައްދަލުވުމުގައި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހްލާ އަލީ ވިދާޅުވީ ސްޓެލްކޯ އިން ބޭނުންވާ ބިން ވަކި ސަރަހައްދަކުން ހޯދަން މަސައްކަތް ކުރަނީ އެ ކުންފުންޏަށް ވިލިމާލެ އިން މިހާރު ދީފައިވާ ބޮޑު ބިމަށް ޖާގަ އިތުރުކުރުމުގެ ބޭނުމުގައި ކަމަށެވެ.
ނަހްލާ ވަނީ ސްޓެލްކޯގެ އިންޖީނުގެއާ ޖެހިގެން އޮތް ބިމުން އެ ކުންފުންޏަށް ބިން ދިނުމަށް ދެކޮޅުވެސް ހައްދަވާފަ އެވެ.
ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހު ވިދާޅުވީ ސްޓެލްކޯ ކަހަލަ ކުންފުންޏަކުން މާލާގެ އެކި ސަރަހައްދުން ބިން ހޯދުމަށް އެދޭއިރު ދިގު މުއްދަތުގެ ޕްލޭނެއް އޮންނަން ވާނެ ކަމަށެވެ. ނަމަވެސް ސްޓެލްކޯ އިން ބިން ބޭނުންވެގެން އެދެނީ ކުއްލިއަކަށް ކަމަށް ދޭހަވާ ގޮތަށް ސައިފް ވާހަކަ ދެއްކެވި އެވެ. އަދި ޓްރާންސްފޯމަރު ބަހައްޓަން ސްޓެލްކޯ އަށް ދޫކުރާ ބިންތަކުގައި ވިޔަފާރި އުސޫލުން ކަންކަން ކުރާ ކަމަށްވެސް ސައިފް ތުހުމަތުކުރެއްވި އެވެ.
މާލެ އިން ބިން ހަމަޖެއްސުމުގައި މާލެ ސިޓީ ކައުންސިލާއި ސްޓެލްކޯއާ ދެމެދު މިފަހަކަށް އައިސް ވަނީ ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ. ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ބިން ހޯދަން ހުށަހެޅުމުން ސިޓީ ކައުންސިލުން އެކަމަށް ހުއްދަ ދިނުން ލަސްވުމުން ހިދުމަތް ދިނުމަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށެވެ.