ވިލިމާލެ

ވިލިމާލޭގައި ކަރަންޓުގެ ހިދުމަތް ތަރައްގީކުރަން މަސައްކަތްތަކެއް ފަށަނީ

ވިލިމާލޭގައި ދެމުންދާ ކަރަންޓްގެ ހިދުމަތް އަޕްގްރޭޑްކުރުމަށް މަޝްރޫއެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމަށް އެންވަޔަރަންމަންޓް މިނިސްޓްރީއާއި، ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމްއާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީގެ އިތުރުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން އެވެ.

ކަރަންޓްގެ ހިދުމަތް އަޕްގްރޭޑްކުރުމަށް މަޝްރޫއެއް އެކުލަވާލުމަށް ދީފައިވަނީ މިއަދުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތެކެވެ.

އެއްބަސްވުމުގެ ދަށުން ކުރާނެ މަސައްކަތްތައް

  • ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ހުރި ގޮންޖެހުންތައް ބެލުން،
  • މިހާރު ބޭނުންކުރަމުންދާ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަތުން،
  • ހައްލުކުރުމަށް ކުރަންހުރި މަސައްކަތްތައް ބެލުން،
  • ކުރިއަށް އޮތް 20 އަހަރު ދުވަހަށް ޑިމާންޑް އިތުރުވާނެ މިންވަރު ދެނެގަތުން،
  • ކެޕޭސިޓީ އިތުރުކުރުމަށް ކުރަންހުރި މަސައްކަތްތަކާއި އިންވެސްޓްމަންޓްތައް ދެނެގަތުން،
  • ކުރަންޖެހޭ މަރާމާތުތައް ކުރުން،
  • ނިޒާމު މަރާމާތު ކުރުމަށާއި އަޕްގްރޭޑްކުރުމަށް މަޝްރޫޢެއް އެކުލަވާލުން
  • މަޝްރޫއު ތަންފީޒުކުރާނެ ގޮތުގެ އެކްޝަންޕްލޭން ތައްޔާރުކުރުން

މިއެއްބަސްވުމުގެ ދަށުން ވިލިމާލޭގެ ލޭންޑް ޔޫސް ޕްލޭންގެ މައުލޫމާތު ކަމާގުޅޭ ވުޒާރާ މެދުވެރިކޮށް ފޯރުކޮށްދިނުމާއި، ހަކަތައިގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ހާމަކޮށްދިނުން ހިމެނެ އެވެ. އަދި ސަރުކާރުގެ އެކި މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދުމުގައި އެހީތެރިވެދިނުމާއި، ފަހުމުނާމާގެ ދަށުން ތައްޔާރުކުރެވޭ މަޝްރޫއާއި އެކްޝަންޕްލޭން އިކްނޮމިކް ކައުންސިލަށް ހުށަހަޅައި އެންޑޯސްމަންޓް ހޯދުންވެސް ހިމެނެ އެވެ.