މާލޭ ސިޓީ ކައުންސިލް

އަހަރެއް ތެރޭ ހަތް ބަގީ ހަލާކު، އާ ބަގީ ގެންނަނީ

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ހަތް ބަގީ ހަލާކުވުމުން އާ ބަގީތަކެއް ގެނައުމަށް ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން އާ ބަގީ ގަތުމަށް ނިންމީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެކަމާ މެދު ކައުންސިލަރުން މަޝްވަރާކުރެއްވުމަށްފަހު ނެގި ވޯޓުގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ.

ވިލިމާލެއަށް އިތުރު ބަގީ ގެނައުމަށް ނެނގި ވޯޓުގައި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ދެ ކައުންސިލަރުން ކަމަށްވާތީ ސައިފް ފާތިހް އާއި މަރިޔަމް ނާޒިމާ އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށްޓަކައި 10 ބަގީ ގެނެސް އެ ހިދުމަތް މާލެ ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ މާޗް 16 ވަނަ ދުވަހު އެވެ.

ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސައިފް ވިދާޅުވީ ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ގެނައި 10 ބަގީގެ ތެރެއިން ހަތް ބަގީ އަހަރެއްހާ ދުވަހުގެ ތެރޭގައި ހަލާކުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން މިމައްސަލައިގައި ކޮންޓްރެކްޓަރާ އެކު ޒިންމާކުރުވަންޖެހޭ ފަރާތްތައް ޒިންމާކުރުވަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"އަނެއްކާވެސް އަހަރެއް ވުމުން އިތުރު ހަތް ބަގީ ގެންނަންވީ ރައްޔިތުންގެ ފައިސާއިން. މިކަމަށް ޒިންމާވާނެ ބަޔަކު ތިބެން ޖެހޭނެ،" ސައިފް ވިދާޅުވި އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމުގެ ގޮތުން 10 ބަގީ ގެނައި ގާތްގަނޑަކަށް 2.7 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް 15 ޑުރައިވަރުންނާއި 10 ކޮންޑަކްޓަރުން ތިބެ އެވެ. މިހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން މަހަކު 390،000 ރުފިޔާ ހަރަދުކުރާ ކަމަށްވެ އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދެނީ ޕިންކް ސްކައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށީ މިދިޔަ ސަރުކާރުން ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށާފައި ވަނިކޮށެވެ.