ސްޓެލްކޯ

ސިޓީ ކައުންސިލްގެ މައްސަލަ ކޯޓުން ބަލައިގެންފި

މާލޭ ސިޓީ ކައުންސިލުން އެކުލަވާފައިވާ ދެ އުސޫލެއް ބާތިލުކުރަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިގެންފި އެވެ.

ސްޓެލްކޯ އިން މިމަހު އަށްވަނަ ދުވަހު ހުށަހެޅި މިމައްސަލަ ބަލައިގެންފައި މިވަނީ ދެވަނަ ފަހަރަށް ހުށަހެޅުމުންނެވެ.

ސްޓެލްކޯ އިން ކޯޓަށް ހުށަހެޅީ މާލެ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގުބަންދު ކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާންމުކޮށް މަސައްކަތް ކުރުމުގެ އުސޫލު ބާތިލުކުރުމަށެވެ.

އެންމެ ފުރަތަމަ މިމައްސަލަ ހައިކޯޓަށް ހުށަހެޅުމުން ކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފަ އެވެ.

ރަޖިސްޓްރާގެ އޭރުގެ ނިންމުމުގައި ބުނެފައިވަނީ ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ އުސޫލެއް ގާނޫނާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތަކުގައި އެކަމުގެ ސަބަބުތައް ތަފުސީލުކޮށް ބަޔާން ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް، ސްޓެލްކޯ އިން ސިޓީ ކައުންސިލާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ސަބަބުތައް ތަފްސީލް ކޮށްދީފައި ނުވާތީ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް އޭރު ކަނޑައެޅީ އެވެ.

ސްޓެލްކޯ އިން މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން އެ އުސޫލުތައް ކަނޑައެޅުމުގެ ކުރިން މަޝްވަރާކުރަންޖެހޭ އެއްވެސް ފަރާތަކާއި މަޝްވަރާކޮށްފައި ނުވާ ކަމަށާއި ބައެއް އަގުތައް 154 އިންސައްތަ މަތިކޮށްފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެފަދަ ބޮޑު ބަދަލެއް އުސޫލުތަކަށް ގެނައުމުގެ ކުރިން ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ވެސް ސިޓީ ކައުންސިލުން އަންގައި މަޝްވަރާކޮށްފައި ނުވާ ކަމަށެވެ. އަދި އާންމުކޮށް ރައްޔިތުންނަށް ހިދުމަތްތައް ދިނުމުގައި މަގުތައް ކޮނެ ހަދާ ކުންފުނިތަކާއި ވެސް ކައުންސިލުން އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ސްޓެލްކޯއިން ކަރަންޓުގެ އަގު ކުޑަކުރުމުގެ ގޮތުން، ކެޕޭސިޓީ އިތުރުކޮށް ޓްރާންސްފޯމަރުތައް ބޮޑުކުރުމަށް ހުއްދައަށް އެދުމުން ސިޓީ ކައުންސިލުން އެކަމަށް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ.