އައިއެމްއެފް

މުއިއްޒުގެ އިގުތިސާދީ ބަދަލުތަކަށް އައިއެމްއެފްގެ ތައުރީފު

ރާއްޖެ މިހާރު އޮތް އިގުތިސާދީ ހާލަތުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި އިގުތިސާދީ ބަދަލުތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މަރުހަބާ ކިޔައިފި އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތާއި އިގުތިސާދީ ސިޔާސަތުތަކާއި ގުޅޭ ގޮތުން އައިއެމްއެފްގެ ވަފުދެއް ވަނީ މިއަހަރު ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.

އެ ވަފުދުން ހޯދި ހޯދުންތަކަށް ރިއާޔަތްކޮށް ނެރުނު ބަޔާނުގައި ވަނީ އިސްލާހީ ފިޔަވަޅުތަކަށް މަރުހަބާ ކިޔައި ފިޔަވަޅުތައް ތަންފީޒުކުރުން އަވަސްކުރުމަށް ގޮވާލާފަ އެވެ.

ކޮވިޑަށްފަހު ރާއްޖޭގެ އިގުތިސާދު ވަރުގަދަވެފައިވާކަން އައިއެމްއެފް އިން ވަނީ ފާހަގަކޮށްފަ އެވެ. އަދި މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ އިގުތިސާދު 5.2 ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ނަމަވެސް މާލީ ހާލަތު ނާޒުކުކަން އިތުރުވެފައިވާތީ ސިޔާސަތުތަކަށް އަވަސް ބަދަލެއް ގެނައުމަށް ގޮވާލާފައިވެ އެވެ.

އައިއެމްއެފް އިން މިހެން ބުނެފައިވާއިރު ގައުމުގެ ހާލަތު ރަނގަޅުކުރަން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ އެކިއެކި އިދާރާތަކުން ބަލައިގަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ތ. ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު އިއްޔެ ވިދާޅުވީ އައިއެމްއެފް އާއި ވޯލްޑް ބޭންކާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ.

"އެ ބޭފުޅުންވެސް އެކަން ބަލައިގަނޭ. އަޅުގަނޑުމެން އަމިއްލައަށް މި އިސްނަގައިގެން މި ހުށަހަޅާފައި މިހިރަ އިގުތިސާދީ ހުރިހާ ކަމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖެ މިހާރު އޮތް އިގުތިސާދީ ހާލަތުން އަރައިގަތުމަށް އޮތް ހައްލަށް އެއްބާރުލުންދީ އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން އެ އިދާރާތަކުން ދީފައިވެ އެވެ.