ޖައްވީ ނުވަތަ ފަޒާގެ ރޭހުގެ އެންމެ ކުރީގައި އުޅޭ ހުރިހާ ގައުމަކުން ވެސް މިހާރު ވަނީ ހަނދަށް އިންސާނުން ފޮނުވާފަ އެވެ. ހަނދުގެ ވަށައި އެ ގައުމުތަކުގެ ސެޓްލައިޓުތަކާއި އެނޫން ވެސް ރޮބޮޓިކް ރާޑަރުތަކާއި ލޯތައް ފާރައަށް އެތުރިގެން އެބަތިއްބެވެ. ބޭނުމަކީ ދުނިޔޭގައި ތިބެގެން ހަނދުގެ މައުލޫމާތު ހޯދާ އެއްކޮށް އެ ދިރާސާ ކުރުމެވެ.
ވާދަވެރިކަން ބޮޑުވެ އެއް ގައުމު އަނެއް ގައުމަށްވުރެ ޖައްވީ ހޯދުމުގައި ކުރި ހޯދުމުގެ ބޭނުމުގައި މިހާރު ދައްކާ ވާހަކައަކީ ހަނދުގައި ސްޕޭސް ސްޓޭޝަނެއް ނުވަތަ ޖައްވީ ބަނޑަހަގެއެއް އަޅައި ހަނދުގައި ތިބެގެން ހަނދުގެ ދިރާސާތައް ކުރަން ފަށާ ވާހަކަ އެވެ. މިއީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ ހަގީގަތެއް ހެއްޔެވެ؟
މިކަން ކާމިޔާބެއް ނުވާނެއެކޭ ވެސް ބުނާކަށް ނޭނގެ އެވެ. ސަބަބަކީ ފާއިތުވި އަހަރުތަކުގައި ސައިންސާއި ތަފާތު ޓެކްނެލޮޖީ ބޭނުން ކޮށްގެން ޖައްވުގެ އެކި ހޯދުންތައް ހޯދައި އިންސާނުންނާ ހަމައަށް ގެނެސްދީފައިވާތީ އެވެ. އަދި 77000 އަލި އަހަރުން ދެވޭނެ ކަމަށް ލަފާ ކުރެވޭ ރާސްތާގައިވާ ޕްލެނެޓުތަކުގެ މައުލޫމާތު ވެސް ދެތިން ދުވަހުން ހޯދައި "ދަމައިގަނެގެން" އެބަ ގެނެސް ދެއެވެ.
އެހެންވިޔަސް ހަނދަށް ދިޔުމަކީ އާދައިގެ ކަމެއް އަދި ފަސޭހަ ކަމެއް ނޫނެވެ. ހަނދަށް ދިޔަ، ހަނދުގައި ފައިބީއްސި އެސްޓްރޮނޯޓުން ބުނެފައިވާ ގޮތުގައި އިންސާނުންގެ ފުރާނައަށް ނުރައްކާވާ އެކި ޒާތް ޒާތުގެ ގޮތް ނޭނގޭ ވިހަ، ހަނދުގައި ގިނަ އަދަދަކަށް އެކުލެވިގެންވެ އެވެ.
އެމެރިކާގެ އެސްޓްރޮނޯޓުން ހަނދަށް ދިޔަ ފަހަރު އެމީހުން ލައިގެން ތިބި ސޫޓު ނުވަތަ ޖައްވީ ލިބާހުގެ މޫނުމަތީގެ ބިއްލޫރި ގަނޑުގައި ވިހައިގެ ސަބަބުން ކޫރުމެއް އެޅިފައި ވެއެވެ.
ހަނދަށް ބިން ހެލުންތައް އަންނަ އަދަދުވެސް ބުނަން ނޭނގޭހާ ގިނަ އެވެ. ހަނދަށް ބިން ހެލުން އަންނައިރު އެއާ އެއް ފާޑުގެ ރަށްގުޑުން ފަދަ ޒަލްޒަލާތައް އަންނަ ކަމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ވަނީ ބުނެފަ އެވެ. މިފަދަ ނުރައްކާތެރި މާހައުލެއްގައި ޖައްވީ ޖަގަހައެއް ނުވަތަ ޖައްވުގައި މިހާރު ބާއްވައިގެން އުޅޭ ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް) ފަދަ ސްޕޭސް ސްޓޭޝަނެއް އެޅިދާނެ ހެއްޔެވެ؟
ހަނދުގައި އެންމެ ފުރަތަމަ އަޅަން ނިންމީ ރިސާޗް ސްޕޭސް ސްޓޭޝަނެއް ނޫނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެމެރިކާ ޖައްވީ ހޯދުންތައް މިހާރަށްވުރެ އުހަށް އުފުލާލައި ކުރި އެރުވުމުގެ ބޭނުމުގައި ހަނދުގައި އަސްކަރީ ބޭހެއް ހަދާނެ ކަމަށް ވިދާޅުވެފައި ވެއެވެ. އެއަށްފަހު ޗައިނާއިން ވެސް އެކަން އިއުލާންކުރި އެވެ. ރާއްޖެއާ ކައިރީގައި މިއޮންނަ އިންޑިއާއިން ވެސް ނުސީދާ ގޮތަކަށް އެ ޒާތަށް ވާހަކަ ދައްކާ އުޅެ އެވެ. ޖައްވީ މަސައްކަތުގައި ކުރިއަރައި ގޮސްފައި އޮތް ނަމަވެސް އެ ބީދައިގައި ވާހަކަ ދައްކާ ނޫޅެނީ ރަޝިއާ އެވެ. އެ މީހުން އަދިއެއް އެއްވެސް އެއްޗެއް ނުބުނެ އެވެ. އެކަމަކު ރަޝިއާ މިހާރު ވެސް އޮތީ ފަޒާގެ ރޭހުގެ ފަހަތަކުއެއް ނޫނެވެ.
އެމެރިކާގެ ބިލިނިއަރެއް ކަމަށްވާ އިލޮން މަސްކު ހަނދުގައި ސްޕޭސް ސްޓޭޝަނެއް އަޅާނެ ކަމަށް ވިދާޅުވުމުން ގާބިލުކަން ހުރި ހުރިހާ ގައުމުތަކުން އަވަސް ވެގެތީ ސްޕޭސް ސްޓޭޝަނެއް އެޅުމުގެ މަސައްކަތާ ކުރިމަތިލާށެވެ. އެކަމަކު ދިމާވީ ނާކާމިޔާބީ އެވެ. ހަރަދު އިންތިހާއަށް ބޮޑެވެ. އޮޕަރޭޝަންތަކަށް ބޭނުންވާ ވަރަށް އިންސާނީ ވަސީލަތެއް އަމުދުން ނެތެވެ.
ހަނދުގައި ސްޕޭސް ސްޓޭޝަނެއް އެޅުމަށް އެންމެ ފުރަތަމަ ދިމާވާ ގޮންޖެހުމަކީ ހަނދުގެ ޓެމްޕަރޭޗާ އެވެ. ހަނދުގެ ޓެމްޕަރޭޗަރު އުޅެނީ 127 މައިނަސް ޑިގްރީ އާއި 173 މައިނަސް ޑިގްރީ އާއި ދެމެދުގަ އެވެ. އަދި ގިނަ އަދަދަކަށް ރޭޑިއޭޝަން ހަނދުގައި އެކުލެވިގެން ވެ އެވެ.
އެކަމަކު އެއް ކަމެއް ޔަގީނެވެ؛ އިންސާނުން މިހާރު ވަނީ ހަނދަށް ގޮސްފަ އެވެ. ހަނދާއި ދުރުގައި މިހާރުވެސް ސްޕޭސް ސްޓޭޝަންތައް އެބަހުއްޓެވެ. އެކަމަކު ސީދާ ހަނދުގައި ސްޕޭސް ސްޓޭޝަން އަޅާ ނަމަ ބިލިއަނުން ކޮންމެ ދުވަހަކުހެން ހަރަދު ކުރަން ފައިސާ އޮއްސަން ޖެހޭނެ އެވެ. ގިނަ ސްޕޭސް ސްޓޭޝަންތަކަށް ކަރަންޓް ފޯރުކޮށް ދިނުމަށް ސޯލާ ޕެނަލް ބޭނުންކުރި ނަމަވެސް ހަނދުގައި ސޯލާ ޕެނަލެއް މަސައްކަތް ނުކުރާނެ އެވެ.
އެހެންކަމުން ކޮންމެ ދުވަހަކުހެން ހަނދަށް އެތަ މިލިއަން ލީޓަރެއްގެ ތެޔޮ ފޮނުވަން ޖެހޭނެ އެވެ. ބާރުގަދަ އެތައް ބިން ހެލުންތަކެއް ހަނދަށް އަންނައިރު އެކަމުން ސަލާމަތްވާން ބިލިއަނުން ބިލިއަނުން ހަރަދު ކުރަން ޖެހޭނެ އެވެ. ނޭނގި ހުއްޓާ އަލިފާން ފަރުބަދައެއް ގޮވައިފާނެ އެވެ. ހަނދުގައި އެއްވެސް ވަރަކަށް އޮކްސިޖަން އަދި ވައި ނުހިމެނޭތީ އަލިފާން ގަނޑު ދުރަށް ފެތުރިގެންދާނެ އެވެ.
މިކަން ކަމަށް ހައްލު ހޯދާނެ ގޮތެއް އަދި ސައިންސްވެރިންގެ އަތްފުނާ އެޅުމުގައު ހޯދިފައެއް ނުވެ އެވެ. މާނައަކީ ހަނދުގައި ސްޕޭސް ސްޓޭޝަނެއް އެޅޭނެ ޔަގީން ގޮތެއް އަދި ހޯދިފައެއް ނުވެ އެވެ. ހަނދުގައި އޮކްސިޖަން ނުހުންނާތީ އޮކްސިޖަން ފޮނުވުމަށް ދުވާލަކު މަދުވެގެން ތިން ރޮކެޓް ލޯންޗްކޮށް ހަނދަށް އުދުއްސާން ޖެހޭނެ އެވެ.
ހަމައެކަނި އިންސާނުން ހަނދަށް ފޮނުވުމަށް ވެސް ބޮޑު ހަރަދެއް ކުރަން ޖެހޭއިރު، މިހާރު ސައިންސްވެރިން ދަނީ ހަނދުގައި ބޭނުން ކުރާނެ ހާއްސަ އާޓިފިޝަލް އޮކްސިޖަނެއް ތައްޔާރު ކުރާނެ ގޮތްތައް ވެސް ހޯދަމުންނެވެ. ހަނދުގެ ބިން ހެލުމާއި އަލިފާނުން ރައްކާތެރިވާނެ ގޮތްތަށް ވެސް ހޯދަމުންނެވެ.
ހަނދަށް ފޮނުވުމަށްޓަކައި ހާއްސަ ޑޮކްޓަރުންގެ ޓީމްތައް ތައްޔާރު ކުރަން ވެސް ފަށަފައި ވެއެވެ. ކުރު ގޮތަކަށް ބުނާނަމަ ދުނިޔޭގައިވާ ހުރިހާ ގުދުރަތީ މާއްދާއެއްގެ އާޓިފިޝަލް ވައްތަރެއް ހަނދުގައި އިންސާނުން ގިނަ ދުވަހު ތިބޭނަމަ އިންސާނުގެ އަތުން ތައްޔާރު ކުރަން ޖެހޭނެ އެވެ. މިއީއަކީ އިންސާނީ މުޖުތަމައަކަށް އަދި އެހާ ފަސޭހަ މިވަގުތަށް ކެރިކުޅަދާނަ ކަމަކަށް ވެސް ނުވާނެ އެވެ.
ޖައްވީ ރޭހުގައި ހަރަކާތްތެރިވާ އެއްވެސް ގައުމަކަށް ދާއިމީ ގޮތަކަށް ހަނދުގައި ސްޕޭސް ސްޓޭޝަން އެޅޭނެ ގޮތެއް އަދި ހޯދިފައެއް ނުވެ އެވެ. އެ ހައްލު ހޯދަން ކުރާ މަސައްކަތް ކާމިޔާބުނުވެ އަދި ދަނީ ވެސް ފަންފުލުންނެވެ. ހަމަ މުޅީން ދިމާވަނީ ނާކާމިޔާބީ އެވެ.