ދުނިޔެ

ރޮކެޓުން ތެޔޮ ލީކުވާތީ ނާސާގެ އާޓަމިސް ޕްރޮޖެކްޓް މަޑުޖައްސާލަން ޖެހިއްޖެ

އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން އިންސާނުން ހަނދަށް ފޮނުވުމަށްޓަކައި ތައްޔާރުކުރި ޓެސްޓް ރޮކެޓްގެ ދަތުރު ކެންސަލްކުރަން ޖެހިއްޖެ އެވެ.

ނާސާގެ އާޓަމިސް ޕްރޮޖެކްޓްގެ ދަށުން ހަނދު ވަށައި ބުރުޖަހަން ފޮނުވަން މަސައްކަތްކުރި "އޮރަޔަން" ކެޕްސޫލް ޖައްވަށް އުފުލުމަށް ތައްޔާރުކުރި ބިޔަ ރޮކެޓްގެ އިންޖީނަށް ދިމާވި މައްސަލައެއްގައި "އާޓަމިސް 1" ވަގުތީ ގޮތުން މިހާރު އޮތީ ހުއްޓާލާފަ އެވެ.

ރޮކެޓް ނައްޓާލަން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށް އިންޖީނުން ތެޔޮ -- ހައިޑްރޮޖަން ލީކުވާކަން ނާސާގެ އިންޖިނޭރުންނަށް ވަނީ ކަށަވަރު ކުރެވިފަ އެވެ.

ޔޮރަޔަން އަލުން ޖައްވަން ފޮނުވޭނެ ދުވަހެއް ބުނެދޭކަށް ނާސާއަކަށް އަދި ނޭނގެ އެވެ. ސައިންސްވެރިން ބުނާ ގޮތުގައި އަންނަ ހުކުރު ދުވަހުގެ ކުރިން ވަކި ގޮތެއް ކަނޑައެޅޭނެ ކަމަކަމަށް އުންމީދެއް ނުކުރެވެ އެވެ.

އާޓަމިސް ޕްރޮޖެކްޓަށް އަލުން ތާރީޚެއް ކަނޑައަޅަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ނާސާގެ ސައިންސްވެރިން ވަނީ ބުނެފަ އެވެ.

އާޓަމިސް 1 ގައި ހަނދު ވަށާ ބުރުޖަހަން ފޮނުވާ އޮރަޔަން ކެޕްސޫލް 1.3 މިލިއަން މޭލަށް ދަތުރުކުރާނެ އެވެ. ހަނދާ ވަރަށް ކައިރިއަށް ގޮސް ހަނދު ވަށާ ބުރެއް ޖެހުމަށް ފަހު ދުނިޔެއަށް މިސްރާބު ޖަހާނެ އެވެ.

އޮރަޔަން ކެޕްސޫލްގެ ތެރޭގައި ބާރުގަދަ ސެންސަރު ތަކާއި ކެމެރާތައް އަދި ކެމިކަލް ދެނެގަނެވޭނެ ނިޒާމްތައް ވަނީ ގާއިމުކޮށްފަ އެވެ. ދަތުތުކުރަމުންދާ މަގުމަތީގައި -- ޖައްވުގައި ރޭޑިއޭޝަން ހުރި މިންވަރާއި އުޅަނދަށް އަރާ ލޮޅުން ދެނެގަތުމަށް ޒަމާން ދަންނަ އެންމެ މޮޅު އާލާތްތައް ހުރީ ހަރުކޮށްފަ އެވެ.

އާޓަމިސް 1 ޕްރޮޖެކްޓަކީ އިންސާނުން ނުލައި ކުރާ ދަތުރެކެވެ. މި ދަތުރުގެ ބޭނުމަކީ އިންސާނުން ގޮވައިގެން ހަނދަށް ދަތުރުކުރާ އުޅަނދަކަށް ޖައްވުގެ ތެރެއިން ދިމާވެދާނެ ކޮންމެ ކަމެއް ކުރިއާލައި ދެނެގަތުމެވެ.

އޮރަޔަން ކެޕްސޫލް ހަނދު ވަށައި ބުރުޖަހާއިރު ހަނދުގެ ބިމަށް ނުފެންނަ ފަރާތަށް ފޯކަސްކޮށް ހަނދުގެ ބިމަށް ރަނގަޅަށް ބަލާނެ އެވެ. އަދި އިންސާނުން ގޮވައިގެން ހަނދަށް ދާ އުޅަނދެއް ޖައްސަން ކަމުދާ ތަނެއް ފާހަގަކުރެވޭތޯ ބަލާނެ އެވެ.

އޮރަޔަން ކެޕްސޫލް ހަނދުގެ ނުފެންނަ ފަރާތަށް ދަރުތުކުރާއިރު ޗައިނާގެ ކުޑަ އުޅަނދެއް ހަނދުގެ ދުނިޔެއާ ދުރު ފަރާތުގައި މިހާރުވެސް އެބައުޅެ އެވެ.

އެހެންކަމުން އެމެރިކާގެ ބޭނުމަކަށް ވެފައި އޮންނާނީ ޗައިނާގެ އުޅަނދު ހަނދުގައި ކުރާ ކަމެއް ރަނގަޅަށް ބަލާލުމެވެ.

އޮރަޔަން ބިމަށް ގެނައުމަށް -- ކަނޑަށް ވައްޓާލަން ކަނޑައަޅާފައި އޮތް ތާރީޚަކީ އޮކްޓޯބަރު 10 އެވެ.