ދުނިޔެ

ރަޝިއާ ކޮސްމޮނޯޓުން ޔުކްރޭން ކުލަތަކުގައި

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް މާޗް 18 ގައި ދިއަ ރަޝިއާ ކޮސްމޮނޯޓުން ޔުކްރޭން ކުލަތަކުގައި ތިބުމުން ހުޅަނގު މީޑިއާތައް އުތުރި އަރައިގެންފި އެވެ.

ޔުކްރޭން ދިދައިގައި ހިމެނޭ ރީނދޫ އަދި ނޫކުލައިން ޖައްވީ ފަޅުވެރިން ހެދުން ލުމުން ސޯޝަލް މީޑިއާގެ އަހުލުވެރިން ހީކުރީ އެއީ ޔުކްރޭނަށް އޮތް ލޯތްބެއްގެ ބޮޑު ކަމުން އެމީހުން ލައިގެން ތިބި ހެދުމެއް ކަމަށެވެ.

ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކަށް ޖައްވީ ފަޅުން ވެރިން ދެކޮޅު ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސް ބުނި ގޮތުން ހެދުމުގައި ހުރި ކުލަތަކަކީ ރަޝިއާ-ޔުކްރޭން ހަނގުރާމައާ ގުޅުމެއް އޮތް ކަމެއް ނޫނެވެ. އަދި ބުނީ އެއީ އެ ތިން ފަޅުވެރިން ތައުލީމް ހާސިލްކުރި ޔުނިވާސިޓީ -- ބޯމަން މޮސްކޯ ސްޓޭޓް ޓެކްނިކަލް ޔުނިވާސިޓިގެ ކުލަތައް ކަމަށެވެ.

ޖައްވީ އިދާރާއިން ބުނި ގޮތުން ހެދުން ތައްޔާރު ކުރުމަށް ފަޅުވެރިންނަށް އަބަދުވެސް ފުރުސަތު ދެވެ އެވެ. އަދި ފަޅުވެރިން އެދޭ ގޮތަށް ޑިޒައިނަށް ބަދަލު ވެސް ގެނެ އެވެ.

އަދި ބުނީ ކޮންމެ ހެދުމަކީ ވެސް ވަކިވަކިން ފަހަން ޖެހޭ އެއްޗަކަށް ވާތީ ޑިޒައިންގައި ވެސް ތަފާތު ހުންނާނެ ކަމަށެވެ. އަދިި ފިކުރީ ގޮތުން ވިސްނުން ތަފާތުވާނީ އެކަން ވެސް ހެދުމުން ފެންނަން ހުންނާނެ ކަމަށެވެ.

ރޮސްކޮސްމޮންގެ ވެރިޔާ ދިމިތުރީ ރޮގޮޒިން ވިދާޅުވި ގޮތުން ޖައްވީ ހެދުމެއްގަައި ސިޔާސީ ކުލައެއް ނުހުންނާނެ އެވެ. އަދި އެއީ ގައުމެއްގެ ދިދައެއް ވެސް ނޫނެވެ.

ޖައްވީ ފަޅުވެރިޔާ އޮލޭ އާރުތަމިއެވް ބުނީ ކުލައަކީ ހަމަ ކުލައެއް ކަމަށެވެ. ދިދައެއް ނޫން ކަމަށެވެ.

އޭނާ ބުނި ގޮތުން ކުލަ ހޮވުމަކީ ކޮންމެ ފަޅުވެރިއަކަށް ވެސް އޮންނަ ފުރުސަތެކެވެ. އަދި ބުނީ ހެދުން ފަހަން ބެލިއިރު ގުދަނުގައި ރީނދޫ ކުލަ މާގިނަަ ކަމަށް ފެންނާތީ ބޭނުންކުރީ ކަމަށެވެ.