ދުނިޔޭގެ ގައުމުތައް ހަނދަށް އަރަން ކުރާ ވާދައިގައި ދެކުނު ކޮރެއާ އަކީ މުޅިން އާ ބައިވެރި އެކެވެ. މުޅިން އާ މޫނެކެވެ.
މި ހިނގާ އޮގަސްޓް ހަތަރުވަނަ ދުވަހު ސްޕޭސްއެކްސްގެ ރޮކެޓެއްގައި ހަނދު ވަށާ ބުރުޖަހަން ސެޓެލައިޓެއް ފޮނުވުމާ އެކު ދެކުނު ކޮރެެއާއަށް ޖައްވީ ވާދަވެރިކަމުގައި ވެސް ބައިވެރިވެވުނީ އެވެ.
ދެކުނު ކޮރެއާ ބުނާ ގޮތުން 200 މިލިއަން ޑޮލަރު ހޭދަކޮށްގެން ޖައްވަށް ފޮނުވި ސެޓެލައި ބުރުޖަހާނީ ދުނިޔޭގެ ދެ ކޮޅުބިތް ވަށާޖެހޭ ގޮތަށެވެ.
ސެޓެލައިޓްގައި ގާއިމުކޮށްފައި ހުރި ސެންސަރުތަކުން ދުނިޔެއަށް ބަލަމުން ހަނދުން ހިރަފުހާއި އައިސް ހޯދުމުގައި އަހަރެއްހާ ދުވަހު ދެމިއޮންނާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.
ސެޓެލައިޓަށް ކިޔާ ނަން "ޕަނުރީ" އަކީ ކޮރެއާ ބަހެކެވެ. މާނައަކީ "އެންޖޯއި ދަ މޫން" އެވެ.
ދުނިޔެ މިއަދު އޮތް ހާލަތަށް ބަލާއިރު ޕަނުރީގެ ބޭނުމަކީ ހަމައެކަނި ހަނދުން އައިސް ހޯދުން ކަމަކަށް ނުބެލެވެ އެވެ.
އޮފިޝަލުން ބުނާ ގޮތުން ޕަނުރީއަށް ދެން އޮތް މަސައްކަތަކަށް ވާނީ ދެކުނު ކޮރެއާއިން 2030 ގައި ހަނދަށް ފޮނުވަން ރާވާފައިވާ އުޅަނދު ޖައްސާނެ ތަނެއް ހަނދުގެ ބިމުގައި ކަނޑައެޅުމެވެ.
އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ވާދަވެރިކަން ބޮޑުވެފައި އޮތް މި ދުވަސްވަރު، ޖައްވަށް ފޮނުވާ ސެޓެލައިޓަކުން ބިމަށް ބަލާނެކަން ކަށަވަރެވެ. އަދި އެއީ ވެސް އެ ގައުމެއްގެ ޝައުގުވެރިކަން އޮންނަ ގޮތަކަށެވެ.
އުތުރު ކޮރެއާގައި ނިއުކްލިއާ ގާބިލުކަން ހުރި ކަމަށް ބުނާއިރު އެއީ ކިހާ ކަށަވަރު ކަމެއްތޯ ދެކުނު ކޮރެއާއިން ބަލާނެ އެވެ. އަދި އުތުރު ކޮރެއާގައި ހުރި ރޮކެޓް ހަރުތައް ބަލައި ދެ ގައުމުގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގައިފި ނަމަ ހަމަލާ ދެވިދާނެ ތަންތައް ވެސް ކަނޑައަޅާނެ އެވެ.
ޕަނުރީ ޖައްވަށް ފޮނުވާފައި ވަނީ އެމެރިކާގެ އެހީތެރި ކަމާއެކު އެވެ. އެހެންކަމުން އެމެރިކާގެ ހައިސިއްޔަތު ދެކުނު ޗައިނާ ކަނޑުގައި ދެމެހެއްޓުމަށް ޗައިނާއަށް ޖާސޫސްކުރުމަށް ދެކުނު ކޮރެއާ އެހިތެރިވާނެ ކަމަށް ބެލެވެ އެވެ.