އަންވެއިލިންގް ވިޝަންސް 19 ގެ ނަމުގައި މިހާރު ނެޝަނަލް އާޓްގެލަރީގައި ކުރިއަށްދާ އެގްޒިބިޝަންގައި އަހުމަދު ޝައްފާން (ޝަފްއޯޝަންސް) ދައްކާލީ މަސައްކަތަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ. އިންޑަސްޓްރީގައި 16 އަހަރު މަސައްކަތްކޮށްފައިވާ ޝައްފާންގެ އަދާޔާ ހިލާފް ހުނަރުން ފުރިފައިވާ މި މަސައްކަތް ދައްކާލާފައިވާ މި އާޓްވޯކްގައި ބޮޑު މެސެޖެއްވެސް ވެއެވެ.
"ހެޑްލައިންސް އެންޑް ޑެޑްލައިންސް ފޯ އަ ޕްލާސްޓިކް ފްރީ ވޯލްޑް" ނަމުގައި އެނާ ދައްކާލައިފައި އާޓްވޯކުގައި ދައްކުވައިދެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކުރެހުމެކެވެ. މި ކުރެހުން އޭނާ ގެނެސްދީފައިވަނީ މޫދުން ހޮވާފައިވާ ޕްލާސްޓިކާއި، އުކާލާފައިވާ ކުޅޭސަމާނާއި، ކޮތަޅު، ފުޅީގެ މަތި ފަދަ ތަކެތި ބޭނުންކޮށްގެނެވެ. މި ކުރެހުމުން މޫދަށް އަޅާފައިވާ ކުނީގެ ސަބަބުން މީޑިއާގެ ހެޑްލައިންތަކުން މީހުންގެ ސަމާލުކަން ހޯދާފައިވާ ކަންކަންވެސް ދައްކާލާފައިވެއެވެ.
ޕްލާސްޓިކުން ކުރާ ނޭދެވޭ އަސަރަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އޮތް އުއްމީދަކީ ލީޑަރުން ކަމުގައި ދައްކުވާދޭ މި ކުރެހުމާއި ގުޅޭ ގޮތުން އަވަސް އަށް ޝައްފާން މައުލޫމާތު ދެމުން ބުނެފައިވަނީ "މިއީ ސިންގަލް ޔޫސް ޕްލާސްޓިކް ބޭން ކުރުމުގެ ގޮތުން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުއަށް ސަޕޯޓް ކުރުމުގެ ގޮތުން ހަދާފައިވާ ކުރެހުމެއް. ކުރެހުމުގައި ބޭނުންކޮށްފައި މިހިރީ އެކި މީހުން ޑޮނޭޓްކޮށްފައި ހުރި ކުޅޭ ސާމާނާއި މޫދުން ހޮވާފަހުރި ކުނި. މި އާޓްވޯކް ހަދާފައިވަނީ ސްކެޗްކުރުމަށްފަހު އައުޓްލައިންތަކުގައި ތަކުގައި ޕްލާސްޓިކް ތަތްކުރުމަށްފަހު އެތެރެ އެކި ސަމާނު ބޭނުންކޮށްގެން ފިލްކޮށްގެން. މި މަސައްކަތަށް ގާތްގަނޑަކަށް 45 ދުވަސް ދިޔަ."
ނާޒުކު ވެެއްޓެއް އޮންނަ ރާއްޖެއަކީ ރަނަގަޅު ގޮތުގައި ކުނިނައްތާނުލާނަމަ އޭގެ ސަބަބުން ނޭދެވޭ ބޮޑު އަސަރެއް ކުރާނެ ގައުމެއްކަމުން މިކަމަށް ހޭލުންތެރިކުރުމަށް ރާއްޖޭގެ އެކި ތަންތަނަށް އަޅާފައިވާ ކުނި އެއްކޮށް ރީސައިކަލްކޮށްގެން އެހެން އާޓިސްޓުންނަށްވެސް އާޓްވޯކް އުފެއްދިދާނެކަމީވެސް މި އާޓްވޯކުން ދޭން ބޭނުންވާ މެސެޖެއް ކަމުގައި ޝައްފާނު ބުނެފައިވެ އެވެ.
މި އާޓްވޯކް ވިއްކުމަށްފަހު ލިބޭ ފައިސާގެ 60 ޕަސަންޓް ވަނީ ޕްލާސްޓިކް މަދުކުރުމަށް މަސައްކަތްކުރާ އެން.ޖީ.އޯ އަކަށް ހަދިޔާ ކުރުމަށް ނިންމާފަ އެވެ. އަންވެއިލިންގް ވިޝަންސް ނަމުގައި ކުރިއަށްދާ މި އެގްޒިބިޝަން ނެޝަނަލް އާޓް ގެލަރީގައި މި މަހުގެ 7 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ.