މޯލްޑިވްސް މިޔުޒިކް އެންޑް އާޓްސް ސެންޓަރު

މަދަހަ ރަން އަޑު ސީޒަން ހަތަރެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

Feb 7, 2023

މަދަހަ ރަން އަޑު ސީޒަން ހަތަރެއްގައި ބައިވެރިވުމުގެ ފުރުސތު ހުޅުވާލައިފި އެވެ.

މަދަހަ ރަން އަޑު ސީރީސް އަކީ 2020 އިން ފެށިގެން މޯލްޑިވްސް މިޔުޒިކް އެންޑް އާޓްސް ސެންޓަރުން ބާއްވަމުން އަންނަ ސިލްސިލާ މަދަހަ މުބާރާތެކެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން 108 ބައިވެރިން މަދަހަ ކިޔާފައިވެއެވެ. މިދިޔަ އަހަރުގެ މުބާރާތް ބާއްވާފައިވަނީ ދިވެހި ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އެހީތެރިކަމާއިއެކު ވީޓީވީ އާއި އެމްއެމްއޭސީ ގުޅިގެންނެވެ.

2023 ޖެނުއަރީ 15 އިން ފެށިގެން ހުޅުވާލި މިމުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 15 ފެބްރުއަރީ 2023 އަށް ހަމަވާނެއެވެ. މިހާތަނަށް 120 އަށްވުރެން ގިނަބައިވެރިން ވަނީ ފޯމު ހުށަހަޅާފަ އެވެ.

މިމުބާރާތުގައި ވާދަ ކުރާނީ 6 އަހަރުންދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންނެވެ.

ސީނިއަރ ގްރޫޕްގައި ވާދަ ކުރާނީ 13 އަހަރުންދަށާއި، 16 އަހަރުން ދަށާއި، 18 އަހަރުން ދަށުގެ އުމުރުފުރާ ތަކުގެ ދަރިވަރުންނެވެ. އަދި ޒުވާނުންގެ ޢުމުރުފުރާ 18 އަހަރާއި 35 އަހަރާއި ދެމެދުގެ ބައިވެރިންނަށްވެސް މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮވެ އެވެ.

މަދަހަ ރަން އަޑު މުބާރާތްތަކުގައި ރަށްފުށުގެ ރީތި މަންޒަރުތައް ހިމެނޭ ވާޗުއަލް މަދަހަތައްވެސް ދަނީ ބައިވެރިކުރަމުންނެވެ. މިގޮތުން ވޭތުވެ ދިޔަ 3 މުބާރާތުގައި 1 ވަނަ 2 ވަނަ 3 ވަނަ އަތޮޅާއި 1 ވަނަ 2 ވަނަ 3 ރަށް ވެސް ވަނީ ހޮވާފައެވެ. ވޭތުވެދިޔަ މުބާރާތުގައި ވަނަތަކަށް އައި ބައިވެރިންނަށް އަގު ބޮޑު އިނާމުތަކެއް ވަނީ ދީފަ އެވެ.

މިފަހަރުގެ މުބާރާތުގައިވެސް އަތޮޅުތަކުން މަދަހަ ބައިވެރިކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފަ އެވެ.

މިދިޔަ އަހަރުގެ މަދަހަ ރަން އަޑު ސީޒަން 3 ގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށް ދެއްވާފައިވަނީ ދިވެހި ރާއްޖޭގައި ހުންނަވާ ސަޢުދީ ޢަރަބިއްޔާގެ ސަފީރު މަތްރިކް އަލް ދޮސަރީ އެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި، ސްޓޭޓް މިނިސްޓަރުންނާއި، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ފަންނީ ދާޢިރާގެ އިސް ބޭފުޅުން އިނާމު ދެއްވާފައިވެއެވެ.

މިދާޢިރާގައި ވިދަމުން އަންނަ އެތައް ތަރިންނަކީ މޯލްޑިވްސް މިޔުޒިކް އެންޑް އާޓްސް ސެންޓަރގެ ދަރިވަރުންކަން ފާހަގަ ކުރެވެއެވެ.

2022 ވަނައަހަރު މަދަހަ ރަން އަޑުގެ ވެރިއަކަށް ހޮވިފައިވަނީ އެމް.އެމް.އޭސީ ގެ ދަރިވަރު ޢާއިޝަތު ޒަޔާ ޝަހީމެވެ. މިދަރިވަރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، ސައުދީ އެމްބަސީން ދެއްވާ ކްރިސްޓަލް ޓްރޮފީއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ދެއްވާ އިނާމު ޙަވާލުކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާގެ ސަފީރާއި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ.

2020 ވަނަ އަހަރުގެ ރަން އަޑަކަށް ހޮވިފައިވަނީ ފާޠިމަތު ރާޔާ އަޝްރަފެވެ. އަދި 2021 ގެ ރަން އަޑަކަށް ހޮވިފައިވަނީ ޢާއިޝަތު ޖޫނި ޖިނާހެވެ.

މުޅި މުބާރާތުގެ 2 ވަނަ އަށް ގޮސްފައިވަނީ ޒުވައިލް ޢަލީ ޠާރިޤް އެވެ. އަދި 3 ވަނަ އަށް ގޮސްފައިވަނީ މުޝާތް މުސްތާޤު އެވެ.

މުބާރާތުގެ ޝޫޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 1 ން 3 މާރްޗް 2023 ގައެވެ. މަދަހަ ރަން އަޑު 4 ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9990997 އަދި 7993872 އަދި 7886256 އެވެ.