ދުވާލުގެ ކޮންމެވެސް ވަގުތުކޮޅެއް ނިދާލަން ހާއްސަކުރުމަކީ މުހިއްމު ކަމެއް ކަމަށް ސައިންސްވެރިން ބުނެފި އެވެ.
މިގޮތަށް ކުޑައިރުކޮޅަކު ދުވާލު ނިދާނަމަ ސިކުނޑީގެ ސިއްހަތު ރަނގަޅުވެ އެމީހާ މުސްކުޅިވާލެއް ހަތް އަހަރު ލަސްވާކަމަށް ދިރާސާއަކުން ވަނީ ދައްކާފަ އެވެ.
މި ދިރާސާގައި ލަފާ ދީފައިވަނީ ދުވާލުގެ މެދުތެރޭގެ ވަގުތުކޮޅެއްގައި މަދުވެގެން ބައިގަޑިއެއްހާއިރަށް ނިދާލުމަށެވެ. މިއީ ސިކުނޑީގެ ސިއްހަތާއި ބަރާބަރަށް ސިކުނޑި މަސައްކަތްކުރުމަށް ވަރަށް ރަނގަޅުކަމެއް ކަމަށް ވެއެވެ.
މި ދިރާސާއަށް މައުލޫމާތު އެއްކޮށްފައިވަނީ އިނގިރޭސި ވިލާތުގެ 400،000 މީހުންގެ ފަރާތުންނެވެ. މި މީހުންގެ އުމުރު އުޅެނީ 40 އަހަރާއި 69 އަހަރާ ދެމެދުގަ އެވެ. މި މައުލޫމާތުތައް އެނަލައިޒްކުރުމުން އެނގުނު ގޮތުގައި ދުވާލު ނިދަން އާދަވެފައި ތިބޭ މީހުންގެ ސިކުނޑީގެ ވޮލިއަމް މާބޮޑެވެ. ބްރެއިން ވޮލިއުމް ނުވަތަ އޯގަންގެ ސައިޒަކީ ސިކުނޑީގެ ސިއްހަތު ރަނގަޅުވެ ޑިމެންޝިއާ ފަދަ ބަލިތަކުގެ ނުރައްކާ ކުޑަވާ ކަމެކެވެ.
ދުވާލު ނިދުމަކީ ސިކުނޑީގެ ޕާފޯމަންސް ރަނގަޅުވާ ކަމެއް ކަމަށް މީގެ ކުރީގެ ވަރަށް ގިނަ ދިރާސާތަކުން ވެސް ހާމަވެފައި ވެއެވެ. ނަމަވެސް މިގޮތަށް ނިދާލުމުން ސިކުނޑީގެ މަސައްކަތަށް ކުއްލި އަވަސްކަމެއް އަންނަ ސަބަބު އޭރު ހޯދިފައެއް ނެތެވެ.
މިފަހަރުގެ ދިރާސާ ކުރި ޔޫސީއެލްގެ ސައިންސްވެރިން ވަނީ މި ސަބަބު ވެސް ހޯދާފަ އެވެ. މިފަހަރުގެ ހޯދުމުން ސައިންސްވެރިންނަށް ފާހަގަކުރެވުނީ ދުވާލު ކުޑަކޮށްނިދުމަކީ ބައެއް މީހުންނަށް ޖެނެޓިކަލީ ވާރުތަ ވެފައި ހުންނަ ކަމަކަށްވެސް ވާކަމަށެވެ. އަދި މިގޮތަށް ނިދުމުން ސިކުނޑި މުސްކުޅިވާލެއް މަދުވެގެން ހައެއްކަ އަހަރު މަދުވާ ކަމެވެ.
ޖާނަލް ސްލީޕް ހެލްތުގައި ޝާއިއުކޮށްފައިވާ މި ދިރާސާ ކަރުދާހުގައި ސައިންސްވެރިން ފާހަގަކޮށްފައިވާ ގޮތުގައި ދުވާލު ކުޑަކޮށް ނިދާލުމުން ސިކުނޑީގެ ވޮލިއުމް އިތުރުވަނީ އެކި ސަބަބުތަކާ ހެދި އެމީހާއަށް މަދުވާ ނިދީގެ ބަދަލު ދުވާލު ނިދާ ނިދުމުން ހަމަޖައްސާލެވޭތީ ކަމަށެވެ.
މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ބްރިޓިޝް ނިއުރޯސައިންސް އެސޯސިއޭޝަންގެ ރައީސާ އަދި ޔޫކޭ ޑިމެންޝިއާ ރިސާޗް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑައިރެކްޓާ ޕްރޮފެސަރު ތާރާ ސްޕިރެސް ޖޯންސް ވިދާޅުވީ މިފަހަރުގެ ކަރުދާހުގައި މި ވާހަކަތައް ހެކި ލިބިފައިވާލެއް މަދު ނަމަވެސް މިއީ ކަނޑައެޅިގެން މިކަން ވާގޮތެއްކަން ޔަގީންވާވަރުވި ކަމަށެވެ.
މި ދިރާސާ ވަރަށް ޝައުގުވެރި ކަމަށާއި ނިންޖަކީ ސިކުނޑީގެ ސިއްހަތަށް ކިހާ މުހިއްމު އެއްޗެއްކަން ވަރަށް ރަނގަޅަށް މި ހޯދުމުގެ ނަތީޖާއިން ފެނިފައިވާ ކަމަށެވެ.