ލައިފްސްޓައިލް

ނޭފަތް ނުކޮއްޓާ! ހަނދާންނެތޭ ބަލި ޖެހިދާނެ!

ފަހުގެ ހޯދުމަކުން ހާމަވެފައިވާ ގޮތުގައި ނޭފަތް ކޮއްޓުމާއި ހަނދާން ނެތޭ ބަލިތައް ކަމަށްވާ އަލްޒައިމާ އާއި ޑިމެންޝިއާ އާ ކޮންމެވެސް ވަރެއްގެ ގުޅުންތަކެއް އެބަހުއްޓެވެ.

ނޭފަތް ކޮއްޓާ ގިނަ މީހުންނަށް ހަނދާން ނެތޭ ބަލި ޖެހުން ގިނަ ކަމަށް މިހޯދުމުން ވަނީ ހާމަވެފަ އެވެ.

ބައެއް ފަހަރަށް ނޭފަތް ކޮއްޓުމުން ނޭފަތުގެ އެތެރޭގައި ހުންނަ ޓިޝޫތަކަށް ގެއްލުން ވެއެވެ. އަދި ނޭފަތުގެ އެތެރޭގައި އުޅޭ ބެކްޓީރިއާ ތަކަށް ސިކުނޑިއަށް ވާސިލުވުމަށް މަގު ފަހިވެ އެވެ. އަދި ސިކުނޑިއަށް ބެކްޓީރިއާ ވާސިލުވުމުން އަލްޒައިމާ ފަދަ ބައްޔެއްގެ ނިޝާންތައް އެމީހެއްގެ ގައިން ފެންނަން ފަށަ އެވެ.

މި ދިރާސާކުރި ސައިންސްވެރިން ބުނި ގޮތުގައި މިއީ މީދާ ތަކެއް ބޭނުންކޮށްގެން ކުރި ދިރާސާއެކެވެ. އެއްވެސް އިންސާނަކު މި ދިރާސާގައި ބައިވެރިކޮށްފައެއް ނުވެ އެވެ. ނަމަވެސް ދިރާސާގެ ނަތީޖާ ދެއްކި ގޮތުން އިންސާނުން ބައިވެރިކޮށްގެން ވަރަށް ފުޅާކޮށް މި ދިރާސާ ހަދަން ޖެހޭ ކަމަށްވެސް ސައިންސްވެރިން ބުނެފައި ވެއެވެ.

އިންސާނާގެ ސިކުނޑިއަށް އަލްޒައިމާ ޖެހޭ ގޮތާއި އެ ބަލި އުފެދިގެން އަންނަ ގޮތް އަދި ސައިންސްވެރިންނަށް ވެސް ދެނެގަނެވިފައެއް ނުވެ އެވެ.

އޮސްޓްރޭލިއާގެ ގްރިފިތު ޔުނިވަސިޓިގެ ސައިންސްވެރިންގެ ޓީމުން ކުރި މި ދިރާސާ ކުރުމަށްޓަކައި ކްލެމީޑިއާ ނިއުމޯނިއޭ ކިޔާ ބެކްޓީރިއާ އެއް ޓެސްޓް ކުރި އެވެ. މިއީ އިންސާނުންނަށް އަސަރުކޮށް ނިއުމޯނިއާ ޖައްސާ ބެކްޓީރިއާ އެކެވެ. އަދި ޑިމެންޝިއާ އެންމެ ބޮޑަށް ޖެހިފައި ތިބި ގިނަ ބައެއްގެ ސިކުނޑިން ވެސް މި ބެކްޓީރިއާ ފެނިފައި ވެއެވެ.

މީދާ ބޭނުންކޮށްގެން ހެދި ޑެމޮންސްޓްރޭޝަނުން އެނގިފައިވާ ގޮތުގައި ނޭފަތުގެ ތެރޭގައިވާ ސިކުނޑީއާ ގުޅިފައިވާ ނާރުން ބެކްޓީރިއާ އަށް ސިކުނޑިއަށް ދަތުރު ކުރުމުގެ ފުރުސަތު އޮވެ އެވެ. ނޭފަތް ކޮއްޓުމަކީ މި ބެކްޓީރިއާ ސިކުނޑިއަށް ދަތުރު ކުރުމަށް މަގުފަހިވާ ކަމެއް ކަމަށް ސައިންސްވެރިންނަށް ގަބޫލު ކުރެވެނީ އެހެންވެ އެވެ.
ނަމަވެސް މިކަން މުޅީން ޔަގީން ވާނީ އިންސާނުން ބައިވެރިކޮށްގެން މިފަދަ ދިރާސާއެއް ކޮށްގެން ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.

ނޭފަތް ކޮއްޓުމަކީ އިންސާނުންގެ އިތުރުން ބައެއް ޖަނަވާރު ވެސް އާއްމު ގޮތެއްގައި ކޮށް އުޅޭ ކަމެކެވެ. އިންސާނުންގެ ތެރެއިން ކޮންމެ 10 މީހަކުން 9 މީހަކު ނޭފަތް ކޮއްޓާ ކަމަށް ވެއެވެ.

ނޭފަތްކޮއްޓުމުގެ ފައިދާއެއް އެނގިފައި ނެތަސް މިއީ ބައެއް މީހުން އާދައަކަށް ވެގެންވެސް ކޮށް އުޅޭ ކަމެކެވެ.

އިންސާނުން ބައިވެރިކޮށްގެން މިކަމާ ގުޅޭ އާ ދިރާސާއެއް ފަށަން ތައްޔާރުވަމުންދާއިރު މި ދިރާސާކުރި ސައިންސްވެރިން ބުނެފައިވަނީ ނޭފަތް ކޮއްޓުމާއި ނޭފަތުގެ އެތެރޭގައި ހުންނަ އިސްތަށި އުފުރުމަކީ ކުރަން ރަނގަޅު ކަންތައްތަކެއް ނޫން ކަމަށެވެ. ސަބަބަކީ މި ކަންކަމުން ނޭފަތުގެ އެތެރޭގައިވާ ޓިޝޫތައް ހަލާކުވުމުގެ ފުރުސަތު ބޮޑުކަމުންނެވެ.