ސިއްހަތު

އެނެސްތީޒިއާގެ މުހިއްމުކަމާއި އެނގެންޖެހޭ މައުލޫމާތު

Oct 16, 2022

ލިޔުނީ: ޑރ. ސާދިމާ ރަޝީދު

އެނެސްތީޒިއާ -- އޮޕަރޭޝަން ކުރުމަށްޓަކައި ހޭނެއްތުން ނުވަތަ އައްސިކުރުން ދުނިޔެއަށް ތައާރަފްވީ 1800 އަހަރުތަކުގެ ތެރޭގަ އެވެ. ދުނިޔޭގެ އެކި ގައުމުތަކަށް މި އިލްމު ފެތުރި ކުރިއެރުންތައް ލިބުނީ ފާއިތުވި ދެ ގަރުނުގެ ތެރޭގަ އެވެ.

އެނެސްތީޒިއާއަށް ހާއްސަ ދުވަހެއްގެ ގޮތުގައި އޮކްޓޯބަރު 16 ފާހަގަކުރަނީ 1846 ވަނަ އަހަރުގައި ހޭނައްތައިގެން ކާމިޔާބު އޮޕަރޭޝަނެއް އެންމެ ފުރަތަމަ ކޮށްފައިވަނީ މިދުވަހުގައި ކަމަށް ވާތީ އެވެ.

ޑޮކްޓަރު ވިލިއަމް މޯޓަން ވަނީ ބޮސްޓަންގެ މެސެޗޫސެޓްސް ޖެނެރަލް ހޮސްޕިޓަލްގައި "އެތަރ" ގޭސް ބޭނުން ކޮށްގެން ބަލިމީހަކު ހޭނައްތާ، އޮޕަރޭޝަން ކުރެވިދާނެކަން ދައްކުވައި ދީފަ އެވެ. އެއަށް ފަހު އެނެސްތީޒިއާގެ އިލްމު ކުރިއަރާ އާ އީޖާދުތަކާއި ބޭސްތައް ތައާރަފްވެ މިއަދާ ހަމައަށް އައިއިރު މިއީ މިކަމަށް ހާއްސަ އިލްމާއި ތަމްރީން ލިބިގެން ތިބޭ ސްޕެޝަލިސްޓް ޑޮކްޓަރުން ފޯރުކޮށްދޭ ހިދުމަތަކަށް ވަނީ ބަދަލުވެފަ އެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހިންގާ "މެޑިކޭޝަން ވިތައުޓް ހާމް" ކެމްޕޭންގެ ދަށުން މިއަހަރުގެ އެނެސްތީޒިއާ ދުވަހުގެ ޝިއާރަކީ "#މެޑްސޭފް – ބޭހުގެ ރައްކާތެރިކަން އިތުރުކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަމާ" މިއެވެ.

ބޭސް ބޭނުންކުރުމާއި ގެންގުޅުމުގައި ދިމާވާ މައްސަލަތަކަކީ ދުނިޔޭގެ ސިއްހީ އިދާރާތަކާއި ޖަމިއްޔާތަކުގެ ސަމާލުކަން ލިބިފައިވާ ކަމެކެވެ. މިއީ ގިނަ ފަހަރު ރައްކާތެރިވެ ފިޔަވަޅު އަޅައި، މިކަމުން އެއްކިބާ ވެވޭނެ (ޕްރިވެންޓެޓިވް) މައްސަލައެކެވެ.

ދުނިޔޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ބަލިމީހުންގެ ފަސް ޕަސަންޓް މީހުންނަކީ ބޭހުގެ ޒަރިއްޔާއިން ކޮންމެވެސް ގެއްލުމެއް ލިބިފައިވާ ބައެކެވެ. ބޭސް ބޭނުން ކުރުމުގައި އަންނަ އެކި މަރުހަލާތަކަކީ (އެއީ ބޭސް ލިޔެދޭ ޑޮކްޓަރާ ހިސާބުން ފެށިގެން، ބޭސް ދޫކުރާ ފާމަސިސްޓާއި، ބޭސް ރައްކާކުރެވިފައިވާ ހާލަތާއި، ބޭސް ބޭނުން ކުރަންޖެހޭ ގޮތާމެދު ދެވިފައިވާ މައުލޫމާތާއި، ބޭހާއި ބެހޭގޮތުން ބަލިމީހާއަށް ދޭހަވެފައިވާ މަޢުލޫމާތާއި، އަދި ބޭހުގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތައް ދެނެގަތުން) އެތައް ބައެއްގެ ދައުރު ހިމެނޭ، އަދި މިކަމުގެ ޒިންމާ އެތައް ބައެއްގެ އަތްމަތީގައި ވާ ކަމެކެވެ. ދުނިޔޭގެ ސިއްޙަތާބެހޭ ޖަމިއްޔާއިން ދަނީ ރައްކާތެރިކަމާއެކު ބޭސް ބޭނުން ކުރުމުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތާއި، އެކަމާ ބެހޭ އުޞޫލުތައް އެކުލަވާލައި، މޮނިޓަރ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ބޭހުގެ ރައްކާތެރިކަމާއި އެނެސްތީޒިއާއާ އޮތީ ކޮން ގުޅުމެއް؟

އެނެސްތީޒިއޮލޮޖިސްޓުންނަކީ ބަލިމީހާ އޮޕަރޭޝަނަކަށް ނުވަތަ ޕްރޮސީޖަރަކަށް ތައްޔާރުވަމުން އަންނަ ހިސާބުން ފެށިގެން ބަލިމީހާ ބޭނުންކުރާ ބޭސްތައް ބެލުމާއި، އޮޕަރޭޝަން ތެރޭގައި ދެވޭ ބޭހާއި، އަދި އޮޕަރޭޝަން ނިންމުމަށްފަހު ބަލިމީހާގެ ތަދު ކޮންޓްރޯލް ކުރުމަށް ދޭ ބޭސް ދިނުމުގެ ބޮޑު ޒިންމާ އުފުލާ ފަރާތެވެ. މިގޮތުން ބަލިމީހާއަކީ ދާއިމީ ބައްޔަކަށް ބޭސްކުރާ މީހެއް ނަމަ، އެ ބޭނުން ކުރަނީ ކޮން ކަހަލަ ބޭހެއްތޯއާއި، ބޭހުގެ ޑޯޒާއި، ބޭސް ބޭނުން ކުރާ މުއްދަތާއި، ބަލީގެ ހާލަތާއި، އަދި ބޭހުގެ ތެރޭގައި އެނެސްތީޒިއާގެ ބޭހަށް އަސަރުކޮށްފާނެ ބޭހެއް ހުރިތޯ ބަލާނެ އެވެ.

މީގެ ތެރޭގައި ލޭގެ ޕްރެޝަރު ބޭހާއި، ތައިރޮއިޑް ބޭހާއި، ހަކުރުބަލީގެ ބޭސް ނުވަތަ އިންސުލިންއާއި، ލޭދިޔާކުރާ ބޭސް ފަދަ ބޭސްތައް ހިމެނެ އެވެ. އެއަށް ފަހު ބަލިމީހާ ތައްޔާރުވަމުން އަންނަ އޮޕަރޭޝަނަށް އެންމެ އެކަށީގެންވާ، އަދި އެންމެ ރައްކާތެރި އެނެސްތީޒިއާގެ ބާވަތަކީ ކޮބައިކަން ނިންމާ، އެކަމަށް ވާންވީ ތައްޔާރީތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރާނެ އެވެ. އަދި ހުސްބަނޑާ ހުންނަން ޖެހޭ ވަގުތާއި، ދާއިމީ ބޭސްތަކުގެ ތެރެއިން ޑޯޒަށް ބަދަލުގެންނަން ޖެހޭ، ނުވަތަ އޮޕަރޭޝަންގެ ކުރިއަށް ހުއްޓާލަން ޖެހޭ ބޭސް ކިޔައިދޭނެ އެވެ. މީގެ ތެރޭގައި އިންސުލިން، ހަކުރުބަލީގެ ކާބޭސް، ޕްރެޝަރު ބޭސް، އަދި ލޭދިޔާ ކުރާ ބޭސްތަކަކީ ފާހަގަ ކޮށްލެވޭ ބޭސްތަކެވެ.

މީގެ އިތުރުން އޮޕަރޭޝަން ތިއޭޓަރަށް ބަލިމީހާ ގެނައުމަށްފަހު ރައްކާތެރިކަމުގެ ގޮތުން މައުލޫމާތު ޗެކްކޮށް ހަދާނެ އެވެ. ބަލިމީހާއާ ނުގުޅޭ (އެލާޖިކް) ބޭހެއް ހުރިނަމަ އެކަންވެސް ކަށަވަރު ކުރާނެ އެވެ. އޮޕަރޭޝަން ތެރޭގައި އައްސިކުރުން، ހޭނެއްތުން ނުވަތަ ތަދުކެނޑުވުމަށް ބޭނުންކުރާ ބޭސް ދިނުމާއި ދެވޭ ބޭހުގެ ރައްކާތެރިކަން އެންމެ ގާތުން ބަލަމުން ގެންދާނީ އެނެސްތީޒިއޮލޮޖިސްޓުންގެ ޓީމުންނެވެ. ހަމަ އެހެންމެ އޮޕަރޭޝަން ތެރޭގައި ބަލިމީހާގެ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމާއި، އެކަމަށް ފަރުވާ ކުރުމަކީވެސް އެނެސްތީޒިއޮލޮޖިސްޓުންގެ ޒިންމާ އެކެވެ. އޮޕަރޭޝަންކުރުމަށް ފަހު ބަލިމީހާ ހޭލެއްވުމާއި، ތަދު ކޮންޓްރޯލް ކުރުމުގައި ދޭންޖެހޭ ފަރުވާގެ ޕްލޭން އެކުލަވާލާނީވެސް އެނެސްތީޒިއުލޮޖިސްޓުންނެވެ.

ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އޮތް ދައުރު

އެނެސްތީޒިއޮލޮޖިސްޓަށް ދައްކަން ބަލިމީހާ އަންނައިރު ޑޮކްޓަރާ ހިއްސާ ކުރުން މުހިއްމު މައުލޫމާތުތަކެއް ހުރެ އެވެ. އެގޮތުން ޑޮކްޓަރަށް ދައްކާއިރު ކުރީގެ ބޭސް ސިޓީއާއި ހަދާފައިވާ ޓެސްޓުތަކުގެ ރިޕޯޓާއި، ބަލީގެ ހާލަތަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެ މައުލޫމާތާއި، އެއްވެސް ހަކީމީ ބޭހެއް ނުވަތަ ފަތްޕިލާވެލީގެ ބޭހެއް ނުވަތަ ސަޕްލިމެންޓެއް ބޭނުންކުރާނަމަ އެކަން ވެސް ބުނެދޭން ވާނެ އެވެ. އެއްވެސް ބައްޔަކަށް ބޭސް ކުރާނަމަ ނުވަތަ ކުރިން ބޭސް ބޭނުންކޮށްފައިވާ ނަމަ ނުވަތަ އެއްވެސް ސަބަބަކާ ހުރެ ބޭސް މެދު ކަނޑާލާފައިވާނަމަ އެއީ ވެސް ބުނެދޭން ޖެހޭ ކަމެކެވެ.

މީގެއިތުރުން ބޭނުން ކުރާ ބޭހުގެ ނަން ނޭނގޭނަމަ ނުވަތަ ބޭސް ސިޓީ ނެތްނަމަ ބޭނުން ކުރާ ބޭސް ޑޮކްޓަރަށް ދައްކާލުން މުހިއްމެވެ. ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އަދި މަސްތުވާތަކެތި ނުވަތަ ބަނގުރާ ބޭނުން ކުރާނަމަ އެއީވެސް ޑޮކްޓަރަށް އެނގެންޖެހޭ މައުލޫމާތެކެވެ. އަދި ބަލިވެއިން ކަމަށްވާނަމަ ނުވަތަ އެންމެ ފަހުން މައްސަރު ކަންތައް ދިމާވި ތާރީހާއި ވާރުތަކުރާ އެއްވެސް ބައްޔެއް ހުރި ނަމަ އެ މައުލޫމާތާއި އާއިލާ މެމްބަރުންގެ ގައިގައި ވާރުތަކުރާ އެއްވެސް ބައްޔެއް ހުރިނަމަ ބުނެދިނުން ރަނގަޅެވެ.

ހަމައެއާ އެކު ފާއިތުވީ ދެ ހަފުތާގެ ތެރޭގައި ރޯގާގެ އަލާމާތްތައް ފެނިފައިވާނަމަ އެ މައުލޫމާތާއި، ބޭހަކަށް ނުވަތަ ކާއެއްޗަކަށް އެއްވެސް ވަރަކަށް އެލާޖިކް ވާނަމަ އެކަމެއް ހިއްސާކުރުމުގެ އިތުރުން އޮލްޓަނޭޓް ތެރަޕީގެ ތެރޭގައި ހިމެނޭ ޗައިނީޒް ޓްރެޑިޝަނަލް މެޑިސިން، ހިޖާމާ، ކައިރޯޕްރެކްޓާ އަދި މިނޫންވެސް ކަމެއް ކުރާނަމަ އެ މައުލޫމާތު ޑޮކްޓަރަށް ބުނެދިނުމަކީ ކުރަންޖެހޭނެ ކަމެކެވެ.

ބަލިމީހާ ސާފުކުރަން ބޭނުންވާ އެއްވެސް މައުލޫމާތެއް ހުރިނަމަ އެނެސްތީޒިއޮލޮޖިސްޓާއި ސުވާލުކޮށް އޮޅުން ފިލުވުމަކީ ބަލިމީހާ ވެސް ކުރުން އެދެވިގެންވާ ކަމެކެވެ. ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނީ ސިއްހީ މަސައްކަތްތެރިންނާއި، ބަލިމީހުންނާއި އާންމުން އެކުގައި މަސައްކަތްކުރެވިގެންނެވެ.