ލައިފްސްޓައިލް

ޕްރޯންގެ ކަޅު ނާރު ކެއުން ރަނގަޅެއް ނޫން

ޕްރޯން ނުވަތަ ޑިނގާ އަކީ ސީފުޑްގެ ތެރެއިން އެންމެ މީރު އެއް ބާވަތެވެ.

އެކި ސައިޒުތަކުގެ ޕްރޯން ބޭނުންކޮށްގެން ވަރަށް ގިނަ ބާވަތްތަކުގެ ކެއުންތައް ތައްޔާރުކޮށްފައި ހުއްޓާ ފެނެ އެވެ.

ފްރައިޑް ރައިސް، ޕާސްތާ، ރިހަ، ބެޓާ ފްރައިޑް، ކޭކް – މީގެން ކޮންމެ ގޮތަކަށް ހަދައިގެން ވެސް ޑިނގާ ވަރަށް މީރުކޮށް ކެވިދާނެ އެވެ.

ޕްރޯން އަށް އޮންނަ ޑިމާންޑް ބޮޑު ކަމުން މިއީ އަގު ބޮޑު ބާވަތެކެވެ.

ޕްރޯންގެ ކަޅު ކުލައިގެ ނާރު ނުރައްކަލެއްތަ

ގިނަ ޝެލްފިޝް ފަދައިން ޕްރޯންސްގައިވެސް ފެހިކުލައާ ގާތްކުރާ ކަޅުކުލައިގެ ނާރެއް ކަހަލަ ބައެއްވެ އެވެ. މިއީ ޕްރޯންގެ ހުރިހާ ނަޖިހަކާއި ވިހަ ބޭރުކުރާ ގޮހޮރެވެ.

ޕްރޯން ނުވަތަ ޝެލްފިޝްއަށް އެލާޖިކް ނުވާ މީހުންނަށް އޭގެ ނާރާއެކު ކެއުމުން މާބޮޑު އަސަރެއް ނުކޮށްފާނެ އެވެ. ނަމަވެސް އެލާޖިކްވާ މީހަކު އެ ނާރުތަކާ އެކު ކައިފިނަމަ އެމީހެއްގެ ބަނޑާއި ގޮހޮރަށް ޕްރޯންގެ ނާރުގައި ހުރި ކެމިކަލްތަކާއި ވިހަތަކުން ގެއްލުން ލިބިދާނެ އެވެ.

ޕްރޯންގައި ހުންނަ ބޭކާރު ބައިތައް ރަނގަޅަށް ނުނައްޓާ ޕްރޯން ކައިފިނަމަ ބައެއް މީހުން ވަރަށް ބޮޑަށް އެލާޖިކްވެ، ފުރާނައަށް ވެސް ނުރައްކާވެ އެވެ. މިގޮތުން ހަންގަނޑުގައި ރޭޝް، ނޭވާ ހިއްލުން، ނޭވާ ހާސްވެ ކޮށިއެރުން، ހޮޓް ފްލަޝް ފަދަ ކަންތައްތައް އެލާޖިކްވާ މީހުންނަށް ކުރިމަތިވެ އެވެ. އަދި ވަގުތުން ފަރުވާ ނުކުރެވިއްޖެނަމަ އެ ހާލަތުގައި ފުރާނައަށް ނުރައްކާތެރިވެ ޝޮކް ޖެހި މަރުވުންވެސް އެކަށީގެންވެ އެވެ.

ސިއްހީ މާހިރުންނާއި ކެއްކުމުގެ ދާއިރާގެ ތަޖުރިބާކާރުން ލަފާދެނީ ޕްރޯން ފަދަ ބާވަތްތައް ކެއްކުމުގެ ކުރިން އޭގައިވާ ކަޅު ނާރު ވަކިކޮށްލުމަށްފަހު ރަނގަޅަށް ސާފުކުރުމަށެވެ.