ލައިފްސްޓައިލް

ބޮލުގައި ލަވައެއް ހަރުލަނީ ސިކުނޑި އޮންނަ ގޮތަކުން!

Jul 30, 2015

މިއީ ވަރަށް ގިނަ މީހުންނަށް ވާ ގޮތެއް ނޫން ހެއްޔެވެ؟ ޓީވީ އިން އަންނަ ލަވައެއް ނުވަތަ ރޭޑިއޯ އިން އިވޭ ލަވައެއް ހަމަ ކުއްލިއަކަށް "ބޮލު ތެރޭގައި ހަރުލަފާނެ" އެވެ. ކައިރީގައި އިންނަ މީހާގެ ފޯނުން ޖަހާލާ ލަވައެއް ނުވަތަ އެ މީހަކު ކިޔާލާ ލަވައެއް ވެސް ނިކަން ފަސޭހައިން "ސިކުނޑީގައި ހަރުވެދާނެ" އެވެ.

މިސާލަކަށް ބުނަނީ ނަމަ މިފަހުން ވަރަށް ގިނަ ބައެއްގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ފަތޯ ނުވަތަ ފަތުހުﷲ އަބްދުލްފައްތާހުގެ އާދަޔާހިލާފު ލަވަ "ރޯލީ މޭ" އެވެ. މިއީ އެ ލަވައެއް އަޑުއިވޭ ހިނދު ފަސޭހައިން ބޮލުގައި ހަރުލާ ވައްތަރުގެ ލަވައެކެވެ.

ނަމަވެސް ބޮލު ތެރޭގައި މި ގޮތަށް ލަވައެއް "ހަރުލުން" މިއީ ހަމައެކަނި ލަވައެއްގެ މޮޅުކަމާ ނުވަތަ އޭގެ ކެޗީ ޓިއުނަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަން ސައިންސްވެރިން މި ވަނީ ހޯދައިފަ އެވެ. ސައިންސްވެރިން ބުނަނީ މިގޮތަށް ލަވައެއް ބޮލުގައި ނުވަތަ ސިކުނޑީގައި ފަސޭއިން ހަރުލަނީ އެ މީހެއްގެ ސިކުނޑި އޮންނަ ސިފައަކުން ކަމަށެވެ.

"ކޮންޝިއަސްނެސް އެންޑް ކޮގްނިޝަން" ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ސައިންސްވެރިންގެ ޓީމަކުން ބުނެފައި ވަނީ މިގޮތަށް ސިކުނޑީގައި ލަވަތައް ހަރުލައި އެ ލަވައެއް އިރުއިރުކޮޅުން ކިޔާލެވޭ ގޮތް ވަނީ ނުވަތަ އޭގެ ރާގު ހަމްކޮށްލެވޭ ގޮތް ވަނީ ސިކުނޑީގައި އަޑާއި މިއުޒިކްގެ ހަނދާންތައް ރައްކާކުރާ ސަރަހައްދުތަކުގެ ބޯމިން އުފެދިފައި ހުންނަ ގޮތަކުން ކަމަށެވެ.

މިގޮތަށް ސިކުނޑި އަށް ކުއްލި ކުއްލިއަށް ލަވަ އަންނަ ގޮތް ވުމަށް ނުވަތަ ލަވައެއް ބޮލުން ނައްޓާނުލެވިގެން އުޅޭ އުޅުމަށް ސިއްހީ ތަޖުރިބާކާރުން ކިޔައި އުޅެނީ "އިންވޮލުންޓްރީ މިއުޒިކަލް އިމޭޖަރީ" އެވެ.

ސިކުނޑި ލަވައަކަށް ދެވިހިފައި އެ ލަވައެއް އިރުއިރުކޮޅުން ޖެހޭ ގޮތަށް ސިކުނޑި ޓިއުނުވެގެން ދަނީ ސިކުނޑީގައި ހުންނަ ޓްރާންސްވާސް ޓެމްޕޯރަލް ގައިރަސްއޭ ކިޔުނު ބައެއް އާދަޔާހިލާފަށް ބޯކޮށް ހުރުމުންނެވެ.

މި ދިރާސާއެއް ހިންގި ސައިންސްވެރިން ވަނީ ބައެއް މީހުން މިއުޒިކަށް ފޫހިވާ ސަބަބާއި މިއުޒިކް އަޑުއަހައިގެން "ފަރުވާ ލިބިގަތުމުގެ" ސިއްރު ވެސް ހޯދައިފަ އެވެ. އެގޮތުން މިއުޒިކުން ހަށިގަނޑަށް އަދި ބޮލަށް ލުއިކަމެއް ލިބޭ ކަމަށް ބުނި މީހުންގެ ސިކުނޑީގެ ޕެރަހިޕޯކެމްޕަލްއޭ ކިޔުނު ހިސާބެއް އެހެން މީހުންނަށް ވުރެ ބޮޑު ކަމަށް ފާހަގަކުރެވިފައިވެ އެވެ.

ދިރާސާ އިން އެނގުނު ގޮތުގައި މިގޮތަށް ސިކުނޑި އުފެދިފައިވާ މީހުންނަކީ ފަސޭހައިން އެމީހުންގެ ބޮލުގައި ލަވަތައް ވެސް ހަރުލާ މީހުންނެވެ.

ބޮލު ތެރޭގައި މިގޮތަށް ހަރުލާ ލަވައެއް ބޮޑު އުނދަގުލަކަށްވާ މީހުންގެ ސިކުނޑީގެ ޓެމްޕޯރަލް ލޯބްގައި އާދައިގެ މީހުންގެ ގްރޭއި މޭޓާ އަށް ވުރެ ބޮޑު ގްރޭއި މޭޓާއެއް ހުންނަކަން ވެސް ފާހަގަކުރެވިފައިވެ އެވެ.