ހަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ

ތޭރަ އަހަރުގެ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ދޮންބައްޕަ ޖިންސީ ގޯނާ ކުރި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވެއްޖެ އެވެ.

ޓްވީޓް ކުރި ފަރާތުން ބުނީ މި މައްސަލަ ފުލުހުންނަަށް ރިޕޯޓް ކުރީ ޖުލައި މަހުގެ 29 ވަނަ ދުވަހު ކަމަށާއި މައްސަލަ ހުށެހެޅި ފަރާތާއި އެ ކުއްޖާގެ އާއިލާ އިން މި މައްސަލައިގައި ބަޔާން ދީފަ އެވެ. އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ދޮންބައްޕަ މަސައްކަތް ކުރާ އޮފީހަށް ވެސް މިކަން ވަނީ އަންގާފަ އެވެ.

ޓްވީޓް ތަކުގައި ބުނެފައިވާ ގޮތުން މައްސަލަ ހުށެހެޅި ފަރާތަށް ފުލުހުން ވަނީ އެ މައްސަލަ ނުބަލަން ނިންމާފައިވާ ކަމަށް އަންގައިފަ އެވެ.

"އަޅުގަނޑު ފެމެލީ ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ގޮއްސަ ބުނިން މައްސަލަ ހުށެހެޅުމުން އެ މީހުން ބުނީ އެ މެސެޖް ފޮނުވުނީ އޮޅިގެންނޭ." ޓްވީޓުގައި ބުނެފައިވެ އެވެ.

އެ ކުއްޖާގެ ދޮން ބައްޕަ ޖިންސީ އަނިޔާ ކުރަމުން އަންނަތާ ތިން އަހަރު ވެފައިވާ ކަމަށް ޓްވީޓުގައި ބުނެފައިވެ އެވެ. އަދި މައްސަލަ ހުށެހެޅިތާ 21 ދުވަސް ވީއިރުވެސް މައްސަލައިގައި ހިމެނޭ މީހާ ހައްޔަރުކޮށްފައެއް ނުވެ އެވެ. މި މައްސަލައި ރަނގަޅަށް ބެލިފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުން ތައް ވަނީ އަމާޒުވެފަ އެވެ.

މިކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މައްސަލަ ނުބަލަން ނިންމިކަމަށް ބުނެ ފުލުހުން ފޮނުވި މެސެޖަކީ އޮޅިގެން ފޮނުވުނު މެސެޖެއް ކަމަށާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް އަންނަނީ އިތުރު ވަމުންނެވެ. ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބު ތައް ދައްކާގޮތުން މިދިއަ މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 125 މައްސަލައެއް ވަނީ ހުށަހަޅާފައި އެވެ.