އިގްތިސޯދު

ޕެންޝަން ފަންޑް އިންވެސްޓް ކުރުމުގެ އިތުރު ދޮރުތައް ހުޅުވަންޖެހިފައި!

ރާއްޖޭގައި ފައިސާގެ ވާހަކަ ދައްކަންޏާ އަބަދުވެސް އިވޭނީ އެ މަދު ވާހަކަ އެވެ. ދައުލަތާއި އާންމުންގެ ތެރެއިން ގިނަ ބައަކު ހަމަ އެއް ހާލެއްގަ އެވެ. ލިބޭ އާމްދަނީއަށް ވުރެ ހަރަދު ބޮޑެވެ. ކިރިޔާ ދެކޮޅު ޖައްސާލެވެނީ ނޭވާ ނުލެވޭ ވަރަށް ބެލްޓް ބާރުކޮށްލައިގެން ނޫނީ މަތި މައްޗަށް ލޯނުތައް ނަގައިގެނެވެ. ޓްރެޝަރީ ބިލާއި ބޮންޑުގެ ނަމުގައި ދައުލަތުގެ ދަރަނި ކޮންމެ ދުވަހަކު މަތިވަމުންދާއިރު، އާއްމު ރައްޔިތު މީހާ ވަނީ ބޭންކުތަކަށާއި އިންސްޓޯލްމަންޓް ސްކީމްތަކަށް ދަރާފަ އެވެ.

ދިރިއުޅުމުގެ ހާލަތު އެފަދަ ނިކަމެތި ކަމެއްގެ ތެރޭގައި އޮތް އިރު، އާއްމު ގިނަ ރައްޔިތުންގެ ފައިސާތަކެއް ގިނަ ވެގެން، އެއަށް ހަދާނެ ގޮތް ހުސްވެދާނެ ކަމުގެ ވާހަކަ އަޑުއިވުމަކީ، ޔަގީނުން ވެސް ހައިރާންވާންޖެހޭ އާ ވާހަކަ އެކެވެ. އެކަމަކު އެއީ މިހާރުވެސް ކުރިމަތިލާންޖެހިފައިވާ ހަގީގަތެވެ.

ރާއްޖޭގައި ވަޒީފާ އަދާ ކުރާ މީހުންގެ ބޮޑު ބައެއްގެ ފައިސާ ޖަމާކުރާ ޕެންޝަން ފަންޑުގެ ކޮންމެ މަހަކު ބޮޑުވަމުން އަންނަ އިރު، އެ ފަންޑުގެ ބުރަ ގައުމުގެ އިގުތިސޯދަށް ނުއުފުލިދާނެކަމީ މިހާރުވެސް ލޯ ހުޅުވަން ޖެހި، ކައިރި މުސްތަގުބަލެއްގައި ހައްލެއް ހޯދަން ޖެހިފައިވާ ތަފާތު ހާލަތެއް ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވެ އެވެ.

ޕެންޝަން ފަންޑުގެ ދުވެލި މާ ބާރު

މަނިކު އެ ވިދާޅުވާ ވާހަކަ ރަނގަޅަށް ފަހުމް ކުރެވޭނީ ޕެންޝަން ފަންޑުގެ އަދަދުތަކާއި ރާއްޖޭގެ އިގުތިސޯދީ މާލީ ހިސާބުތައް ވަރުން އެޅުވުމުންނެވެ. މީގެ 10 އަހަރު ކުރިން ވުޖޫދުވި ގާނޫނާއެކު، މި އަހަރުގެ ޖުލައި މަހާ ހަމައަށް ރިޓަޔާމަންޓް ޕެންޝަން ފަންޑުގެ ޖުމްލަ ސައިޒަކީ 13 ބިލިއަން ރުފިޔާ އެވެ. އެއަށްވުރެ ފުނަށް ދާނަމަ، ޕެންޝަން ފަންޑަށް މަހަކު 96 މިލިއަން ރުފިޔާ ޖަމާވަމުން ދެ އެވެ. އޭގެ ތެރެއިން ރިޓާޔަމަންޓް ޕެންޝަން ސްކީމްގެ ދަށުން މަހަކު ޕެންޝަން ފައިސާގެ ގޮތުގައި ދޫކުރަނީ އެންމެ އަށް މިލިއަން ރުފިޔާ އެވެ. އެއީ ފަންޑުގެ ދުވެއްޔަށް ބަލާއިރު، އަހަރަކު ނުވަ ޕަސަންޓްގެ ކުރިއެރުމެކެވެ.

"ޕެންޝަން ފަންޑްގެ ގްރޯތު މިއުޅެނީ ނުވަ ޕަސަންޓް ގައި، އެކަމަކު އިގުތިސޯދީ ދުވެލި މިއުޅެނީ ހަ ޕަސަންޓް ވަރުގައި. އެގޮތަށް ބަލާއިރު، އެ ގްރޯތު އިގުތިސޯދަކަށް ނުނެގޭނެ. ކޮންމެވެސް ތަނަކަށް [ފައިސާ] ލާންޖެހޭނެތާ؟ ކުރިއަށް އޮތް ހަތަރު ފަސް އަހަރު މިކަން މިގޮތަށް ކުރެވިދާނެ. އެކަމަކު އޭގެ ފަހުން މައްސަލަތައް ނުކުންނަން ފަށާނެ،" މަނިކު ތަފްސީލްކޮށް ދެއްވި އެވެ.

ފަންޑު އޮތީ ސަރުކާރުގެ ދަރަންޏާ ގުޅިފައި

ޕެންޝަން ފަންޑުގެ މިހާރުގެ އިންވެސްޓްމަންޓުތަކަށް ބަލާއިރު، ޖުމްލަ 13 ބިލިއަން ރުފިޔާގެ 90 ޕަސެންޓް ހޭދަ ކޮށްފައި ވަނީ ސަރުކާރުން ވިއްކާ ޓީ ބިލާއި ބޮންޑު ގަންނާށެވެ. އެގޮތުން، ޓީ ބިލުގައި 5.4 ބިލިއަން ރުފިޔާގެ އިތުރުން ބޮންޑު ގަތުމަށް ހަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ވަނީ އިންވެސްޓްކޮށްފަ އެވެ.

މަނިކު ފާހަގަކުރައްވާ ގޮތުގައި ޕެންޝަން ފަންޑުން ކުރާ އިންވެސްޓްމަންޓުތައް ސަރުކާރުގެ ދަރަންޏަށް ބަރޯސާވެފައި ބޭއްވުމަކީ މުސްތަގުބަލުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

އެ ވާހަކައަކީ ޑެފިސިޓް ފައިނޭންސިންގްގައި ދައުލަތް ހިންގުން ނިމުމަކަށް އައިސްދާނެ ދުވަހެއްގެ އިންޒާރެވެ. ދައުލަތުގެ ހިންގުމާއި މާލިއްޔަތު ކޮޅަށްޖަހައި، ސެކިޔުރިޓީސް ވިއްކައިގެން ސަރުކާރުގެ ހަރަދުތައް ދެކޮޅު ޖައްސަން މަޖުބޫރުވާ ހާލަތު ބަދަލުވާ ދުވަހަކުން، ޕެންޝަން ފަންޑުގެ ފައިސާ އިންވެސްޓްކުރަން އޮތް މައި ދޮރު ބަންދުވާނެ އެވެ.

"މިހާރު ސަރުކާރުގެ ޑެފިސިޓް ފައިނޭންސިންއަށް މަހަކު 70 މިލިއަން ވަރަކަށް ރުފިޔާ އެބަ އިންވެސްޓް ކުރެވޭ. އެކަމަކު އަބަދު އެގޮތަށް އޮންނާނެ ކަމަކަށް ބަލައިގެން ނުވާނެ. އިގުތިސޯދު ރަނގަޅުވެ، ދައުލަތުގެ މާލީ ކަންކަން ހައްލު ވެގެން ދާ ދުވަހަކުން އަޅުގަނޑުމެން ކިހިނެއްތޯ މި ފައިސާތަކަށް ހަދާނީ؟" މަނިކު ސުވާލު ކުރެއްވި އެވެ.

ރާއްޖޭގައި ހިއްސާގެ ބާޒާރު އަދި ޅަފަތުގައި އޮތް އިރު، ކުންފުނިތަކުން ވިއްކާ ހިއްސާގައި ޕެންޝަން ފަންޑުން އިންވެސްޓް ކުރަން ލިބެނީ މަދު ފަހަރަކު އެވެ. ނަމަވެސް، އަހަރަކުން އަހަރެއް ޕެންޝަން ފަންޑަށް މަހަކު ޖަމާވާ ފައިސާ އިތުރުވަމުންދާއިރު، އެ ފައިސާތައް އިންވެސްޓް ކުރެވޭނެ އިތުރު ދޮރުތައް ހުޅުވަންޖެހެ އެވެ.

އެކަމަށް ހައްލެއް ހޯދަން ޕެންޝަން އޮފީހުން މިހާރުވެސް ވަނީ އިސްނަގާފަ އެވެ. ވޯލްޑް ބޭންކާ ގުޅިގެން އިންވެސްޓްމަންޓްތައް ފުޅާކުރުމުގެ ދިރާސާއެއް ކުރަމުންދެ އެވެ.

"އިންވެސްޓްމަންޓް ތަކުގައި އެބަހުރި ލިމިޓޭޝަން. އެހެންވީމާ، އިންވެސްޓްމަންޓުތައް ފުޅާ ކުރާނެ ގޮތްތައް ބެލުމަށް ވޯލްޑް ބޭންކްގެ ކޮންސަލްޓަންސީގެ ދަށުން ސްޓަޑީ ހަދަމުން މި ގެންދަނީ،" މަނިކު ވިދާޅުވި އެވެ.

ބާރު ދުވެލީގައި އިތުރުވަމުން އަންނަ ޕެންޝަން ފަންޑުގެ ސައިޒާއެކު، އެ ބުރަ ރާއްޖޭގެ އިގުތިސޯދަށް ނުއުފުލޭނަމަ، އާހިރުގައި ރާއްޖޭގެ އަމާޒަކަށްވާންވީ އެ ފައިސާ އިން ކުރާ އިންވެސްޓްމަންޓުތައް ބޭރަށް ފުޅާ ކުރުން ކަމަށް މަނިކު ފާހަގަ ކުރައްވަ އެވެ. ސަބަބަކީ، ދިވެހިން އެންމެ ބޮޑަށް ބޭނުންވެފައިވާ ގޮތަށް ސަރުކާރުގެ މާލިއްޔަތު ރަނގަޅު ކޮށްފިއްޔާ އެކަމުގެ ތާށިކަން ކުރިމަތިވާނީ ޕެންޝަން ފަންޑަށް ކަމަށއް ވާތީ އެވެ.

އެހެންވީމާ، އެހާ ތަނަށް ކަމާބެހޭ ހުރިހާ އިދާރާތަކެއް އެކައްޗެއް ކިޔަންޖެހެ އެވެ. އިންވެސްޓް ކުރުމުގެ ދޮރުތައް އިތުރު ކުރެވެން އޮތީ ގާނޫނުތަކަށް ބަދަލު ގެނެސްގރނެވެ.

ވޯލްޑް ބޭންކުން ކުރަމުންދާ ދިރާސާ މިއަހަރު ފަހުކޮޅު ނޫނީ އަންނަ އަހަރު ކުރީކޮޅު ނިމޭއިރު، އާ އުސޫލުތަކަކަށް އެންމެ އެއްބަސްވެ، ވީއެންމެ އަވަހަކަށް ގޮތްތަކެއް ނިންމަންޖެހެ އެވެ. އާއްމުކޮށް ކަންކުރާ ގޮތަށް އެ މައްސަލަ ފެންމަތިވުމުން އެންމެން ކޮޅު ކޮޅަށް ދުއްވައިގަތުމުގެ ބަދަލުގައި، މިހާރުވެސް އެކަމަށް ހައްލެއް ހޯދަން މަސައްކަތް ފެށުމަކީ ކަމާގުޅޭ އިދާރާތަކަކުން ކުރަންޖެހޭނެ ކަމެކެވެ،

ޕެންޝަން ފަންޑަކީ ސޭވިން އެކައުންޓެއް ނޫން!

ޕެންޝަން ފަންޑުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު މުސްކުޅިވުމުގެ ކުރިން އެ ފައިސާ ލިބެންޖެހޭ ކަމަށް ބުނެ ގިނަ ބަޔަކު ހަޅޭއްލަވަ އެވެ. އަމިއްލަ ފައިސާތަކެއް ބަޔަކު ގަދަކަމުން ފޭރިގަނެގެން އުޅޭ ކަހަލަ ގޮތަކަށެވެ. ގާނޫނަކުން މަޖުބޫރު ވެގެން ވިޔަސް، ހިތާ ދެކޮޅަށް ވިޔަސް މުޅި އުމުރު ކުރާ މަސައްކަތުން ތިމާގެ ޕެންޝަން ފަންޑަށް ޖަމާވާ ފައިސާއަކީ މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހު އެހެން މީހަކަށް ބަރޯސާ ނުވެ ހިފަން އޮންނާނެ އަސާގަނޑެވެ.

ޕެންޝަނާބެހޭ ގާނޫނު ވުޖޫދު ކުރުމުގެ ބޭނުމަކީ ވެސް އެއީ އެވެ. އަސާސީ މުސާރައިގެ ގޮތުގައި ލިބޭ އެއްޗެއްގެ މަދުވެގެން ދެ ބައިކުޅަ އެއްބައި މުސްކުޅިވާ ދުވަހު އެމީހަކަށް ދެވޭނެ ނިޒާމެއް ހޯދުމެވެ.

މިއަހަރުގެ ޑިސެމްބަރު މަހަށް ޕެންޝަން އޮފީހުގައި މަނިކު ދައުރު ހަމަވާއިރު، ރައްޔިތުންނަށް އޭނާ ދޭން ބޭނުންވާ މެސެޖަކީވެސް އެއީ އެވެ. މާލީ ދަތިކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު ޕެންޝަން ފަންޑަށް އަތް ނުލުމެވެ. ސަބަބަކީ، މުޅި ޕެންޝަން ފަންޑުގެ ސައިޒު ބިޔަ އެވެ. ގެދޮރު ގަތުމާއި ހައްޖަށް ދިޔުން ފަދަ ކަންކަމުގައި މިހާރު ޕެންޝަން ފަންޑުން ފައިސާ ނެގޭނެ މަގު އޮތް އިރު، އެކަންކަމަށް ފައިސާ ނެގުމުން ޖުމްލަ ފަންޑަށް އެއްވެސް އަސަރެއް ނުކުރާނެ އެވެ. ގެއްލުން ވާނީ ވަކިވަކި ފަރުދުންނަށެވެ. މަދުވެގެން ދާނީ، މުސްކުޅިވާ ދުވަހު އަސާސީ ބޭނުންތަކަށް ބޭނުން ކުރަން ލިބޭ ފައިސާ ކޮޅެވެ.