ރިޕޯޓް

ނުސީދާ ސަބްސިޑީ ބޮޑުވަނީ ކޮން ފަޅިއަކަށް؟

ސަބްސިޑީ އަށް ބުރަ ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބައެއް އިގްތިސޯދީ ގަބޫލު ކުރެ އެވެ. މީގެ އެއް ސަބަބުން އިގްތިސޯދު ހީނަރުވެ، އާމްދަނީ ދަތިވާ ވަގުތު ބަޖެޓަށް ބުރަ ބޮޑުވެ ހަމައިން ނައްޓާލުމުގެ ފުރުސަތު އޮތުމެވެ. ނަމަވެސް ދިވެހި ދައުލަތުގެ ސިސްޓަމްތައް އޮތް ގޮތުން އަހަރުން އަހަރަށް ދައުލަތުން ދޭ އެކި ބާވަތްތަކުގެ ސަބްސިޑީ މިދަނީ މަތިވަމުންނެވެ. ހާއްސަކޮށް ކޮވިޑް-19 ގެ ސަބަބުން ގިނަ ބަޔަކު ހާލަތުގައި ޖެހިފައިވުމާއެކު ސަބްސިޑީއަށް ބަޖެޓުން ހޭދަ ކުރަން މިވަނީ މަޖުބޫރު ހާލަތަކަށް ގައުމު ތިރިވެފައޭ ބުނެވިދާނެ އެވެ. އަންނަ އަހަރުވެސް "އިންޑިރެކްޓް ސަބްސިޑީ" ނުވަނަ ނުސީދާ ސަބްސިޑީއަށް ބޮޑު ހޭދައެއް ކުރާނެ އެވެ. އަންނަ އަހަރު ނުސީދާ ސަބްސިޑީ ބުރަވާނީ ކޮން ފަޅިއަކަށް ހެއްޔެވެ؟ އަންނަ އަހަރު ނުސީދާ ސަބްސިޑީތައް މަދު ވެދާނެ ހެއްޔެވެ؟

"ބަޖެޓު އެކުލަވާލުމުގެ ސަބްސިޑީގެ ކަންކަން ހުންނާނީ ހާލަތަށް ބަލައިގެން އެކުލަވާލާފަ. ދައުލަތުން ދޭ އެއްވެސް ސަބްސިޑީއެއް އުނިވެގެން އަސަރު ނުކުރާނެ ގޮތަކަށް ބަދަލު ގެނެވިފައިވާނެ،" ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ޝަރުވަޝް އާދަމް ވިދާޅުވި އެވެ.

ވަކި ޓާގެޓް ފަރުދެއް ނުވަތަ ކުންފުންޏެއް ނެތި، ހިދުމަތް ބޭނުން ކުރާ ނުވަތަ ތަކެތި ގަންނަ ހުރިހާ ފަރާތްތަކަށް ދޭ "އިންޑެކްޓް ސަބްސިޑީ" ބައިގައި ހިމަނައިގެން އަންނަ އަހަރު ކަރަންޓު އަގު ހެޔޮ ކުރަން 427.7 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ. އަދި ކާބޯ ތަކެތީގެ އަގު ހެޔޮ ކުރަން ސަބްސިޑީގެ ގޮތުގައި 365.2 މިލިއަން ރުފިޔާ ދޭނެ އެވެ. މީގެ އިތުރުން ޕަބްލިކް ފެރީ ނިޒާމަށް އަންނަ އަހަރު 94 މިލިއަން ރުފިޔާ ހޭދަ ކުރަން ހިމަނާފައިވެ އެވެ. އަދި ކުނި މެނޭޖު ކުރަން ސަރުކާރުން އުފެއްދި ކުންފުނި، ވެމްކޯ އަށް 30 މިލިއަން ރުފިޔާ ސަބްސިޑައިޒް ކުރާނެ އެވެ. މި ހުރިހާ އަދަދުތަކާއެކު އަންނަ އަހަރުގެ ބަޖެޓުން ނުސީދާކޮށް ދޭ ސަބްސިޑީ ތަކަށް އެކަނި 1.5 ބިލިއަން ރުފިޔާ ހޭދަ ކުރާނެ އެވެ.

ދައުލަތުން ދޭ ނުސީދާ ސަބްސިޑީތައް

  • ކާބޯތަކެތީގެ އަގު ހެޔޮކުރަން ދޭ ސަބްސިޑީ
  • ކަރަންޓުގެ އަގު ހެޔޮކުރަން ދޭ ސަބްސިޑީތައް
  • ކަރަންޓު އުފައްދާ ކުންފުނިތަކުން ބޭނުން ކުރާ ތެޔޮ އަގު ހެޔޮ ކުރަން ދޭ ސަބްސިޑި
  • ކަރަންޓުގެ ޓެރިފް ރޭޓު ތަކަށް ވުރެ ޔުނިޓެއް އުފައްދަން ހިނގާ ހަރަދު މަތިވުމުން ރެވެނިއު ލޮސް ރިކަވަރީގެ ގޮތުގައި ކަރަންޓު އުފައްދާ
  • ކުންފުނިތަކަށް ދޭ ފައިސާ
  • ވެކޯ އިން ފޯރުކޮށްދޭ ކުނި އުކާލުމުގެ ހިދުމަތުގެ އަގު ހެޔޮ ކުރަން ދޭ ސަބްސިޑީ
  • ޕަބްލިކް ފެރީ ނިޒާމު ހިންގަން ދޭ ސަބްސިޑީ

ބަޖެޓުން ކާބޯތަކެތީގެ އަގު ހެޔޮ ކުރަން ދޫކުރާ ފައިސާގެ 99.9 ދެނީ، ސަރުކާރުގެ ކުންފުނި، އެސްޓީއޯ އަށެވެ. އެ ކުންފުނިން ވިއްކާ ކާޑުގެ ބާވަތްތައް ކަމަށްވާ ހަނޑޫ، ހަކުރު، ފުށް، މާކެޓު އަގަށް ވުރެ ދަށުން، ކޮންޓްރޯލް އަގުގައި ވިއްކައިގެން ލިބޭ ގެއްލުން ފޫބައްދާށެވެ. ބާކީ ކުޑަ އަދަދެއް ދޫކުރުވެނީ އެންސްޕާ މެދުވެރިކޮށް ފޯރުންތެރިކަން ކުޑަ ފަރާތްތަކަށް ދޭ ފައިސާ އެހީގެ ގޮތުގަ އެވެ.

ވޭތުވެދިޔަ ފަސް އަހަރު ދުވަހަށް ބަލާއިރު، ކާބޯތަކެތީގެ ސަބްސިޑީ އެވަރެޖްކޮށް ހުރީ 300 މިލިއަން ރުފިޔާއާ ގާތް ކުރާ އަދަދެއްގަ އެވެ. އަދި ރައީސް އަބްﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އޮކްޓޫބަރު މަހު ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގު މަތިކުރުމާ ގުޅިގެން އެސްޓީއޯ އަށް ގެއްލުމުގެ ދޭން ޖެހުނު ފައިސާ ސަބްސިޑީ އަށް ހޭދަކުރާ މިންވަރު 41 ޕަސެންޓަށް ދަށްވި އެވެ. ނަމަވެސް 2018 ވަނަ އަހަރު ކޮންޓްރޯލް އަގު އަލުން ދޫކޮށްލުމާއެކު، ކާބޯތަކެތީގެ ސަބްސިޑީ އަށް ހޭދަކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރު ކާބޯތަކެތީގެ ސަބްސިޑީ އަށް ވަނީ 321 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އަދި މި އަހަރުގެ ބަޖެޓުގައި ސަބްސިޑީ އަށް 254 މިލިއަން ބަޖެޓް ކުރި ނަމަވެސް އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް 268 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ. އަދި އަހަރުގެ ނިޔަލަށް 338.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާ ކޮށްފައިވެ އެވެ. އަންނަ އަހަރަށް 365.6 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކާބޯތަކެތި އަގު ހެޔޮކުރުމަށް ކަނޑައަޅާފަ އެވެ.

އެންމެ ބޮޑު ސަބްސިޑީއެއް ހަކުރަށް!

ރާއްޖޭގައި ކާޑުގެ ބާވަތްތަކަށް ދޭ ސަބްސިޑީއަކީ ވެސް އިންޑިރެކްޓް އެއްޗެކެވެ. ނަމަވެސް އެހެން ގައުމުތަކުގައި މި ސަބްސިޑީ ދޭނީ އެންމެ ބޭނުންވާ މީހާއަށެވެ. ރާއްޖޭގައި މި ސަބްސިޑީ ބިދޭސީންނާއި އެންމެ މުއްސަނދި މީހާއަށްވެސް ދެ އެވެ. ނަތީޖާއަކަށްވަނީ މި ސަބްސިޑީއަށް ކުރަން ޖެހޭ ހޭދަ އިންތިހާއަށް މަތިވުމެވެ،

ރާއްޖޭގައި ދޭ ކާބޯތަކެތީގެ ސަބްސިޑީގެ ދެބައިކުޅަ އެއްބައި ހޭދަވަނީ ހަނޑުލަށެވެ. ނުވަތަ ހަނޑޫ އަގުހެޔޮ ކުރަން ހޭދަ ކުރާ ފައިސާ އަށެވެ. އަދި ފުށާއި ހަކުރަށް ކޮންމެ ބާވަތެއްގެ ނިސްބަތަކީ ހަތަރު ބައިކުޅަ އެއް ބައިވަރެވެ. ދުނިޔޭގެ މާކެޓުގައި ކޮންމެ އަގައި ހަނޑޫ އަދި ހަކުރު ހުއްޓަސް ރާއްޖެ ގެނެސް އެއަށް ސަބްސިޑީއެއްކޮށް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހެ އެވެ.

މިދިޔަ އަހަރު މާކެޓުގައި ހަނޑޫ ކިލޯއެއް 15ރ. އަށް ހުރިނަމަވެސް ސަރުކާރުން އެސްޓީއޯ އަށް ދިން 11.1ރ. ގެ ސަބްސިޑީގެ ސަބަބުން ހަނޑޫ ކިލޯއެއް ވިއްކަނީ ހަތަރު ރުފިޔާ އަށެވެ. އަދި ފުއް ކިލޯއެއް މާކެޓުގައި 11.2ރ. އަށް ހުރިއިރު، ސަބްސިޑީގެ ގޮތުގައި ދިން 8.2ރ. ގެ ސަބަބުން ފުއް ކިލޯއެއް ވިއްކީ ތިން ރުފިޔާ އަށެވެ. އަދި ހަކުރު ކިލޯއެއް 17ރ. އަށް ހުރިއިރު ސަބްސީޑީ އަށް ދޫކުރި 13ރ. ގެ ސަބަބުން ހަކުރު ކިލޯއެއް ވިއްކަން ލިިބެނީ ހަތަރު ރުފިޔާ އަށެވެ. ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގާއި މާކެޓު އަގުގެ ފަރަގު މިދިޔަ އަހަރު ހުރި މިންވަރަކަށް ބަލާއިރު، އެންމެ ބޮޑު ފަރަގެއް ހުރީ ހަކުރުގަ އެވެ. ވިއްކާ ހަކުރު ކޮންމެ ކިލޯ އަކަށް 8.99 ރުފިޔާގެ ގެއްލުން ސަބްސިޑީގެ ގޮތުގައި އެސްޓީއޯ އަށް ދޭން ޖެހެ އެވެ. ކާޑުގެ އަގުން ބަލާނަމަ ހަކުރު ވިއްކަނީ 69 ޕަސެންޓު ސަބްސިޑައިޒް ކޮށްގެންނެވެ. އަދި ހަނޑުލާއި ފުށް ވިއްކާ ވިއްކަނީ 64 ޕަސެންޓަކީ ސަބްސިޑީގަ އެވެ.

މިދިޔަ އަހަރު މާކެޓުގައި ހަނޑޫ ކިލޯއެއް 15ރ. އަށް ހުރިނަމަވެސް ސަރުކާރުން އެސްޓީއޯ އަށް ދިން 11.1ރ. ގެ ސަބްސިޑީގެ ސަބަބުން ހަނޑޫ ކިލޯއެއް ވިއްކަނީ ހަތަރު ރުފިޔާ އަށެވެ. އަދި ފުއް ކިލޯއެއް މާކެޓުގައި 11.2ރ. އަށް ހުރިއިރު، ސަބްސިޑީގެ ގޮތުގައި ދިން 8.2ރ. ގެ ސަބަބުން ފުއް ކިލޯއެއް ވިއްކީ ތިން ރުފިޔާ އަށެވެ. އަދި ހަކުރު ކިލޯއެއް 17ރ. އަށް ހުރިއިރު ސަބްސީޑީ އަށް ދޫކުރި 13ރ. ގެ ސަބަބުން ހަކުރު ކިލޯއެއް ވިއްކަން ލިިބެނީ ހަތަރު ރުފިޔާ އަށެވެ. ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގާއި މާކެޓު އަގުގެ ފަރަގު މިދިޔަ އަހަރު ހުރި މިންވަރަކަށް ބަލާއިރު، އެންމެ ބޮޑު ފަރަގެއް ހުރީ ހަކުރުގަ އެވެ. ވިއްކާ ހަކުރު ކޮންމެ ކިލޯ އަކަށް 8.99 ރުފިޔާގެ ގެއްލުން ސަބްސިޑީގެ ގޮތުގައި އެސްޓީއޯ އަށް ދޭން ޖެހެ އެވެ. ކާޑުގެ އަގުން ބަލާނަމަ ހަކުރު ވިއްކަނީ 69 ޕަސެންޓު ސަބްސިޑައިޒް ކޮށްގެންނެވެ. އަދި ހަނޑުލާއި ފުށް ވިއްކާ ވިއްކަނީ 64 ޕަސެންޓަކީ ސަބްސިޑީގަ އެވެ.

ކަރަންޓު އަގު ހެޔޮ ކުރަން ދައުލަތުގެ ބަޖެޓުން ދެ ގޮތަކަށް ސަބްސިޑީ ދޫކުރެ އެވެ. އެއް ގޮތަކީ ކަރަންޓުގެ ޓެރިފް ރޭޓުތަކުގެ ގޮތުގައި މިހާރު ކަނޑައަޅައިފައިހުރި ރޭޓު ތަކަށް ވުރެ ޔުނިޓެއް އުފައްދަން ހިނގާ ހަރަދު މަތިވުމުން، "ރެވެނިއު ލޮސް
ރިކަވަރީ" ގެ ގޮތުގައި ކަރަންޓު އުފައްދާ ކުންފުނިތަކަށް ދޭ ފައިސާ އެވެ. އަނެއް ގޮތަކީ ކަރަންޓު އުފައްދާ ކުންފުނިތަކުން ސްޓެލްކޯ އާއި ފެނަކަ އަދި އެމްޑަބްލިއުއެސްސީ އިން ކަރަންޓު އުފައްދަން ބޭނުން ކުރާ ތެޔޮ އެސްޓީއޯ އިން ގަންނަ އަގު ވަކި މިންވަރަކަށްވުރެ ބޮޑުވިޔަނުދީ ހިފެހެއްޓުމަށް އެސްޓީއޯ އަށް ދޭ ސަބްސިޑީ އެކެވެ.

ކަރަންޓުގެ ޓެރިފް ރޭޓުތަކުގެ ގޮތުގައި މޯލްޑިވްސް އެނާޖީ އޮތޯރިޓީން ކަނޑައަޅާފައިވާ ރޭޓުތަކަކީ ކަރަންޓު ޔުނިޓެއް އުފައްދަން ހިނގާ ހަރަދަށް ވުރެ ދަށް ރޭޓު ތަކެކެވެ. މީގެ ސަބަބުން ކަރަންޓު އުފައްދާ ކުންފުނިތަކަށްވާ ގެއްލުމުގެ ބަދަލު، ރެވެނިއު ލޮސް ރިކަވަރީގެ ނަމުގައި ސަރުކާރުން ސްޓެލްކޯ، ފެނަކަ އަދި އެމްޑަބްލިއުއެސްސީ އަށް ދަނީ ސަބްސިޑީ ފޯރުކޮށްދެމުންނެވެ.

ފާއިތުވި އަހަރުތަކުގައި ކަރަންޓު ޓެރިފް ރޭޓަށް ގެނެވުނު ބަދަލުތަކާއެކު ކަރަންޓު ސަބްސިޑީ އަށް ހަރަދު ކުރާ މިންވަރު ވަނީ އަހަރަކުން އަހަރަކަށް ބޮޑެތި ބަދަލު ތަކެއް އައިސްފަ އެވެ. މިގޮތުން 2016 ވަނަ އަހަރު ޓެރިފް ރޭޓުތައް މަތިކުރުމުން ކުންފުނިތަކަށްވާ ގެއްލުމުގެ ބަދަލުގައި ދޭ ސަބްސިޑީ އަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަވި އެވެ. އަދި 2018 ވަނަ އަހަރު ޓެރިފްރޭޓުތައް އަލުން ދަށްކޮށް ކަރަންޓު ސަބްސިޑީ އިއާދަކުރުމާއެކު ސަބްސިޑީ ހަރަދު އިތުރުވި އެވެ. އަދި މިދިޔަ އަހަރު ކަރަންޓުގެ އަގު މުޅި ރާއްޖޭގައި ހާމަނައިޒްކުރުމާއެކު ސަބްސިޑީ އަށް ކުރާ ހޭދަ ވަނީ މަތިވެފަ އެވެ. މި އަހަރަށް ފާސް ކުރި ބަޖެޓުގައި ވެސް ކަރަންޓުގެ ސަބްސިޑީއަށް 350 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

ކަރަންޓުގެ ސަބްސިޑީ، ބަޖެޓުން ބޭރުގައި!

މި އަހަރުގެ މާޗް މަހު ރާއްޖެ އިން ކޮވިޑް-19 ގެ ބަލި ފެނުމާއެކު އިގްތިސޯދު ހީނަރުވުމުން ބިލުގެ 40 ޕަސެންޓުގެ ޑިސްކައުންޓެއް ވަނީ ދީފަ އެވެ. މި ސަބްސިޑީއާއެކު މި އަހަރުގެ ތެރޭގައި ހަރަދު ކުޑަކުރުމަށް ރޭވިފައިވާ ގޮތަށް ހަރަދު ކުޑަ ނުކުރެވުމާއެކު އަހަރުގެ ނިޔަލަށް ކަރަންޓުގެ ސަބްސިޑީގެ ބަޖެޓު ވަނީ 624.6 މިލިއަން ރުފިޔާއަށް މަތިވެގެން ގޮސްފަ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ކަރަންޓު ސަބްސިޑީ އަށް ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވަނީ 424.7 މިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރު ކަރަންޓު ސަބްސިޑީ އަށް ކުރި ހޭދައިގެ ބޮޑު ބައެއް ގޮސްފައިވަނީ ފެނަކަ އަށް ރެވެނިއު ލޮސްގެ ގޮތުގަ އެވެ. މިގޮތުން 2019 ވަނަ އަހަރު 435 މިލިއަން ރުފިޔާ ވަނީ ފެނަކަ އަށް ދޭ ރެވެނިއު ލޮސްގެ ގޮތުގައި ހަރަދުކޮށްފަ އެވެ. މިއީ ކަރަންޓް ސަބްސިޑީއަށް މުޅި އަހަރު ހޭދަކުރި މިންވަރުގެ 93 ޕަސެންޓެވެ.

ކަރަންޓު އުފައްދާ ކުންފުނި ތަކުން ތެޔޮ ގަންނަމުން ދަނީ އެސްޓީއޯ އިން ކަމަށް ވުމުން ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކަރަންޓުގެ އަގު މައްޗަށް ދިޔަ ނުދިމަށްޓަކައި އެސްޓީއޯ އިން ވިއްކާ ޑީސަލްގެ އަގަށް ސަރުކާރުން މި އަހަރުވެސް ސަބްސިޑީ ދިނެވެ. ޑީސަލްގެ މާކެޓު އަގު ކޮންޓްރޯލް އަގަށް ވުރެ މަތިނަމަ މާކެޓު އަގާއި ކޮންޓްރޯލް އަގުގެ ފަރަގު ސަބްސިޑީގެ ގޮތުގައި އެސްޓީއޯ އަށް ދެމުން ގެންދިޔަ އެވެ. އެގޮތުން 1، މާޗް 2019 އިން ފެށިގެން ޔުޓިލިޓީ ކުންފުނިތަކަށް އެސްޓީއޯ އިން ވިއްކާ ޑީސަލްގެ ކޮންޓްރޯލް އަގު ވަނީ 8.00ރ. ރުފިޔާ އިން 7.60 ރުފިޔާ އަށް ކުޑަކޮށްފައިވެ އެވެ.

މިހާރު ފިއުލް ސަބްސިޑީ ދޭން ޖެހޭ ތަ؟

ވޭތުވެދިޔަ ދެ އަހަރު ބޭރުގެ ބާޒާރުތަކުގައި ތެލުގެ އަގު ހުރީ މަތީގަ އެވެ. އެހެންވެ ކަރަންޓު އުފައްދާ ކުންފުނިތަކަށް ވިއްކާ ތެލުގެ ސަބްސިޑީގެ ގޮތުގައި އަހަރަކު އެވަރެޖްކޮށް 518.7 މިލިއަން ރުފިޔާ ސަރުކާރުން ދިޔައީ އެސްޓީއޯ އަށް ދެމުންނެވެ. އަދި މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މި ސަބްސިޑީގެ ގޮތުގައި 92.8 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. މި އަހަރަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑުތަން ހެޔޮވެފައިވާ އަހަރަށް ވާތީ އަންނަ އަހަރަށް ވެސް ހަކަތައިގެ އަގުތައް ދުނިޔޭގެ ބާޒާރުގައި މިހާރު ހުރި މިންވަރުގައި ހިފެހެއްޓޭނެކަމަށް ވަނީ ބެލިފަ އެވެ. އެހެންވެ އަންނަ އަހަރު ފިއުލް ސަބްސިޑީއެއް ނުހިމެނެ އެވެ.

ސަރުކާރުގެ ބޮލުގައި އެންމެ ފަހުން އެޅުނު ސަބްސިޑީގެ "ބުރަ" އަކީ ކުނި މެނޭޖު ކުރަން އުފެއްދި ކުންފުނި ވެމްކޯ އެވެ. ސަރުކާރުގެ ކުނި މެނޭޖު ކުރާ ކުންފުނި ވެމްކޯ އަށް އަންނަ އަހަރުގެ ބަޖެޓުން 30 މިލިއަން ރުފިޔާ ދޭނެ އެވެ. މިއީ ވެމްކޯ އިން ބަލަހައްޓާ ވަންދޫގެ އޮޕަރޭޝަނުންވާ ގެއްލުންވަމުންދާތީ ސަރުކާރުން ފައިސާ ދެއްކުމަށް އެންމެ ފުރަތަމަ ވީ އެއްބަސްވުމުގައި ވުމާއެކު ދައްކަންޖެހޭ ފައިސާ އެވެ. މީގެ އިތުރުން އެ ކުންފުނީގެ ކުނި އުކުމުގެ ހިދުމަތުން އައްޑޫ އަދި ފުވައްމުލަކުގައި ވެސް ގެއްލުން ވަމުންދާތީ ދޫކުރާ ފައިސާ އެވެ.

އަންނަ އަހަރަކީ ވެސް ދައުލަތުން ނުސީދާކޮށް ދޭ ސަބްސިޑީގެ އިންތިހާ އަށް މަތިވާނެ އަހަރެކެވެ. އަންނަ އަހަރުގެ ބަޖެޓުން ނުސީދާ ސަބްސީޑީއަށް ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާވަރު ހޭދަކުރާނެ އެވެ. މި ސަބްސިޑީއަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް އަންނަ އަހަރުވެސް ކުރާނީ ކަރަންޓުގެ އަގު ހެޔޮ ކުރުމާއި ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮ ކުރާށެވެ. އަދި މީގެ އިތުރުން ސީދާކޮށް އެހީތެރިކަން ދޭން ވެސް ސަބްސިޑީ އަށް ބަޖެޓުން ބޮޑު ހޭދައެއް ކުރާނެ އެވެ.