ރިޕޯޓް

ޖޭޕީގެ ސަފުތައް މި އެތުރެނީ ކޮން ދިމާއަކަށް!

ސިޔާސީ ޕާޓީތައް ހަދައިގެން ވޭތުވެދިޔަ ތަނުގައި ބޭއްވި ރިޔާސީ އިންތިހާބުތަކާބެހޭ ގޮތުން ޖުމްހޫރީ ޕާޓީ އަބަދުވެސް ފަހުރުވެރި ކަމާއެކު ވާހަކަ ދައްކަ އެވެ. ބުނަނީ ޖޭޕީއަކީ އިންތިހާބުތަކުގެ "ގޭމް ޗޭންޖާ" އެވެ. އެ ޕާޓީގެ ލީޑަރަކީ "ކިންގް މޭކާ" އެވެ. އެ ޕާޓީއާ ނުލާ އެއްވެސް ބަޔަކަށް ވެރިކަމަކަށް އާދެވިފައެއް ނޯންނާނެ އޭ އެވެ. ރައީސް މުހައްމަދު ނަޝީދަށް، ރައީސް އަަބްދުﷲ ޔާމީނަށް އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ވެސް ވެރިކަމަށް ވަޑައިގެންނެވުނީ ޖުމްހޫރީ ޕާޓީގެ އެހީއާއެކު އެ ޕާޓީއަށް ބައި އަޅާ ގޮތަށެވެ. އެހެންވެ މިދިޔަ 15 ވަރަކަށް އަހަރު ތެރޭ އައި ކޮންމެ ސަރުކާރަކުން ވެސް އެ ޕާޓީއަށް "ކޭކު ފޮއްޗެއް" ލިބެ އެވެ.

ހަމަ އެއާއެކު ޖުމްހޫރީ ޕާޓީ ކިތަންމެ ބޭނުން ނުވިޔަސް އެ ޕާޓީއަށް ލިބޭ އެހެން ނަމެއް ވެސް އޮވެ އެވެ. އެއިން ކޮންމެ ސަރުކާރަކުން އެންމެ ފުރަތަމަ ނިކުމެެގެންދާ އެންމެ ފުރަތަމަ "ފަނިހަދާ" ޕާޓީއަކަށް ވެފައި އޮތީ ވެސް ހަމަ ޖުމްހޫރީ ޕާޓީ އެވެ. މާ ގިނަ ދުވަސްތަކެއް ނުވެ ސަރުކާރާ މައްސަލަ ޖެހި ފާޑު ކިޔުމުގެ ބަސްތައް އުކަން ފަށަ އެވެ. އަދި މަޑުމަޑުން އިދިކޮޅަށް ޖެހެމުން ގޮސް ނިމިގެން ދާއިރު ޖޭޕީ ވަނީ ހަމަ އިދިކޮޅު ޕާޓީގެ ބަޔަކަށެވެ.

"އެއް ހޮރަކުން ދެފަހަރަށް ކައްޓެއް ނުޖެހޭނެ" ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަބަދުވެސް ވިދާޅުވާއިރު ރައީސް މުހައްމަދު ނަޝީދު ސަރުކާރާއި ރައީސް ޔާމީން ސަރުކާރުގައި ވީ އެހެނެވެ. އަދި މި ސަރުކާރަށް 100 ދުވަސް ނުވެ ގާސިމް ނާށިގަނޑު ހިފައިގެން ޕީޕީއެމް ކައިރިއަށް ދާން ވެސް ޖެހުނެވެ.

މަޖިލިސް އިންތިހާބަށް ފަހު ވަރަށް ބޮޑަށް ސައިލެންޓްވި ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރާ އެކުގައި ކަމަށް ބުނާ ބުނުމެއް އާ ކޮށްލުން ފިޔަވައި އެކަން އޮތީ ހެދި އެގްރިމެންޓާ އެއް ގޮތަށް ކަމެއް މުޅިއަކުން ސާފެއް ނުވެ އެވެ.

އެކަމަކު ރައީސް ނަޝީދާ މުޅީން ދެކޮޅުކަން އެނގެ އެވެ. ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް މަދުމަދުން ފާޑު ކިޔަ އެވެ. އަނެއްބައި ފަހަރު ތާއީދު ވެސް ކުރެ އެވެ. އެކަމަކު މިފަހުން ޖުމްހޫރީ ޕާޓީ ވަނީ އަނެއްކާވެސް ސިޔާސީ މަސައްކަތް ވަރުގަަދައަށް ފަށައިފަ އެވެ. މިފަހަރު ގެންގުޅެނީ ތަފާތު ގޭމް ޕްލޭނެކެވެ. ހަފުތާ ދެކޮޅު ބާއްވާ ދެ ޖަލްސާގައި ދައްކާ ވާހަކަ ވަށައެއް ނުޖެހެ އެވެ.

އަސްލު ޖޭޕީ ބެެންޗަށް، ކުރީ ސަފަށް ކުރީގެ ޕީޕީއެމް!

ސިޔާސީ ގޮތުން މި ސަރުކާރުގައި ޖޭޕީގެ ބާރު އޮތް މިންވަަރަށް ބަލާއިރު އަދި މިވަގުތު ސިޔާސީ ގޮތުން ޖޭޕީ އޮތް ޕޮޒިޝަނަށް ބަލާއިރު ސިޔާސީ ބާރު ދެރައޭ ބުނެވޭކަށް ނެތެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ޖުމްހޫރީ ޕާޓީގެ މެންބަރަކެވެ. ބާރުގަދަ މިނިސްޓްރީތަކުގެ ތެރެއިން ޓޫރިޒަމް މިނިސްޓްރާއި ޓްރާންސްޕޯޓާއި ޓެކްނޮލޮޖީ އަދި ހެލްތު މިނިސްޓްރީގައި ވެސް ތިއްބެވީ ޖޭޕީގެ މިނިސްޓަރުންނެވެ. ރައީސް އޮފީހުގެ އިސް މަގާމެއް ޖޭޕީގެ ސެކެޓަރީ ޖެނަރަލްއަށް ދީފައިވާ އިރު ޖޭޕީގެ ގިނަ އެހެން މެންބަރުން ކުންފުނިތަކާއި އެހެނިހެން މަގާމްތަކަށް ވަނީ ލާފަ އެވެ. އެހެންވީމާ ޖޭޕީއަށް ކަމެއް ހިލުވާލައި ހަލުވައި ގަތުމުގެ ބާރު ލިބެ އެވެ.

ނަމަވެސް ޖޭޕީގެ އެ ބާރު އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އެއްވެސް މިންވަރަކަށް ނުފެނެ އެވެ. މުޅި ޕާޓީގެ ވަރުގަދަ ލީޑަޝިޕް އޮތީ ބެންޗުގަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ އޮތީ ހަމައެކަނި ކެބިނެޓުގަ އެވެ. ކުނޫޒުގައި ބާއްވާ ހުރިހާ ހަރާކާތްތަކެއްގައި ގާސިމް އަރިހުގައި ޖޭޕީގެ ކުރީ ސަފުތައް ފުރާލާފައި ވަނީ ކުރީންސުރެ ޕީޕީއެމްގައި އުޅުއްވި އަބަދުވެސް ގާސިމާ ދެކޮޅަށް ވާހަކަ ދައްކަވާ އުޅުއްވި ބޭފުޅުންނެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި ކުނޫޒަށް ޖަމާވެފައިވެފައި ވަނީ "ސިޔާސީ ކުންޏެ" ވެ.

ފަހަކަށް އައިސް ބޭއްވި އެއްވެސް ޖަލްސާއަކަށް ޖޭޕީގެ އަސްލު ލީޑަޝިޕްގެ އެއްވެސް މެންބަރަކު ވަޑައެއް ނުގަންނަވަ އެވެ. އަދި ޖޭޕީއަށް ގުޅިވަޑައިގަތް އާ މެންބަރަކަށް ފާޅުގައި މަރުހަބާ ވިދާޅުވެފައެއް ވެސް ނުވެ އެވެ. އަދި ފާޅުގައި ބައެއް މެންބަރުންނަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައި ވެސް ވެއެވެ. އެކަން ދަނީ އެ މަގަށް ހިނގަމުންނެވެ. ވަކިވަކި ޖަމާއަތްތަކަކަށް ބައިބައިވަމުންނެވެ.

ޖޭޕީގެ އިސް މެންބަރަކު "އަވަސް" އަށް ވިދާޅުވި ގޮތުގައި އެ ޕާޓީގެ ތެރޭގައި އޮތީ ކުޑަ އަދި މަދު މައްސަލަތަކެއް ނޫނެވެ. ސަރުކާރު ކޯލިޝަންގައި ރައީސް ސޯލިހާއެކު ކުރިޔަށް ދާން ބައެއް މެންބަރުން ބޭނުންވެ އެވެ. އަނެއް މެންބަރުންނަކަށް އެގޮތެއް ކަމަކު ނުދެ އެވެ. ދެން ތިބި މެންބަރުންނަށް މިހާރުގެ ލީޑާޝިޕް ރައީސް ޔާމީނާ ގާތްވާތީ ހިތްހަމަ ނުޖެހެ އެވެ. އަދި ގާސިމް އެ ބޭފުޅުން ގާސިމާ މާ ގާތްކޮށް ގެންގުޅޭތީ ވެސް ހިތް ހަމަ ނުޖެހޭ މެންބަރުން މަދެއް ނޫނެވެ. އެތާކުން ގާސިމް ކައިރީ ތިބެންވީ ކޮންބައެއް ކަމެއް މުޅިއަކުން ސާފެއް ނުވެއެވެ.

"އަޅުގަނޑުމެންގެ ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން އެބަހުރި. އެކަމަކު އަޅުގަނޑު ގަބޫލު ކުރަނީ ޑިމޮކްރަސީއެއްގައި ހިޔާލު ތަފާތުވުން ވެސް ހުންނާނޭ. އެ ތަފާތުތަކާއެކުގައި ވެސް ކުރިޔަށް ދާން އެނގެން ވާނެ. ބައެއް މެންބަރުންނަށް އެނގޭ ގޮތަކަށް ކުރިޔަށް އެ ވަޑައިގަންނަވަނީ،" އެ މެންބަރު ވިދާޅުވި އެވެ.

އާ ލީޑާޝިޕާއެކު އާ އަމާޒެއް!

ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑު ކިޔަ އެވެ. އިދިކޮޅު ގިނަ ބަޔަކު ޕާޓީއަށް ވައްދާ ކުރީ ސަފަށް ނެރުނީ އެވެ. އަދި މިހާރު ވެސް ސަރުކާރަށް ތާއީދު އޮތް ކަމަށް ބުނަމުން ސިޔާސީ ކޭކް ފޮތިވެސް ނަގައިގެން، ރިޔާސީ ދައުރަށް އަހަރެއް ވެސް ފުރިހަމަ ނުވަނީސް 2023 ގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކާއެކު ވެރިކަމަށް އަންނާނެ ވާހަކަ ވެސް ޖޭޕީން ވަނީ އިއުލާންކޮށްފަ އެވެ.

މިއީ އިދިކޮޅު ޕާޓީއެއްގެ ފަރާތުން ފެނިގެން ހިނގައިދާނެ މަންޒަރެކެވެ. އެކަމަކު ޖޭޕީއަކީ ކޯލިޝަންގެ ޕާޓްނަރެކެވެ. އެއީ ޖޭޕީން އިއުލާން ކުރަންވެއްޖެ ވާހަކައެއްތޯ މިހާ އަވަސް އަރުވާލުމުން ސުވާލު އުފެދެ އެވެ.

ގާސިމް ވިދާޅުވަނީ ވަރަށް އެހެން ފާޑެއްގެ ވާހަކައެކެވެ. އެއީ ޖޭޕީ ފިޔަވައި ދެން ހުރި ބޮޑެތި ހުރިހާ ޕާޓީތަކަށް ވެރިކަން ކުރުމުގެ ފުރުސަތު ރައްޔިތުން ދީފި އެވެ. އެކަމަކު އެއީ ސިޔާސީ ވާހަކައަކަށް ފުދޭ ވާހަކައަކަށްވުރެ އެއީ ސިޔާސީ ޝަކުވާއަކާ މާ ވައްތަރެވެ. މަލްޓި ޕާޓީ ނިޒާމެއްގައި އޮންނަނީ މެނިފެސްޓޯއެއް ވިއްކައިގެން ހޯދާ ވާދަވެރި ވިން ކުރުމެކެވެ. ޕާޓީ ނިޒާމުގެ ތޮބީއަތަކީ އެއީ އެވެ. އެއީ ކުރިން ނުލިބޭ ބަޔަކަށް ވެރިކަން ދޭ ގޮތަށް ތަރުތީބުވެފައި އޮންނަ ކަމެއް ނޫނެވެ.

ރައީސް ސޯލިހުގެ ސަރުކާރު ދަމަހައްޓަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ކޮންމެ ހަފުތާއަކު އެއް ފަހަރު ޖަލްސާއެއްގައި ޖޭޕީން އިއުލާންކޮށްފައި އަދި ސަރުކާރުގެ ޕާޓްނަރެއްގެ ގޮތުގައި އަހަރެއް ނުވަނީ ވެރިކަމަށް އަންނާނެ ވާހަކަ ދައްކަން ފަށައިގަނެ ރިޔާސީ ކެންޑިޑޭޓަކާ ހަމައަށް ވާހަކަ ގެންދިއުމަކީ މިހާރު އޮތް ކަމަށް ބުނާ ކޯލިޝަންގެ ގުޅުމާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެކެވެ. އަދި އެއީ މިހާރު މިއޮތް ސިޔާސީ މަސްރަހުގައި ސިޔާސީ ވާހަކައަކަށް ފުދޭ ވަރުގެ ވާހަކައެއްތޯވެސް ސުވާލު އުފެދެ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ 2023 ގައި ރާއްޖޭގެ ވެރިކަން ކުރާ ޕާޓީއަށް ޖޭޕީ ހެދުން. ގޭމް ޗޭންޖިން ޕާޓީއެއްގެ ރޯލު ޖޭޕީއެއް އަަބަދަކު ނުކުޅޭނަން. މިފަހަރު ވެރިކަމަށް އަންނާނީ އަޅުގަނޑުމެން. އެކަމަށްޓަކައި ކޮންމެ ކަމެއް ކުރަން މިތިބީ ތައްޔާރަށް،" ޖޭޕީއާ އަލަށް ގުޅިވަޑައިގަތް ޕީޕީއެމްގެ "މަސް ފަލަ" މެންބަރަކު ވިދާޅުވި އެވެ.

ވެރިކަމަށް އައުމަށްޓަކައި ޖޭޕީން ގެންގުޅޭ ފޯމިއުލާއާ މެދު ވެސް ސުވާލު އުފައްދާ އެތައް ބަޔަކު އެބަތިއްބެވެ. ޕީޕީއެމް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ބޮޑުތަނުން ބަލިވި އިރު ކުރީގައި އޮތް ސަފުތައް ގޮވައިގެން ނުކުމެ އަމުދުން ޖޭޕީއަށް ވެރިކަމަށް އާދެވޭނެތޯ ހަމަ ރަނގަޅު މީހުނާއި ބޭފުޅުން އެބަ ސުވާލު އުފައްދަ އެެވެ. އަދި ސޯޝަލް މީޑިއާގައި އެކަމަށް ހަޖޫވެސް ޖަހަ އެވެ.

ޖޭޕީ ކޯލިޝަނުން ވަކި ނުކުރެވެނީ ކީއްވެ؟

އެމްޑީޕީގެ ގިނަ ބަޔަކު ޝަކުވާ ކުރާ އެންމެ ބޮޑު މައްސަލައަކީ މިއެވެ. ސަރުކާރު "ރޯލާކޯސްޓާ ސިޓްއޭޝަނެ" އްގައި ބާއްވައިގެން ޖޭޕީން ހުރިހާ ކަމެއް ކުރާ އިރު ވެސް ޖޭޕީއަށް ކޯލިޝަންގައި އޮވެވެނީ ކީއްވެގެން ހެއްޔެވެ؟ ކަނޑައެޅިގެން އިދިކޮޅު ބައެއްގެ ގޮތުގައި ހަރަކާތްތެރިވާ އިރު ވެސް ރައީސް ސޯލިހު ޖޭޕީ ދޫކޮށް ނުލައްވަނީ ކީއްވެ ހެއްޔެވެ؟ "ރައީސް ސޯލިހުގެ ސަރުކާރު ދަމަހައްޓާނަމޭ، ސަރުކާރު ލަހެއް ނޫނޭ" ގާސިމް ވިދާޅުވުން ފިޔަވައި އެ ޕާޓީން ސަރުކާރަކަށް ކޮށްދޭ ހަމަ އެއްވެސް ކަމެއް ނެތެވެ.

"އެ ސުވާލުގެ ޖަވާބު ވަރަށް ފަހުން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ. މަޖިލިސް ރައީސް މައްސަލާގައި ރައީސް ނަޝީދާ ސޯލިހު ވާދަވެރިވި ވަގުތު ރައީސް ސޯލިހަށް އޮތް އެންމެ ބޮޑު އެއް އެޑްވާންޓޭޖަކީ ކޮމަން އެނިމީއެއް އޮތުމުން އެއްކޮޅަށް އެރި ޕާޓީތައް. ޕީޕީއެމް ވެސް ޖޭޕީގެ މެންބަރުން ވެސް މަޖިލީހުގައި ރައީސް ސޯލިހު ފަޅިއަށް އަރަން އޮތީ. ހަމަ އެފަދަ ކަމެއް 2023 ގައި ވެސް ފެނިދާނެ،"

އެ ވާހަކަ އިތުރަށް ތަފްސީލު ކޮށްދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި މަޖިލީހާއި ސަރުކާރު ހިނގުމުގައި ވާދަވެރިކަމާއެކު އެކަން ކުރަމުންދާ އިރު ދެން އޮންނަ ރިޔާސީ އިންތިހާބަކާ މެދު ވެސް ވިސްނާލަން ޖެހެއެވެ. އެ އިންތިހާބުގައި ރައީސް ނަޝީދު ވާދަ ކުރަން ނިންމަވާފާނެ ހެއްޔެެވެ؟ ރައީސް ސޯލިހު ދެވަނަ ދައުރެއް ބޭނުންފުޅު ވެދާނެ ހެއްޔެވެ؟ އެ ދުވަހަކުން ރައީސް ސޯލިހަށް ރައީސް މައުމޫން އާއި ޖުމްހޫރީ ޕާޓީ އާއި "އޮތްކަން ނެތްކަން" ސާބިތު ކުރަންޖެހިފައިވާ އަދާލަތުގެ ބޭނުން އެންމެ ބޮޑަށް ޖެހިވަޑައިގަންނަވާނެ އެވެ. އެކަމަކު އެއީ ހަމަ ޕްރްޑިކްޝަނެކެވެ. ރައީސް ސޯލިހު ވެސް ރޭސް ދޫކޮށްލައްވާނެ ކަމަށް އަދިއެއް ނުބެލެވެ އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ޖޭޕީ ބުނުމަކީ އެ ޕާޓީގެ ލީޑާޝިޕް އޮތް ގޮތުން ސިޔާސީ މަސްރަހު ވަރަށް ކުއްލި ގޮތަކަށް ބަދަލުވެދާނެ ކަމުގެ އަލާމާތެކެވެ.