ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑިރިންގެ ދައުވާގެ ޝަރީއަތުގެ ހަތަރުވަނަ އަޑުއެހުން މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ފަށައިފި އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އިސްލާމިކް ބޭންކްގައި އޮންނަ އެ މަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް އޭސީސީ އާއެކުވީ އެސްކްރޯ އެކައުންޓްގެ އެއްބަސްވުމާ ހިލާފުވެފައިވާތީ އެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ހެއްކެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ ހެކިބަސް ދީފަ އެވެ.
އެ ދެ ބޭފުޅުންވެސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގާނޫނާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އެ ހުރިހާ ކަމަކީ ވެސް ކުރީ ސީދާ ރައީސް ޔާމީން އަންގަވައިގެން ކަމަށެވެ.