ރައީސް އަބްދުﷲ ޔާމީން

ޔާމީން 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަނީ---ފޮޓޯ: އަހުމަދު އަޒާން | އަވަސް
33.3%
33.3%
33.3%

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ސާބިތުވާތީ އަދަބު ކަނޑައެޅުމުގެ މަރުހަލާގައި ދައުލަތުން އެދިފައިވަނީ ދައުވާގައި ދެވޭ އެންމެ ބޮޑު އަދަބު ދިނުމަށެވެ. ދައުލަތުން އެގޮތަށް އެދުނީ ކުށް ކުރެއްވިއިރު ޔާމީން ހުންނެވި މަގާމާއި ހިންގެވި ކުށުގެ ސަބަބުން ދައުލަތަށް ލިބިފައިވާ ގެއްލުން ބޮޑުވުމާ ގުޅިގެންނެވެ. އަދަބު ކަނޑައެޅުމުގެ މަރުހަލާގައި ޔާމީން ހުށަހެޅުއްވީ 10 ދުވަހުގެ މުއްދަތެއް ދެއްވުމަށެވެ. ނަމަވެސް ގާޒީ އެގޮތް ގަބޫލުނުކުރެއްވުމާ ގުޅިގެން އަދަބު ކަނޑައެޅުމުގެ މަރުހަލާގައި ޔާމީންގެ ފަރާތުން އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.

ގާޒީ ހުކުމް ކުރީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ހަތް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށެވެ. އަދި ރިޝްވަތުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށްލުމަށެެވެ. މި ދެ ހުކުމާ އެކު ޖުމްލަ 11 އަހަރުގެ ޖަލު ހުކުމެއް ޔާމީން ތަންފީޒު ކުރަން ޖެހިވަޑައިގަންނަވާނެ އެެވެ.

އާރަށުގެ މައްސަލަ ޝަރީއަތަށް ހުށަހެޅީ ނޮވެމްބަރު 24، 2021 ގައެވެ. މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލެވެ.

މައްސަލައިގެ އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ނިންމާލައި ހުލާސާ ބަޔާން އިއްވީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

ދައުވާގައިވާ ގޮތުން ޔާމީން ވަނީ އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލުކުރައްވާ އެ ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑާކޮށްފަ އެވެ. ދައުލަތުން ކުރީގެ ހުށަހެޅުމެއްގައި ވަނީ އެއް މިލިއަން އެމެރިކާ ޑޮލަރާއި، އެ ފައިސާއަށް އެއްކޮށްފައިވާ 2،413،230 އެމެރިކާ ޑޮލަރާ އެކު ޖުމްލަ 3،413،230 އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން އަބްދުﷲ ޔާމީން ލިބިފައިވާތީ އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.

މައްސަލައިގައި ދައުލަތުން ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. އަދީބު އާއި ޒިޔަތުގެ ހެކިބަސް ވަނީ ނަގާފަ އެވެ.

ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެ ރަށް ވަކި ބަޔަކަށް ދޭން ނިންމައި ރަށުގެ އަގު ކުޑަކުރީ ރައީސް ޔާމީން އަންގަވައިގެން ކަމަށެވެ.

ރައީސް ޔާމީންގެ ދިފާއީ ހެކީގެ ގޮތުގައި ހުށަހެޅުއްވީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއީލް އާއި ހުޅުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު ޝާހިދު އެވެ.

މީގެއިތުރުން އާ ރަށް ކުއްޔަށް ދިނުމާ ބެހޭ ގޮތުން ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ބައްދަލުވުމެއްގެ ޔައުމިއްޔާ ދައުކަތުބން ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާތީ ޔައުމިއްޔާ ސައްހަ ނޫން ކަމަށް ސާބިތުކޮށްދިނުމަށްޓަކައި މާވަށު ދާއިރާގެ މަޖިލިސް މެމްބަރު އަދި އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އޭރުގެ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ވެސް ރައީސް ޔާމީންގެ ފަރާތްޕުޅުން ހެކިންގެ ގޮތުގައި ހުށަހެޅި އެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމް މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު ރައީސް ޔާމީނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބައިރޯ

ކޮންމެ ފަހަރަކު ސްޕުރިން ކޯޓަކުން މިނިވަން ނުވާނެދޯ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345