ވިޔަފާރި

އިމާރާތް ކުރުމުގެ ބާވަތްތަކުގެ އަގު އެސްޓީއޯއިން ހެޔޮކޮށްފި

Sep 5, 2019

އިމާރާތް ކުރަން ބޭނުން ކުރާ ގިނަ ބާވަތްތަކުގެ އަގު އެސްޓީއޯއިން ހެޔޮ ކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ އިމާރާތް ކުރާ ސާމާނު އަގު ހެޔޮ ކުރީ އިމާރާތް ކުރުމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައި ދޭން އެހީތެރިވުމާއެކު ކުދި އަދި މެދު ފަންތީގެ ވިޔާފަރިތައް ކުރިއެރުވުމަށް މަގު ފަހި ކޮށްދޭށެވެ.

އެސްޓީއޯ އިން އަގު ހެޔޮކޮށްފައިވާ ބާވަތްތަކުގެ ތެރޭގައި ހިލަ އާއި ހިލަވެލި އަދި ހިމުން ވެލީގެ އިތުރުން ސިމެންތި އާއި ދަގަނޑުގެ ބާވަތްތައް ހިމެނެ އެވެ. އެ ބާވަތްތަކުން އަގު ހެޔޮކުރި މިން ވަރެއް ހާމައެއް ނުކުރެ އެވެ.

"ކޮންސްޓްރަކްޝަން އިން ވިއްކާ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުގެ އަގުތަކަށް ވަނީ ވަރަށް ހެޔޮ ބަދަލު ތަކެއް ގެނެވިފައި،" އެސްޓީއޯ އިން އާއްމުކޮށްފައިވާ ބަޔާނެއްގައިވެ އެވެ.

އެ ކުންފުނިން ބުނީ އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އަދި އަގުހެ ޔޮ މުދާ ލިބޭނެ ގޮތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖައްސައި ދޭށެވެ. އަދި އިމާރާތް ކުރުމަށް ބޭނުންކުރާ މައިގަނޑު ބާވަތްތަކުގެ އަގުތައް ބާޒާރުގައި އެއް ހަމައެއްގައި ހިފެހައްޓާށެވެ.