ހަބަރު

އުނގަންނައިދިނުމަކީ ބެލެނިވެރިންގެ ބޮލު އަޅުވަންޖެހޭ ދަރަންޏެއް ނޫން: ރައީސް

ސަރުކާރުން ގަބޫލުކުރާ ގޮތުގައި، އުނގަންނައި ދިނުމަކީ ބެލެނިވެރިންގެ ބޮލުގައި އަޅުވަންޖެހޭ ދަރަންޏެއް ނޫން ކަމަށާއި، އެ ޒަމާނެއްގައި ލިބެން ހުރި، އެންމެ ފެންވަރު ރަނގަޅު ތައުލީމު ހޯދައި ދިނުމަކީ، ސަރުކާރުން ކޮށްދޭން ޖެހޭނެ ކަމެއްކަމުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނ. މިލަދޫ ހިދާޔާ ސްކޫލްގެ ރަން ޔޫބީލް ފާހަގަ ކުރަން އެރަށު ސްކޫލްގައި މިއަދު ހެނދުނު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކިތަންމެ ގިނަ ވަސީލަތްތަކާއި، ކިތަންމެ ބޮޑު މުއްސަނދިކަމެއް ލިބިފައި އޮތަސް، އިލްމު ހޯދަން އިސްކަން ނުދޭ ނަމަ، ތަރައްގީއަކީ ލޮލުކޮޅަށް ފެންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ޖަޒީރާތަކުގެ ތަރައްގީއަށްޓަކައި ކުރަން އޮތް އެންމެ ބޮޑު އިންވެސްޓަކީ، ރާއްޖޭގެ ދަރީންނަށް ޒަމާނީ ތަޢުލީމްގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.

"މި މަދަރުސާގެ ތާރީހު އަންގައިދެނީ، މިލަދުއަކީ ތަޢުލީމަށް ވަރަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ރަށެއްކަން. ޢިލްމު އުނގެނި ތަންދޮރު ފިލައިގެން އުޅުމަށް، މިލަދޫ ރައްޔިތުން އަބަދު ވެސް ބޭނުންވާކަން. ރަށުގެ ކުރިއެރުމާއި ތަރައްގީއަކީ، އަޅުގަނޑުމެން މި ބުނެއުޅޭ ގޮތަށް ކޮންމެ މީހެއްގެ އަމިއްލަ ނަފްސާ ގުޅިފައިވާ އެއްޗެއް ކަމަށް މި ރަށުގެ ރައްޔިތުން އަބަދުވެސް ގަބޫލުކުރޭ." ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އިންސާނުން ބޭނުންވާ ހުރިހާ ކަމެއްގެ ފެށުމަކީ، ތައުލީމު ކަމަށާއި، އެހެން ހުރިހާ ކަމަކަށްވުރެ، ތައުލީމް ދިނުން މުހިންމު ވަނީ ހުރިހާ ފަންނުތަކެއްގެ މީހުން އުފެއްދެނީ އެ ފަންނެއްގެ އިލްމު ހާސިލް ކޮށްދީގެން ކަމަށް ވާތީ ކަމަށެވެ. އެހެންކަމުން، ތަރައްގީވާން ބޭނުންނަމަ އަދި ތަހުޒީބީ ބަޔަކަށްވާން އެދޭ ނަމަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އުނގެނި ދަސްކުރުން ކަމަށެވެ.

"ރާއްޖޭގެ ތަރައްގީގެ މަޝްރޫޢުތައް ހިންގައިދޭން ތިބީ، ތިޔަ ދަރިވަރުން. މި އަތޮޅާއި މިރަށް ތަރައްގީ ކުރަން ތިބީ ވެސް، ހަމަ ތިޔަ ދަރިވަރުން. ހަގީގަތުގައި ތިޔަ ދަރިވަރުން މިއަދު ކުރާ ކަމަކީ، މާދަމާ މިގައުމު ތަރައްގީ ކުރުމަށް ބޭނުންވާ ވިސްނުން، ތިޔަ ކުދިންގެ ސިކުނޑިތަކުގައި އުފެއްދުން." ރައީސް ވިދާޅުވި އެވެ.