ވިޔަފާރި

އިންސްޓޯލްމަންޓަށް ޓްރެވަލް ޕެކޭޖު ވިއްކަން ފަށައިފި

Sep 7, 2019
13

ދަތުރުކޮށްފައި އައިސް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް، ދިވެހި ކުންފުންޏަކުން ޓްރެވަލް ޕެކޭޖު ވިއްކަން ފަށައިފި އެވެ.

"ޓްރެވަލް ނައު ޕޭ ލޭޓާ" ގެ ނަމުގައި ރާއްޖޭގައި އަލަށް ފެށި މި ހިދުމަތާ ބެހޭ ގޮތުން ލަކްސް ޓްރެވަލް އެންޑް ލެޝާ ކުންފުނީގެ މާކެޓިން އެންޑް ބިޒްނަސް ޑިވްލޮޕްމަންޓް މެނޭޖަރު ހަނާން ސައީދު އަވަސް އަށް ވިދާޅުވީ މި ހިދުމަތް ފެށުމާއެކު ދަތުރުކޮށްފައި އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ.

"މި ޕެކޭޖުތައް ވެސް މަސައްކަތް ކުރާނީ އެމްއެފްއެލްސީ ފަދަ އިންޓޯލްމަންޓް ސްކީމްތައް ވޯކް ކުރާ ގޮތަށް. ދަތުރުކޮށްފައި އައިސް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެން ދާނެ. ޕެކޭޖު ނަގަން ޑޮކިއުމެންޓް ފިލްކޮށް ޕާސްޕޯޓްސް ކޮޕީ ފޮނުވުމުން އަޅުގަނޑުމެން ޕެކޭޖު ގަންނާނީ. އޭރުން އެ ބޭފުޅަކަށް ދަތުރު ކުރެވޭނެ،" ހަނާން ވިދާޅުވި އެވެ.

ލަކްސް ޓްރެވަލް ލެޝާ ކުންފުނީގެ ވެބްސައިޓް ރޭ ތައާރަފު ކޮށްފައިވާއިރު އެ ސައިޓުގައި ރާއްޖޭގެ ބައެއް ރަށްރަށާއި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ޕެކޭޖުތައް ހިމަނާފައިވެ އެވެ.

ފައިސާ ދެއްކުން ތިން މަހާއި 18 މަސް

ހަނާން ވިދާޅުވީ މި ހިދުމަތް ލިބޭނީ އެ ކުންފުންޏާއެކު އެގްރީމެންޓް ހަދާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކަމަށެވެ.

"މިހާރު ތިން ކުންފުންޏަކާއެކު ވަނީ އެއްބަސްވުން ހެދިފައި. އެމްއޯޔޫ ހެދުމަށްފަހު މުވައްޒަފުންނަށް މި ސްކީމުގައި ބައިވެރި ކުރެވޭނެ،" ހަނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕެކޭޖުގައި ޓިކެޓާއި ކެއުން އަދި އެއާޕޯޓް ޓްރާންސްފާ ވެސް ހިމެނޭނެ ކަމަށެވެ. މި ޕެކޭޖުތައް ނަގާ ފަރާތް ތަކަށް ތިން މަހާއި 18 މަހަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަސްޓަމަރު ބޭނުންވާ ގޮތަށް ޕެކޭޖު ޑިޒައިން ވެސް ކޮށްދެވޭނެ. މީގައި ދަތުރު ކުރާއިރު ކުރިން އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ. ޕެކޭޖުގައި ސާވިސް ފީއެއް އިންނާނެ. ޕެކޭޖު ނަގާއިރު އެ ފީ ވެސް ފެނަން ހުންނާނެ،" ހަނާން ވިދާޅުވި އެވެ.