ޔޫއެން

ހަ އަހަރު ފަސް: ރައީސް އދ. އަށް

އދ. ގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ތަގުރީރު ނުކުރައްވާތާ ހަ އަހަރު ވެއްޖެ އެވެ. މިދިޔަ ހަ އަހަރު ރައްޖޭގެ ރައީސަކު އދ. ގައި ތަގުރީރު ކުރައްވާފައި ނުވާއިރު، މި އަހަރުގެ އދ. އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވާނީ ރާއްޖޭގެ ހަތް ވަނަ ރައީސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އދ. ގެ 74 ވަނަ އާންމު މަޖިލީސް އޮންނާނީ މި ސެޕްޓެމްބަރު މަހުގެ 17 އިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އަހަރަކު އެއް ފަހަރު ބާއްވާ އދ. ގެ އާންމު މަޖިލީހުގައި ގައުމުތަކުގެ ލީޑަރުން ބަހުސް ކުރައްވަނީ ބައިނަލްއަގްވާމީ މައްސަލަތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅޭ ގޮތުންނެވެ.

ސަރުކާރުގެ އޮފިޝަލަކު ނަން ހާމަ ނުކޮށް ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާއިރު މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވަނީ ވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކަށާއި އިންސާނީ ހައްގު ކުރިއަރުވަން ރައްޖެއިން ކުރާ މަސައްކަތްތަކުގެ މައްޗަށާއި ތިމަވެށީގެ މައްސަލަތަކަށެވެ.

އެންމެ ފަހުން އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތަގުރީރު ކުރެއްވީ 2014 ވަނަ އަހަރުގަ އެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުގައި ވަޑައިގެންނެވި ކުރީގެ ރަައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ރައީސް ވަހީދުގެ ވެރިކަމުގައި އެމަނިކުފާނު ވެސް އދ. ގައި ތަގުރީރު ކުރެއްވި އެވެ. އެއީ 2012 ވަނަ އަހަރު އެވެ. ޖެހިގެން އައި އަހަރު އެ މަނިކުފާނު ވަޑައި ނުގެން އެ މަޖިލީހުގައި އެ މަނިކުފާނުގެ މަންދޫބެއްގެ ގޮތުން ވަޑައިގެންނެވީ އޭރުގެ އެކްޓިން ފޮރިން މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ.

ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރުގައި އދ. ގެ އާންމު މަޖިލީހުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ އަހަރު އދ. ގެ އާންމު މަޖިލީހަށް ވަޑައިގެންނެވީ އެމަނިކުފާނުގެ މަންދޫބެއްގެ ގޮތުގައި ކުރީގެ ރައީސް ވަހީދެވެ. ދެން އައި އަހަރުތަކުގައި ރާއްޖެ ތަމްސީލު ކުރެއްވީ އެއިރެއްގައި ހުންނަވާ ފޮރިން މިނިސްޓަރެވެ. އެ ގޮތުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ޑރ. މުހައްމަދު އާސިމް އދ. ގައި ތަގުރީރު ކުރެއްވި އެވެ.

ހަ އަހަރު ފަހުން ރާއްޖޭގެ ރައީސަކު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާއިރު، މިދިޔަ ހަ އަހަރު ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ އެކަހެރިވެފައިވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ ގައުމުގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް، ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ ބައިވެރިވުން ހަރުދަނާ ކުރުމުގެ ވައުދުފުޅަކާ އެކުގަ އެވެ.