ހަބަރު

ވެހިކަލް އެތެރެކުރި މައްސަލައިގައި ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑްކޮށްފި

ދެ ކޮންޓެއިނަރެއްގައި ރާއްޖެއަށް ވަގަށް ވެހިކަލްތަކެއް އެތެރެ ކުރި މައްސަލައިގައި ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑް ކޮށްފި އެވެ.

ރާއްޖެއަށް ލަކުޑި އެތެރެ ކުރުމުގެ ނަމުގައި ގެނައި ދެ ކޮންޓެއިނަރަކުން ތިން ކާރާއި ދެ ޕިކަޕާއި ދެ ވޭނާއި 14 ސައިކަލް ވަނީ ގެނެސްފަ އެވެ. އަދި އެއީ އެފަދަ ގޮތަކަށް އެތަކެތި ގެނައި ފުރަތަމަ ފަހަރު ނޫން ކަމަށާއި މިދިޔަ އެކަން ކުރާތާ އެތަށް ދުވަހެއް ވެފައިވާ ކަން ވަނީ ފެންމަތިވެފަ އެވެ.

އެމައްސަލަ ތަހުގީގު ކުރަމުންދާއިރު އެކަމުގައި ހިމެނޭ ދެ އޮފިސަރަކު ސަސްޕެންޑްކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަހުމަދު ނޫމާން ވަނީ ބައެއް މީޑިއާތަކަށް ވިދާޅުވެފަ އެވެ. ނޫމާން މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި އެ މައްސަލާގައި ނުބަލާ އެއްވެސް ކަމެއް ދޫކޮށް ނުލާނެ ކަމަށާއި ހުރިހާ މައުލޫމާތެއް ހާމަ ކުރާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ކަސްޓަމްސްއިން ބުނެފައި ވަނީ އެ އުޅަނދުތަކުގެ ސީއެންޑްއެފްގެ އަގު 586،000 ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރާ ކަމަށާއި އިމްޕޯޓު ޑިއުޓީގެ ގޮތުގައި އެ ފައިސާ ދައުލަތަށް ލިބެން ޖެހޭ ކަމަށެވެ.

އެމްޕީއެލް އިން ބުނީ އެ ދެ ކޮންޓެއިނަރަކީ ވެސް އޭގައިހުރި މުދަލާއެކު ކޮންޓެއިނަރުތައް ހުރި ގޮތަށް އެތެރެކުރި ފަރާތުން ބޭނުންވާ ތަނަކަށް ގެންގޮސްގެން މުދާ ހުސްކުރާ ގޮތަށް ހަމަޖެހިފައިވާ ކޮންޓެއިނަރުތަކެއް ކަމަށެވެ. އެ ކޮންޓެއިނަރުތައް ދޫކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައިވަނީ މުދާ ދޫކުރުމުގައި އާންމުކޮށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.