އިމްޕޯޓް އެކްސްޕޯޓް

ޖެނުއަރީގެ އިމްޕޯޓް 31 ޕަސަންޓް އިތުރު

ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 31 އިންސައްތަ އިތުރުވެއްޖެ އެވެ.

ރާއްޖެއަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 3.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މި އަހަރުގެ ޖެނުއަރީ މަހު މި އަދަދު ވަނީ 5.1 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

މީގެއިތުރުން އިމްޕޯޓް އަދި އެކްސްޕޯޓުން ލިބުނު އާމްދަނީ ވަނީ ހަތް ޕަސަންޓް އިތުރުވެފަ އެވެ.

ކަސްޓަމްސް އިން ހާމަކުރި ގޮތުގައި އިމްޕޯޓް އަދި އެކްސްޕޯޓުން އާމްދަނީގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހު 373 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ލިބުނީ 349 މިލިއަން ރުފިޔާ އެވެ.

އިމްޕޯޓް އިތުރުވި ނަމަވެސް މުދާ އެކްސްޕޯޓްކުރި މިންވަރު ވަނީ 31 ޕަސަންޓް ދަށްވެފަ އެވެ.

ރާއްޖެއިން މިއަހަރުގެ ޖެނުއަރީ މަހު އެކްސްޕޯޓްކުރީ 173 މިލިއަން ރުފިޔާގެ މުދަލެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން 251 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ.

ރާއްޖެއަށް މިދިޔަ މަހު އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޔޫއޭއީ އިންނެވެ. އެގައުމުން 938 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު އޮމާނުން 774 މިލިއަން ރުފިޔާގެ މުދާ އަދި އިންޑިއާއިން 700 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން ޗައިނާއިން 671 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 550 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު އެތެރެކޮށްފައިވެ އެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ. ޖެނުއަރީ މަހު ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 38 ޕަސަންޓް ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. އެކްސްޕޯޓްގެ 17 ޕަސަންޓް ޖަރުމަނުވިލާތަށް އެކްސްޕޯޓްކޮށްފައިވާއިރު އިނގިރޭސިވިލާތަށް 15 ޕަަސަންޓް އެކްސްޕޯޓްކޮށްފައިވެ އެވެ.