ލައިފްސްޓައިލް

ކޮއްތުރޮށީގެ ރަހަ ބަދަލުކޮށްލި މީހާ!

އަޝްރަފް މުސްތަފާ، އުމުރުން 18 އަހަރުގައި މަސައްކަތެއް ފެށި އެވެ. އާއިލާގެ ވިޔަފާރިއެއް ހިންގުމުގައި ބައިވެރިވި އެވެ. އެ ވިޔަފާރީގައި އޮންނަނީ ގޭތެރެ ޒީނަތްތެރި ކުރާ ސާމާނު ހޯދައި ވިއްކުމެވެ. މިހާރު އަޝްރަފު ވަނީ އޭނާގެ ވިޔަފާރީގެ މިސްރާބު އަނބުރާލާފަ އެވެ. އޭނާ ކުރާ ކަމަކީ ހުޅުމާލޭގައި "މަމަކް" ގެ ނަމުގައި ކެފޭއެއް ހުޅުވައި ހިންގުމެވެ. އެތަން ހުޅުވާފައި ވަނީ އޭނާގެ ކޮއްކޮއާއެކު ދެބެން އެކުވެގެނެވެ.

އެ ދެބެން މީގެ އަހަރެއްހާ ދުވަސްކުރިން ހިންގަން ފެށި ކެފޭއަކީ މެލޭޝިއާ ކާނާއަށް ހާއްސަ ކެފޭއެކެވެ. އަޝްރަފް އެކި ފަހަރު މެލޭޝިއާއަށް ގޮސް މެލޭގެ ކެއުންތައް ތަޖުރިބާ ކުރަމުން އައިސް އެ ރަހަތައް ހުޅުމާލެއަށް ގެނައީ އެވެ.

މެލޭއަކީ ދިވެހި ވަރަށް ގިނަ ޒުުވާނުންގެ "ހޯމް އަވޭ ފްރޮމް ހޯމް" އެވެ. މެލޭގެ "ރޯޓިޗަނާއި" އާއި "ތެތަރޭ" ސަޔަކީ އުފާވެރި މަޖާ ދުވަސްވަރެއްގެ ހަނދާންތަކެއް ގެނެސްދޭ އެއްޗަކަށް ވާނެ ދިވެހިން ވަރަށް ގިނަވާނެ އެވެ.

"މާލޭގައި އަދި ނެތް މެލޭޝިއަން ފުޑަށް ހާއްސަ ކެފޭއެއް. މަމަކް ހުޅުވަން ގަސްދުކުރީ މި ރަހަތައް ދިވެހިންނަށް ކަމުދާނެތީ. ވަރަށް ގިނަ ދިވެހި ޒުވާނުން ވެސް މި ރަހަތައް ތަޖުތިބާކޮށްފައިވާނެ މެލޭ ދަތުރުތަކާ އެ ގައުމުގައި ކިޔަވަން އުޅޭއިރު. 'މަމަކް' އަކީ މެލޭޝިއާ އިން ބުނާ ގޮތުން ކަޑައިން ކެއުން. އަހަރެން ގަބޫލުކުރާ ގޮތުގައި އެހެން ގައުމަކަށް ގޮސް ލޯކަލް ކޫޒީން އެންމެ ރަނގަޅަށް ތަޖުރިބާ ކުރެވޭނީ ސްޓްރީޓް ފުޑް ކައިގެން. ރާއްޖެއިން ބޭރަށް ދާ ކޮންމެ ދަތުރަކު ބަލަން އެ ގައުމެއްގެ ކެއުން ތަޖުރިބާކޮށްލަން ސްޓްރީޓް ފުޑް ކެވޭތޯ އެހެންކަމުން ތަފާތު ކަޑަތަކުން ކަން."

ހުޅުމާލޭގައި މަމަކްގައި މެލޭޝިއަން ފުޑްގެ އިތުރުން ސިގްނޭޗާ ޑިޝްއަކަށް ވެފައި ވަނީ "ޗިލީ ކޮއްތު" އެވެ. މިއީ މަމަކްގެ މެނޫގެ އެންމެ ބޮޑު ހިޓެވެ. ދިވެހި ކޮއްތުރޮށި ފޭނުންނަށް މި ޗިލީ ކޮއްތުވާނީ މުޅިން އާ ތަޖުރިބާއަކަށެވެ.

ކޮއްތުރޮއްޓަކީ ސްރީލަންކާގެ އޮރިޖިން އެކެވެ. ދިވެހިންގެ މެދުގައި ވެސް އެހާ މަގުބޫލެވެ. ހާބަރު ކަޑަތައް ހުޅުވާލި ޒަމާނުގައި ރޭގަނޑު ކޮއްތުރޮށި ހަދަން ތަޅާ އަޑު ހިސާބުގަނޑުން ކަނޑައިގެން ނުދެ އެވެ. އޭުރުންސުރެ އެ ރަހަ ދިވެހިންނަށް ކަމުދެ އެވެ.

ފަހަކަށްއައިސް ކޮއްތުރޮށި ވައިވެފައި ވިޔަސް މަމަކް އިން މި ގެނައި ޗިލީކޮއްތުރޮއްޓާއެކު އަނެއްކާވެސް ވަނީ ކޮއްތުރޮށީގައި ތަފާތު ރަހައެއްލާފަ އެވެ.

ޗިލީކޮއްތު ދިވެހިން މީގެ ކުރިން ކައިފައި ހުރި އެހެން ކޮއްތުރޮއްޓާއި މުޅިން ތަފާތެވެ. މުރަނަކަން އަދި މަޑުފޮނި ކަމާކާއި އެކު ހެޔޮވަރެއްގެ ކުޅިކަމެއް ހުންނަ މި ކޮއްތުރޮށި ތަފާތު މީރު ކަމެއް ހުރެ އެވެ.

އަޝްރަފް ބުނިގޮތުގައި އޭނާގެ ޗިލީކޮއްތަކީ ލަންކާއިން ލީ ރަހައެކެވެ. އަދި އެ ޑިޝް ވަނީ ދިވެހި އަދި މެލޭޝިއާ ފްލޭވާ ބޭނުން ކޮށްގެން އެޖަސްޓްކޮށް ފުރިހަމަކޮށްފަ އެވެ.

"ބުނެވޭނީ މިއީ ފިއުޝަން އޮފް ޓޭސްޓްއެކޭ. ޗިލީ ކޮއްތު ޒުވާނުންގެ މެދުގައި މަގުބޫލު އަދި މިއީ އަހަރުމެންގެ މެނޫއިން ސޭލްސްއަށް އެންމެ މަތީ އެއް ޑިޝް. ބައެއް ކަސްޓަމަރުން ބުނޭ މި ރަހަލާ ޗިލީކޮއްތެއް ނުލިބެއޭ ލަންކާއިނެއް. މެލޭއަކުން ވެސް. ދިވެހިންނަށް ކަމުދާ ރަހައަކަށް ވެގެން ގޮސްފި މި ޑިޝް،" އޭނާ ބުންޏެވެ.

މި ޑިޝްއަށް އޮތް ތަރުހީބާއި އެކު ޗިލީކޮއްތުގެ މުޅިން އާ ފްލޭވާ ތަކެއް ގެނައުމަށް މަމަކްއިން މަސައްކަތް ކުރެ އެވެ. ޗިލީ ކޮއްތުގެ އިތުރުން މަމަކް އިން ދެން މުޅިން ތަފާތު އެއްޗެއްގެ ގޮތުގައި ގެނެސްދީފައިވަނީ ބަޓަޗިކަން ކޮއްތު އާއި ބިރިޔާނީ ކޮއްތެވެ.

އަޝްރަފް ބުނި ގޮތުގައި ވާދަވެރި އިރު ކޮންމެ ތަނެއްގައި ވެސް ހާއްސަ ކަމެއް ހުންނަން ޖެހެ އެެވެ. އާ ރަހަތއް އެކްސްޕެރިމެންޓް ކުރާ މައިގަނޑު ސަބަބަކީ އެއީ އެވެ.

"ކައްކާ ނޫޅުނަސް ވަރަށް ގިނަ ކައްކާ ވީޑިއޯ ބަލާ ޝެފުންނަށް ކިޔައިދެން. ދިވެހިންނަށް ކަމުދާނެ ރަހަތަކަކީ ކޮބައިތޯ. އަދި ކަމުދާނެ ހިނގާނެ ގޮތްގޮތް. މިސާލަކަށް ތެތަރޭ އަކީ މެލޭގެ އެންމެ ހިނގާ ކިރު ސައި. މީގެ ސައިފަތް ރަހަ ގަދަ. އަދި މަސާލާ ޗާއިގައި ހުންނާނެ ފޮނިކަމެއް. މިގޮތުން މި ސައި މޮޑިފައިކޮށްފައި 'މަމަކް ޗާއި' ނަމުގައި އިތުރު ސައެއް މެނޫގައި ހިމަނާފައި ވާނެ،"

ދިވެހިންގެ މެދުގައި މަގުބޫލު މެލޭޝިއާ ކެއުމެއް

މަމަކް ގެ ކަސްޓަމާ ބޭސްގެ ބޮޑު ބަޔަކީ ޒުވާނުންނެވެ. އެކަމަކު ކޮންސެޕްޓަކީ ފެމިލީ ކެފޭއެކެވެ. މުސްތަގުބަލުގައި ދިވެހިންނަށް ކަމުދާނެ އިތުރު އައިޓަމްތަކެއް މެނޫ އަށް އިތުރުކުރުމަކީ މަމަކްގެ އުއްމީދެވެ. ހާއްސަކޮށް ރޮއްޓާއި ގުޅޭ ގިނަ ބާވަތްތަކެއް ތައާރަފު ކުރަން ދަނީ ތައްޔާރުވަމުންނެވެ. އަޝްރަފް ހުރީ އެކަން ކުރަން ބޭނުންވެފަ އެވެ.