ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މި ވާހަކައެއް ދައްކަވާތާ ދޮޅު އަހަރެއްހާ ދުވަސްވެއްޖެ އެވެ؛ އެ މަނިކުފާނު އިޝާރާތް ކުރައްވަމުން ތިލަ ކުރައްވަމުން ވަޑައިގަންނަވަނީ ދިވެހި ދައުލަތުގެ ތެރެއަށް ގަދަވެގެންފައިވާ "އަޑީ ދައުލަތެ"އްގެ ވާހަކަ އެވެ. އަދި މިހާރު ބައެއް ތަންތަނުގައި އެ މަނިކުފާނު ވިދާޅުވަނީ "އަނދިރި ދައުލަތެ"ކޭ އެވެ. އަޑީ ދައުލަތް ނުވަތަ އަނދިރި ދައުލަތެއްގެ ބާރު ދިވެހި ދައުލަތުގައި ވަކިހިއްޕައި ގަދަ ކުރަމުން ގޮސް އެ ބާރު ދިވެހި ދައުލަތުގެ އެންމެ ފުނަށް ވާސިލްވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވެ އެވެ. އިންޒާރު ކުރައްވާ ގޮތުގައި ދިވެހި ދައުލަތުގެ ފުލާހަމައަށް ފޯރާފައި ވަނީ ފުން މިން ނޭނގޭހާ އަޑި، ކަޅުފޮއިހާ އަނދިރި ދައުލަތެކެވެ. އެ ދައުލަތް މުލުން ލުހެ ނުލެވިއްޖެ ނަމަ "މުޅި މި ރާއްޖެ ހަލާކުގެ ތެރެއަށް ވެއްޓި ދާނެ" އެވެ. މިއަށްވުރެ ބޮޑު މުސީބަތަކާ ދިވެހިންނަށް ކުރިމަތިވާނެ ހެއްޔެވެ؟ މި ވާހަކަ ނުދައްކާ އަޅައި، ނުލައި ތިބެން ހެޔޮވެދާނެ ހެއްޔެވެ؟
އަޑީ ދައުލަތް، އެހެންނާ އަނދިރި ދައުލަތެއްގެ ވާހަކަ ގަދައަށް ދެކެވެމުންދާއިރު، ތިލަ ކުރަން އެ މަސައްކަތް ކުރައްވަނީ ކޮން ވާހަކައެއްތޯ ވަރަށް ގިނަ ބަޔަކު މިހާރު ސުވާލު ކުރެއެވެ.
"އަޑީ ދައުލަތެއްގެ ވާހަކައަކީ ކޮން ވާހަކައެއް؟ އެ ވާހަކައި ތަފުސީލެއް ނުއެއް ލިބޭ، މިދެކެވެނީ ވަރަށް އާދަޔާ ހިލާފު ވާހަކައަކަށް ނުވޭތަ؟" އާދަވެގެން އެންމެންވެސް ކަން ކުރާ ގޮތަށް އާންމު މީހަކު އޭނާގެ ސުވާލު ޓްވިޓާގައި ކުރި އެވެ.
އޭނާ ކުރި ސުވާލަށް ބައެއް މީހުން ހިޔާލު ފާޅުކޮށްފައި ހުއްޓެވެ. ދެކެވިފައި ހުރި ވާހަކަތަކަށް ބަލާއިރު އަދި ރާއްޖޭގެ ކަންކަން މިހާރު ދަތުރު ކުރަމުންދާ މިސްރާބަށް ބަލާއިރު އަޑީ ދައުލަތުގެ ގޮތުގަ އާއި އަނދިރި ދައުލަތުގެ ގޮތުގައ ރައީސް ނަޝީދު އެ ސިފަ ކުރައްވަނީ ޓެރަރިޒަމާއި ކަން ކަމުގައި ހައްދު ފަހަނަ އެޅުމުގެ ވާހަކަ ހެއްޔެވެ؟ ނޫނީ ދީނީ ގޮތުން ހަރުކަށި ގޮތްތައް އިހުތިޔާރު ކުރާ މީހުންގެ ވާހަކަ ހެއްޔެވެ؟ އެ ނޫނީ އެއީ ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލު ނުކޮށް އުޅޭ ލާދީނީ މީހުންގެ ވާހަކަ ހެއްޔެވެ؟ ނޫނީ އެއީ ދައުލަތުގެ ތެރެއަށް ވެރިވެފައިވާ ހިޔާނާތާއި ފަސާދައިގެ ސަގާފަތުގެ ވާހަކަ ހެއްޔެވެ؟ ނޫނީ އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ މަނިކުގެ އެޑްމިނިސްޓްރޭޝަންގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމުގައި ގެންގުޅުއްވި "ކޮމާޝަލް ޑިޕްލޮމަސީ" ގެ ސަބަބުން ބާރުގަ ގަދަ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ނުތަނަވަސް ކަމުގެ ވާހަކަ ހެއްޔެވެ؟
ދިވެ ދަލަތުގެ އެންމެ ފުނުން ދަމާ ފަށަން ކަމަށް ކަށަވަރުކޮށްފައިވާ ފަށަލައަކީ މާތް ވެގެންވާ އިސްލާމް ދީނެވެ. ދިވެހި ރާއްޖޭގެ ޔުނިޓަރީ ދައުލަތުގެ އެންމެ ފުނަކީ އަދި މައިގަނޑު މަސްދަރަކީ އެއީ އެވެ. އެހެންވެ ދިވެހި ރާއްޖެ، "ޖަޒީރާ ދިވެހިރާއްޖެ" އެހެންނާ "ޖުޒުރުލް މާލްދިފް" އަކީ ސައުދީ އަރަބިއްޔާ އާ ކެވިލެޖެގޭ އިސްލާމިކް ސިމްބަލްގެ ގޮތުގައި މިވަގުތު ދުނިޔޭގައި އޮތް މަދު ގައުމުތަކުގެ ތެރެއިން އެންމެ ހާއްސަ އެއް ގައުމެވެ. ނޫނީ ޖިއޯ ޕޮލިޓިކްސް ހިމަނައިލުމުން އެންމެ ހާއްސަ އަދި ކުޑައަސް ބައެއް ހާލަތުގައި އެންމެ ބޮޑު ގައުމެވެ. އަޑީ ދައުލަތެެއް ކަމަށް މި އިޝާރާތް ވަމުން ތިލަވަމުން މިދަނީ އެ ވާހަކަ ހެއްޔެވެ؟
މިއީ ވެސް އަޑީ ދައުލަތާ ގުޅުވައި މީހުން ދައްކާ ވާހަކަ އެވެ؛ މިކަން ކަން ސާފުވާން އެބަޖެހެ އެވެ. ސާފު ނުވާ އަނދިރިގަނޑެއްގެ ތެރޭގައި ކަންކަން ބާއްވައިގެނެއް ނުވާނެ އެވެ.
އަޑީ ދައުލަތުގެ ވާހަކަ އެންމެ ފަހުން ރައީސް ނަޝީދު ދެއްކެވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ރަސްމިއްޔާތެއް ޝަރަފުވެރިކޮށް ދެއްވާށެވެ. އެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވި ގޮތުގައި "އަނދިރި ދައުލަތެއްގެ ބާރު" ދިވެހި ދައުލަތުގެ ތެރޭގައި ގަދަ ކުރަމުން ގޮސް އެ އަނދިރި ދައުލަތުގެ ބާރު ދިވެހި ދައުލަތުގެ އެންމެ އެތެރެއަށް ވަނީ ވަދެފަ އެވެ.
އަދި އެއާ ގުޅުވައި ވިދާޅުވި ގޮތުގައި މިހާރު ރާއްޖެ ވަނީ ވަރަށް ނާޒުކު ފައްތަރެއްގަ އެވެ. "ރާއްޖޭގައި ހިނގާ ކަންކަން އެއީ ނުވާ ކަންކަން ކަމަށް ބަލައިގެން ތިބޭނަމަ ދިވެހި ރައްޔިތުންނަށް ލިބޭ ގެއްލުން މާ ބޮޑުވާނެ" އޭވެސް ވިދާޅުވިއެވެ.
އެރޭ ނަޝީދު ވިދާޅުވި ގޮތުގައި ދިވެހި ދައުލަތުގެ ތެރޭގައި ބާރުގަދަ އަނދިރި ދައުލަތެއް އުފެދެމުން ދާތަން ލޮލަށް އެބަ ފެނެ އެވެ. އެގޮތުން އައިސިސް އުފައްދާ ދެމެހެއްޓުމުގައި ދިވެހީންގެ ތެރެއިން ބަޔަކު ބައިވެރިވެ އެވެ. އަދި ބައެއް ރިޕޯޓްތަކާ ހަވާލާ ދެެއްވާ 250 އަށްވުރެ ގިނަ ދިވެހިން އެކަމުގައި ބައިވެރިވެއޭ ވިދާޅުވެ އެވެ.
"އެތައް ދިވެހި ޒުވާން އަންހެން ދަރީން ވަނީ އައިސިސްގެ ހަނގުރާމަވެރިންނަށް ވިއްކާފަ، ރާއްޖެއިން ގިނަ އަދަދެއްގެ ފަހުލަވާނުން އައިސިސް އަށް ފޮނުވުނީ އެ ޖަމާއަތުގެ ގިނަ ހަރަކާތްތައް ހިންގައިގެން، ދައުލަތުގެ ތެރޭގައި އަނދިރި ދައުލަތުގެ ބާރު ގަދަކުރަމުން ގެންދިޔައީތީވެ، ދިވެހި ދައުލަތް ހޮޅި ކުރަމުން ގެންދިޔައީތީވެ، ދައުލަތުގެ އެންމެ އެތެރެއަށް މި އަނދިރި ބާރު ވަންނަމުން ދިޔަތީވެ،" ނަޝީދު ވިދާޅުވި އެވެ.
މިވާހަކަ ތަކުން އެނގެނީ އަޑީ ދައުލަތަކީ ދީނީ ގޮތުން ހަރުކަށި ފިކުރު އިސްކޮށް ހނގާރަމަތަކަށް ދާން ނުކުންނަ މީހުނާއި އެފަދަ މީހުންގެ ސަބަބުން ދިވެރާއްޖެއަށް އޮތް ގެއްލުމާއި ހާލާކުގެ ވާހަކަ އެވެ. ނަމަވެސް ބައެއް ފަހަރަށް ދީނީ އިލްމުވެރިންނާ ގުޅުވައި ދައްކަވާ ވާހަކައިން އަދި ބައެއް ފަހަރު އިސްލާމް ދީނާ ގުޅުވައި އަދި ކޮރަޕްޝަނާއި ފަސާދަ އާއި ގުޅުވައި ދައްކަވާ ވާހަތަކުން އަޑީ ދައުލަތަކީ އެއީއޭ ހީވާ ފަހަރުވެސް އާދެ އެވެ. އަދި ބައެއް ފަހަރަށް ރާއްޖޭގައި މިހާރު އޮތް ސިވިލް ސާވިސް އާއި ޖުޑިޝަރީއަކީ އަނދިރި ދައުލަތް ކަމަށް ސިފާ ވާ ފަހަރުވެސް އެބަ އާދެ އެވެ. މިއެއް ސާފެއް ނުވެއެވެ.
"އަނދިރި ދައުލަތް" އެއީ ދީނީ ހަރުކަށި މީހުން!
އެހެން ކަންކަމާ ގުޅުވައި ލެވުނަސް އެހެން ކަންކަމަށްވުރެ ރައީސް ނަޝީދު ވިދާޅުވާ "އަނދިރި ދައުލަތް" އެއީ ދީނީ ހަރުކަށި ޖަމާއަތްތަކަށް ނިސްބަތްވާ މީހުންކަމަށް ބަލާނެ ޖާގަ ތަންކޮޅެއް ބޮޑުކޮށް އޮވެ އެވެ. އެމަނިކުފާނު ތިލަ ކުރައްވާ އަޑީ ދައުލަތާ ގުޅުވައި ދައްކަވާފައިވާ ވާހަކަފުޅުތަކުގައި ގިނައިން ގެންނަވާފައިވަނީ ހަރުކަށި ފިކުރުގެ މީހުންގެ ވާހަކައެވެ. އަދި އެއީ އިސްލާމް ދީނުގެ ތެރެއިން އަންނަ ހަރުކަށި ފިކުރުގެ މީހުންނެވެ. ކަލަކު ވޮޑިގެން ވާކަން ގަބޫލު ނުކުރާ މީހުންގެ ކަންކަމާއި އެ މީހުން ރާއްޖޭގައި ފަތުރާ ލާދީނީ ކަންކަމާއި ހަރަކާތުގެ ވާހަކައެއް ނާދެ އެވެ.
ދީނީ ހަރުކަށި ފިކުރުގެ މީހުން ދައުލަތުގެ ތެރޭގައި ބާރުގަދަ "އަނދިރި ދައުލަތެ" އް އުފެއްދީ ކިހިނެތް ހެއްޔެވެ؟ އޭގެ މީހުން ދިވެހި ސަރުކާރުގެ ތެރޭގައި ގަދަކޮށްލައިގެން އުޅެނީ ހެއްޔެވެ؟ ނޫނީ ސިޔާސީ ބަޔަކު އެފަދަ މީހުންނަށް ހިތްވަރުދީ އެހީތެރިވަނީ ހެއްޔެވެ؟ އެފަދަ މީހުންނަށް ސަލާމަތީ ޚިދުމަތްދޭ މުއައްސަސާތަކުން އަޅާ ނުލާ ދޫކޮށްލާފައި އޮތީ ހެއްޔެވެ؟ ފިޔަވަޅު އެޅުމުގައި ފަސްޖެހެނީ ހެއްޔެވެ؟ ނުވަތަ ފަސްޖެހުނީ ހެއްޔެވެ؟ ޝަރުއީ ކޯޓްތަކުން އެފަދަ މީހުންގެ މައްސަލަ ނުބަލީ ހެއްޔެވެ؟ ނުވަތަ ކޯޓްތަކުން އެފަދަ މީހުން ދޫކޮށްލަނީ ހެއްޔެވެ؟ މިއިން އެއްވެސް ސުވާލަކަށް އަދި ޖަވާބެއް ނުލިބެއެވެ؟ މި ސުވާލުތަކަށް ޖަވާބު ލިބޭ ވަރަށް އަޑީ ދައުލަތް ތިލައެއް ނުވެ އެވެ.
އަނދިރި ދައުލަތު ވާހަކަ ދައްކަނީ ކީއްވެ؟
ބައެއް ބޭފުޅުންގެ ނަޒަރުގައި "އަނދިރި ދައުލަތު" ގެ ވާހަކަ ދައްކެވުމުގެ ނިިޔަތް ގޯހެވެ. ހިނގާ ކަމާ ގުޅުވައިލިޔަސް އެ ވާހަކަ ދައްކަނީ އިޚްލާސްތެރި ނިޔަތެއްގައެއް ނޫނެވެ. އޭގައި ފޮރުވާފައިވާ އެޖެންޑާއެއް އެބައޮތެވެ. މިވާހަކަ މި ގޮތަށް އެންމެ ފާޅުކޮށް ގިނައިން ސުރުހީ އަޅުއްވަނީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.
އޭނާ ވިދާޅުވާ ގޮތުގައި އިޚްލާސްތެރި ނިޔަތެއްގައި ދައުލަތުގެ ވެރިން މަސައްކަތްކޮށްފިނަމަ ހައްލު ނުވާނެ އެއްވެސް މައްސަލައެއް ރާއްޖޭގައި ނެތެވެ. އެކަމަކު ވެރިން އަބަދުވެސް ބާރުގައި ތިއްބަވައިގެން ހިތުހުރި ވާހަކައެއް ދައްކަވަނީ އެވެ. އަދި އޭނާ ވިދާޅުވާ ގޮތުގައި "އަޑީ ދައުލަތު" ގެ ވާހަކައަކީ ނުބައި އެޖެންޑާއެއް ފަހަތުގައި ބާއްވައިގެން މަޑުމަޑުން މަޑުމަޑުން ތިލަ ކުރާ "ބޮޑު ބަދަލެ" ކެވެ.
ޖަމީލް ވިދާޅުވާ ގޮތުގައި ރާއްޖޭގައި އޮތީ އިސްލާމީ ވެރިކަމެއްކަމުން ދައުލަތުގެ އެންމެ ބޮޑު މަސްލަހަތަކީ "އިގާމަތުއްދީން" ނުވަތަ ދީން ނަގަހައްޓާ ހިފެހެއްޓުމެވެ. ރާއްޖޭގައި ހައްދުފަހަނައެޅުމަށް ޖާގަދީގެން ނުވާނެ އެވެ. ނަމަވެސް ހައްދުފަހަނަ އެޅުމަކީ ހަމައެކަނި އިސްލާމް ދީނުގެ މީހުންނަށް އަމާޒުކުރެވޭ ކަމަކަށް ވެގެން ނުވާނެ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ހަގީގީ އަނދިރި ފަރާތަކީ ދީނާ ދެކޮޅަށް ކުރެވޭ ކަންކަމެވެ.
އޭނާ އެހެން ވިދާޅުވިއަސް "އަނދިރި ދައުލަތެ" އެއްގެ ވާހަކަ ދައްކާ ބޭފުޅުންނާއި މީހުން މުޅިންވެސް ދައްކަނީ ދީނީ ހަރުކަށި މީހުންގެ ވާހަކަ އެވެ. އިސްލާމްދީނަށް ފުރައްސާރަކޮށް، ދީނުގެ އުސޫލުތަކަށް ފާޅުގައި ގޮންޖަހާ މީހުނާއި ބޭރުން އެމީހުންނާ ގުޅިފައިވާ ނެޓްވޯކްތަކާއި ޖަމާއަތްތަކާއި އެ މީހުންނާ ދޭ ފަންޑުގެ ވާހަކައެއް ނާދެ އެވެ.
"އަޅުގަނޑުވެސް ގަބޫލު ކުރާ ގޮތުގައި ހައްދުފަހަނައެޅުމަށް ޖާގަ ދީގެން ނުވާނެ. ނަމަވެސް އެއީ ހަމައެކަނި އިސްލާމް ދީނުގެ ކަންކަމާ ގުޅުވައިގެން ދެކެވޭ ވާހަކައަކަށް ވެެގެނެއް ވެސް ނުވާނެ. ނަމަވެސް އެ ވާހަކަތައް ދައްކާ ބޭފުޅުންގެ ވާހަކަތަކަށް ވިސްނާ ބައްލަވާ. ކޮން ވާހަކަތަކެއްތޯ އެ ދައްކަނީ." ޖަމީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި "އަނދިރި ދައުލަތެ" އެއްގެ ވާހަކަ ދައްކަނީ އިސްލާމީ ފިކުރާއި އެ ފިކުރު ފުޅާ ކުރާ މީހުންގެ އެއްފަރާތް ކޮށްލައި އެކި ގޮތްގޮތުން އެހެން ދީންތަކަށް ރާއްޖެއިން ޖާގަ ހަދާށެވެ.
ދީނާ ދެކޮޅު މީހުންނަކީ މިނިވަން ހިޔާލުގެ މީހުން!
ދީނުގެ ކަންކަމާ ދުރަށްދާ މީހުންނަށް ނުވަތަ އިސްލާމްދީނަށް ގޮންޖަހާފައި ވާހަކަ ދައްކާ މީހުންނަކީ "މިނިވަން ހިޔާލުގެ މީހުން" ގެ ގޮތުގައި ގޮތުގައި މިހާރު ރާއްޖޭގައި ސިފަ ކުރަމުން ދެ އެވެ. މީހަކު ނޫނީ ނޫސްވެރިއަކު ރަނގަޅަށް ދިރާސާކޮށްލައިފިއްޔާ އެ ނަތީޖާ ސާފުވާނެ އެވެ. އިސްލާމް ދީނާ ގުޅޭ ކަމެއް ނަމަ އެއީ ހައްދު ފަހަނަޅައިދާ މީހުނެވެ. އަދި އެއީ އަޑީ ދައުލަތެވެ. އިސްލާމް ދީނާ ދެކޮޅު ފިކުރެއް ނަމަ، އެއީ މިނިވަން ހިޔާލު ތިބި މީހުނެވެ. ކޮން ކަހަލަ ވަރުން އެޅުވުމެއް ހެއްޔެވެ؟
މިސާލަކަށް ޗައިނާގެ ނޫފޫޒު ގަދަވެގެން އިންޑިއާ ކަނޑުގެ މަސްލަހަތުތައް ގެއްލޭ ހިސާބަށް ދާދިއުމަކީ ރާއްޖޭގެ އަޑީ ދައުލަތެއްގެ ބާރު ގަދަވުން ކަމަށް ބެލެވިދާނެ އެވެ. އަދި އެގެޒެކްޓިވް ޕަވާގައި އެހެން އެޑްމިނިސްްޓްރޭޝަނެއް އޮތް އިރު ލާފައިވާ މީހުންތަކެއްގެ ބާރު ގަދަވެފައި އެ މީހުނާ ހެދި އެއްވެސް ކަމެއް ނުކުރެވުން އެއީ އަޑީ ދައުލަތެއްގެ ބާރު ގަދަވުން ކަމަށް ބެލިދާނެ އެވެ. އަދި ކަރަޕްޝަނާ ފަސާދަ ރާވައިގެން ހިންގާނަމަ އެއީވެސް އެގޮތަށް ބެލެވިދާނެ ކަން ކަމެވެ. އެހެން ދޭހަ ކުރެވިދާނެ ގޮތަށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައި ވެސް ވެ އެވެ. އެހެން ނަމަވެސް މިހާރު އަޑީ ދައުލަތް ގެންދަނީ މުޅީން ވެސް ދީނީ ފިކުރާ ގުޅޭ ދިމާއަށެވެ.
މިކަން މިހެން ހިނގައިދާތީވެ ބައެއް ފަރާތްތަކުން އެކަމުގައި ފޮރުވިފައިވާ ނުބައި އެޖެންޑާއެއް އެބައޮތޭ ބުނަނީ އެވެ. އެފަދަ މީހުން ބުނާ ގޮތުގައި ތަފާތު ދީންތަކަށް ފުރުސަތު ހުޅުވާލައި ހުޅަނގުގެ ގައުމުތައް ރުއްސަން ދައްކާ ވާހަކަ އެވެ.
ހުޅަނގުގެ ގައުމުތަކުގައި ޗާޗުތަކުގައި ތިބޭ ފާދިރިންނަށް ތަފާތު ތުހުމަތުތައް ކުރެވެ އެވެ. ވަކިން ޚާއްސަކޮށް ފާދިރީންގެ ފަރާތުން ކުޑަކުދިންނަށް ކުރިމަތިލާންޖެހޭ ޖިންސީ ގޯނާގެ ވާހަކަ އޮވެ އެވެ. އެކަމަކު އެއީ ހައްދުފަހަނަ އެޅުމަކަށް ނުވެއެވެ. އަދި އެގޮތަށް ދީނާ ބީރައްޓެހި އޮއިވަރު ރާއްޖޭ ގޮނޑުދޮށަށް ލައްގައި މި ސަރުކާރު އައި ފަހުން އެފަދަ ކިތައް ކަންތައް ހިނގައިފި ހެއްޔެވެ؟ އެއިން އެއްވެސް ކަމެއް އަޑީ ދައުލުތަކާ ނުގުޅުވަ އެވެ. އެކަން ކަން ވަނީ މިނިވަން ހިޔާލަށެވެ.
"ކީއްވެގެންތޯ އަނދިރި ދައުލަތުގެ ވާހަކަ ދައްކަވާ ބޭފުޅުން އެ ވާހަކަތައް ނުދައްކަވަނީ. އަބަދު ކީއްވެގެންތޯ މިސްކިތްތަކާ އަޅައިގެން މި އުޅެނީ. ދީނީ ހަރުކަށި ބައެއްގެ ވާހަކަ މިދައްކަނީ. އެއީ އެހެން އެޖެންޑާއެއް އޮވެގެން. އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ އެކަމުގެ ފަހަތުގައި އޮތީ ހުޅަނގު ރުއްސުން. އެމީހުންގެ އަތުން މާލީ މަންފާތަކެއް ލިބިގަތުން ނުވަތަ ހޯދުން." ޖަމީލް ވިދާޅުވިއެވެ.
ހައްދުފަހަނައަޅާ ދިއުމަކީ އިސްލާމްދީނާ ދުރުވުން
ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއަށް ބަލާއިރު ދިވެހި ރާއްޖޭގެ ދީނަށް ބަލާއިރު ދިވެހި ރާއްޖޭގެ ދައުލަތުގެ ރުކުންތަކަށް ބަލާއިރު ދައުލަތަށް އޮތް ހަގީގީ އަނދިރި ކަމަކަށް ވާނީ ނުވަތަ ހަގީގީ ހައްދުފަަަހަނައަޅާ ދިއުމަކަށް ވާނީ ދިވެހިން އިސްލާމްދީނާ ދުރުވުމެވެ. އެދީނުގެ ކަންކަން ގަބޫލު ކުރަން ދެކޮޅު ހެދުމެވެ.
އިސްލާމީ ދައުލަތަކުން ދީނުގެ ކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައިދީ ދީނުގެ ހުކުމްތައް ގާއިމްކުރަން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ދީނީ ކަންކަން ކުރިއެރުވުމަށް ދައުލަތުން އެކަށީގެންވާ މަސައްކަތެއް ނުކުރާނަމަ، ދީނީ އެހެން ޖަމިއްޔާތަކުން ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ކުރާނެ އެވެ. އެފަދަ މަސައްކަތްތަކުގައި ހުންނަ އުނި ކަންތައްތަކަށް ފާޑުކިޔުމުގެ ފުރުސަތު އޮންނާނެ އެވެ. ވީމާ މިކަމުގައި އޮތީ ދައުލަތުން އުފަލަންޖެހޭ ޒިންމާތައް ދައުލަތް އުފުލުމެވެ.
މަރުތައް ގުޅެނީ އަނދިރި ދައުލަތާކަމަށް ކުރާ ތުހުމަތު
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި 2013 އިން 2016 އާއި ދެމެދުގައި 26 އަށްވުރެ ގިނަ މީހުން ވަޅިޖަހާ މެރި އެވެ. އަދި ކަމާބެހޭ މާހިރުންނާ ހަވާލާ ދެއްވާ ވިދާޅުވާ ގޮތުގައި އެ މަރުތައް ހުރީ އަނދިރި ދައުލަތްތަކުގެ މަރުތައް ހުންނަ ގޮތަށެވެ. އެމީހުން މަރާފައިވަނީ މަރާނެ ކަމުގެ އިންޒާރު ދިނުމަށްފަހު އެވެ. އެ އިންޒާރުތައް ހުންނަނީ ހަރުކަށި ޖަމާއަތްތަކުގެ ފަތުވާތައް ހުންނަ ގޮތަށެވެ.
ނަޝީދު އެހެން ވިދާޅުވިޔަސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ އަބަދުވެސް ރާއްޖޭގެ މަތިފަޑީގައި ތިއްބަވާ ބޭފުޅުން ތަފާތު ގުރޫޕްތަކާ ގުުޅުން އޮންނަ ކަމެވެ. އަދި އެފަދަ ގުރޫޕްތައް މެދުވެރިކޮށް ސިޔާސީ މަންފާއަށް ބޮޑެތި ޖަރީމާތައް ހިންގާފައިވާކަމެވެ. އެހެންވީމަ ހަމައެކަނި ގުރޫޕްތަކާ، ދީނީ ހަރުކަށި މީހުންނާ ގުުޅުވާލާ އެކަން ނިންމައެއް ނުލެވޭނެ އެވެ. އެ ލޭބަލެއް ނުޖެހޭނެ އެވެ.
ލާދީނީ ފިކުރުގެ މީހުންނާއި ދީނީ ހަރުކަށި ފިކުރުގެ މީހުންގެ ވާހަކަ އަލުން ދެކެވި އަޑު ގަދަ މިވީ ރިލްވާން ރިޕޯޓްގައި ދެ ފިކުރުގެ ވާހަކަ ބަޔާންކޮށްފައި އޮވެގެން ކަމަށް ބަލާމާ ހެއްޔެވެ؟
މިނިވަން ފިކުރުގެ މީހުންނާއި ދީނީ ހަރުކަށި ފިކުރުގެ މީހުންނާ ދެމެދު 2010 ވަނަ އަހަރާއި 2011 ވަނަ އަހަރު ސޯޝަލް މީޑިއާގަ އާއި އެހެން ގޮތްގޮތުން ބަހުގެ ހަމަލާތައް ބަދަލުކުރަމުން ދިޔަ ކަމަށް ރިޔާސާި ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވާ ގޮތުން ރާއްޖޭގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ ދީނީ ހަރުކަށި ފިކުރުގެ ދެ ޖަމާއަތެކެވެ. އެއީ ސީރިއާގައި ހަރަކާތްތެރިވާ ޖަބާތު އަލް ނުސްރާ ގެ އިތުރުން އަބޫބަކުރު އަލް ބަޣުދާދީ އިސްވެ އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ތައީދުކުރާ ބައެކެވެ. ސުއޫދު ވިދާޅުވާ ގޮތުގައި ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރުމުގެ މަސައްކަތް ކުރަނީ ނޫރު މިސްކިތާއި ފުރުގާން މިސްކިތުގަ އެވެ.
ސުވާލަކީ ދެ ފިކުރުގެ މީހުން މިހާ ސާފުކޮށް މި ބަހާލެއްވީ ކިހިނެއް ހެެއްޔެވެ؟
ރާއްޖޭގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި މިއީ ކޮމިޝަނުން ހަދާފައިވާ ވަރަށް ބޮޑު ގޯހެވެ. އެއީ އެގޮތަށް ބައި ކުރެވޭނެ ފިކުރުތަކެއް ނޫނެވެ. އަދި އިސްލާމްދީނާ ދެކޮޅު މީހުންނަކީ މިނިވަން ޚިޔާލުގެ ނުވަތަ މިނިވަން ފިކުރުގެ ބައެއްގެ ގޮތުގައި ލޭބަލް ކުރުމަކީ ނުބައިކަމެއްގެ ފެށުމެވެ. އަދި އެއީ ދީނާ ދެކޮޅުވުމަކީ ގޯހެއް ނޫންކަން ދައްކަން ކުރި ކަމެވެ.
ކޮންމެއަކަށް ދައުލަތުގެ ބައެއް އިސްވެރިން ދައްކަވާ "އަނދިރި ދައުލަތް" ގެ ވާހަކަ މިވަނީ އިތުރަށް ސާފުކޮށްދޭންޖެހިފަ އެވެ. އަދި އެ ވާހަކަ ދެއްކުމުގެ މަގުސަދު ވެސް އިތުރަށް ސާފު ކޮށްދޭންޖެހެ އެވެ. މިކަން ބަލާ ރިޔާސީ ކޮމިޝަނާއި މަޖިލީހުގެ ކޮމެޓީ ކޮބައި ހެއްޔެވެ؟