ރިޕޯޓް

އެމްޑީއެން ރިޕޯޓް: "އަޑީ ދައުލަތު"ގެ އަނެއް ފަރާތް

އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރުގެ މޫތައް ރާއްޖޭގައި ވެސް ފެތުރިފައި ވާކަމީ ހަގީގަތެވެ. "އަޑީ ދައުލަތެއް" ގެ ތެރެއިން ވިޔަސް، މިސްކިތްތަކުގައި ފާޅުގައި ވިޔަސް، ޖިހާދު ކުރުމުގެ ނަމުގައި ދިވެހި ޒުވާނުން ނުބައި މަގަކުން ގެންދަން މަސައްކަތް ކުރާ ބަޔަކު އުޅޭކަން ވެސް މިހާރު އެނގެ އެވެ.

އެހެނަސް، އެއީ ދީނުގެ ނަމުގައި މެދުކެނޑުމެއްނެތި ކުރަމުންދާ ޒާތެއްގެ ހަނގުރާމައިގެ އެއް ފަރާތެވެ. އޭގެ އަނެއް ކޮޅުގައި ބަޔަކު ތިބެގެން އެމީހުންގެ ކޮޅު ގަދަ ކުރުމަށް މަސައްކަތް ކުރަމުންދާކަން ދާދި ފަހުން މިވަނީ ހާމަވެފަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާފައިވާ ދީނީ ހަރުކަށި ފިކުރު ފެތުރުމަށް ރާއްޖޭގައި އޮތް "އަޑީ ދައުލަތު" ގެ އަނެއް ފަރާތެވެ.

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއެކު މުޅި ގައުމު މި ވަނީ ކެކި އަރައިފަ އެވެ. އެ ރިޕޯޓްގައި އިސްލާމްދީނާއި މާތް ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކޮށް ވަރަށް ފާޅުގައި ބަދު ބަސް ބުނެ ހަޖޫޖަހައިފަ އެވެ. ކޮންމެ ތާރީހެއްގައި ތައްޔާރުކުރި ރިޕޯޓެއް ނަމަވެސް، ނެރުނީ ކޮން ސަރުކާރެއްގައި ކަން ގިނަ ރައްޔިތުން ބަލާކަށް ބޭނުން ނޫންކަން ވެސް މިހާރު ސާފެވެ. ގޮވަމުންދަނީ އެ ޖަމިއްޔާ އުވާލައި އެ ރިޕޯޓް ތައްޔާރުކުރި މީހުންނާމެދު ފިޔަވަޅު އެޅުމަށެވެ.

ރިޕޯޓް ނެރުނު ބޭނުން ސާފު

ދީނީ ހަރުކަށި ފިކުރު ފަތުރަން ބަޔަކު މަސައްކަތް ކުރަމުންދާކަމަށް ބުނާއިރު، ދީނާ ދެކޮޅު ވާހަކަތައް އެކި ގޮތްގޮތުން ބަޔަކު މީހުން ދައްކާތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ. އިސްލާމްދީނުގެ ނަމުގައި ހިންގާ ކަންކަންބަލައި، ރާއްޖެ ސަލާމަތް ކުރަން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ސުކޫލުތަކުގެ މުގައްރަރު ބަދަލުކުރުންކަމަށް ނަޝީދު ވިދާޅުވެފައިވަނިކޮށް، ރާއްޖޭގެ އެކި ގްރޭޑްތަކުގައި އިސްލާމް މާއްދާގެ ޓެކްސްޓް ފޮތްތައް ހަރުކަށި ފިކުރުގެ ނަޒަރަކުން ދިރާސާކޮށް އެ ރިޕޯޓް ނެރުމަކީ އިއްތިފާގެއް ކަމަށް ބެލުމުގެ ފުރުސަތު ހަނިވަނީ އެހެންވީމަ އެވެ. މިއަދާ ހަމައަށް އެމްޑީއެންއަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅަން ނުކުޅެދިފައި ވުމަކީ ވެސް ސުވާލު އުފައްދަންޖެހޭ ދެރަވަރު މައްސަލަ އެކެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވާ ގޮތުގައި އެ ރިޕޯޓުން ހާމަވީ ބޭރުގެ އެކި މިޝަރަނީސް ތަކުން ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ނަގާލަން ރާވާފައިވާ ބޮޑު ރޭވުން ކަމަށާއި އެ ރިޕޯޓުގައި ހިމަނާފައިވާ ކަންކަމާމެދު ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރި ކުރުވަންޖެހޭ ކަމަށެވެ.

"ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވީތީ ހަސަދަވެރިވާ ބޭރުގެ މިޝަނަރީސްތަކުން އަބަދުވެސް ރާއްޖޭގެ ދީނީ ވަހުދަތު ނަގާލަން މަސައްކަތްކުރޭ،" އެހެން ދީންތައް ފަތުރަން ފަންޑު ވެސް ކުރާކަމަށް ތުހުމަތު ކުރައްވަމުން ޝަހީމް ވިދާޅުވި އެވެ.

މުގައްރަރު އިސްލާހު ކުރަންޖެހޭ

އެކި ފަހަރުމަތިން ބަދަލު ކުރެވުނު ނަމަވެސް، ރާއްޖޭގައި 1984 އިން ފެށިގެން ކިޔަވައިދެމުން އަންނަ އިސްލާމީ މަންހަޖުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމާއި، މުގައްރަރު ވަރަށް ބޮޑަށް އިސްލާހު ކުރަންޖެހޭކަމަށް ގިނަ ދީނީ އިލްމުވެރިން އިއްތިފާގުވެ އެވެ.

އެހެން މާއްދާތަކުގައިވެސް އަމަލުކުރާ އުސޫލުން، އިސްލާމީ މުގައްރަރުގައިވެސް މިހާރުގެ ދުނިޔެއާ ގުޅޭ، ޒަމާނީ މައްސަލަތަކާއި ދަރިވަރުންގެ މިހާރުގެ މާހައުލުގައި ހުރި ކަންތައްތައް ހިމަނަންޖެހޭ ކަމާމެދު ޝައްކެއްނެތެވެ. އެހެނަސް އިންސާނުން ލިޔެފައިވާ ފޮތެއްގައި ހުރި އިބާރާތްތަކެއް، ކީރިތި ގުރުއާނާ ވަރުންއަޅުވައި ރަސޫލާއަށާއި އިސްލާމް ދީނަށް ހަޖޫޖަހައި ފުރައްސާރަ ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫނެވެ.

އޭގެ އިތުރުން، ދީނީ އިލްމެއްނެތް ބަޔަކު އެ ފޮތްތައް ދިރާސާކޮށް އެ މީހުން ބޭނުންހާ ތަންތަންކޮޅު ނަގައިގެން، ގޮތް ނިންމުމަކީ ދެކޮޅުޖެހޭކަމަކަށްވެސް ނުވެ އެވެ. ސަބަބަކީ، ސްކޫލްތަކުގައި ކިޔަވައިދޭ އެހެން މާއްދާތަކުގެ ޓެކްސްޓް ފޮތްތަކުގައިވެސް ރަނގަޅު ކުރަންޖެހޭ ބައިވަރުކަންކަން ހުންނާނެތީ އެވެ. އެހެނަސް އެއިން މާއްދާއެއްގެ އިލްމަކާއި ހިލްމެއް ނެތް ބަޔަކު އެކަމާމެދު ވަކި އެއްޗެއް ބުނުމުގެ ޖާގައެއް ނޯންނާނެ އެވެ. އަދި އޭގެން ފޮތެއް އެންމެ ފުރިހަމަ ނުވުމަކީ މުޅި ދާއިރާ ނޫނީ މާއްދާ ގޯސްވާ ސަބަބެއްގެ ގޮތުގައި ދެއްކުމަކީވެސް ބުއްދިއަށް ގަބޫލުކުރެވޭކަމަކަށް ނުވެ އެވެ.

ރެޑިކަލައިޒޭޝަން؟ މިއީ އިސްލާމޮފޯބިއާ

ހައްދުފަހަނަ އަޅާފައިވާ ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދެމުންދާ ނުރައްކާތެރި ހަމަލާތަކުގެ އަސްލަކީ އިސްލާމް ދީން ކަމުގައި ވަނީ މުގުރުޖަހާ ނިންމައިފަ އެވެ. އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި، މުސްލިމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގަމުންދާ ކަމީ އަދުގެ ހަގީގަތެވެ. އެމީހުންގެ ނަޒަރުގައި ކޮންމެ މުސްލިމަކީ ޓެރަރިސްޓެކެވެ. ނޫނީ މުސްތަގުބަލުގައި ޓެރަރިސްޓަކަށްވެދާނެ މީހެކެވެ. ދާދި ފަހުން ކެނެޑާގެ އިތުރުން ނިއު ޒީލެންޑްގައި ދިން ހަމަލާތަކަކީ މުސްލިމުންނާމެދު ފަތުރާފައިވާ ބިރުވެރިކަމާއި ނަފުރަތުގެ ސާފު ހެކިތަކެވެ.

އެމީހުން ގަބޫލުކުރާ ގޮތުގައި ދީނީ ހަރުކަށި ފިކުރު ނައްތާލުމަށް އޮތް ހައްލަކީ އިސްލާމް ދީން ދުނިޔެއިން ފުހެލުމެވެ. ނޫނީ އެމީހުން ބޭނުންވާ ވަކި މިންގަނޑެއްގެ ތެރޭގައި މުސްލިމުން ކޮންޓްރޯލް ކުރުމެވެ. ހިތާމައަކީ، ރާއްޖޭގައިވެސް އެފަދަ މަންޒަރުތައް ފެނި އަޑުތައް އިވެމުންދާކަމެވެ. މެދުމިނުމުގެ ފިކުރާއި، ޑިމޮކްރަސީގެ ހައްގުތަކުގެ ނަމުގައި ދިވެހިންގެ ބިމުން އެހެން ދީނަކަށް ފުރުސަތުދޭން ކުރަމުންދާ މަސައްކަތުގެ ނިވަލުގައި ކީރިތި ގުރުއާނަށާއި ރަސޫލާއަށް ފާޅުގައި ގޮންޖަހައި މަލާމާތް ކުރަނީ އެވެ.

އެމްޑީއެންގެ ރިޕޯޓަކީ މަޑުމަޑުން ފާޅުވަމުން އަންނަ ނުރައްކަލެއްގެ އިންޒާރެއްގެ ގޮތުގައި ބެލުމުގެ ޖާގަ ލިބެނީ އެހެންވީމަ އެވެ. ސޯޝަލް މީޑިއާގައި މަދު ބަޔަކު ގޮވަމުން އައި ގޮވެލިފަތި، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި، ބަސްވިކޭ ބައެއް ބޭފުޅުން އުފައްދާފައިވާ ޖަމިއްޔާއަކުން އެހާ ފާޅުކަން ބޮޑުގޮތެއްގައި ދީނަށް ފުރައްސާރަކުރުމަކީ އަޅާނުލާ ދޫކޮށްލެވޭނެކަމެއް ނޫނެވެ.

ޝަހީމް ވެސް ވިދާޅުވި ފަދައިން، ދީނީ ހަރުކަށި ފިކުރަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. ހަމަ އޭގެ އަނެއް ފަރާތުގައި އިލްހާދީ ފިކުރުތަކާއި ހައްދު ފަހަނައަޅާފައިވާ ސެކިއުލާ ފިކުރަކީ ވެސް ގައުމީ ސަލާމަތަށް އޮތް ހުރަހެކެވެ. އެއީ ހަމަ އެއް ފައިސާ ފޮއްޗެއްގެ ދެ ކޮޅެވެ. ނަޝީދު އެ ވިދާޅުވާ އަޑީ ދައުލަތުގެ އަނެއް ފަރާތެވެ.