އަލުން އަނބުރާ އިސްލާމްދީނަށް މީހުން ވަންނާކަށް ރާއްޖޭގައި ދައުވަތު ދޭކަށް ނުޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ލ. ފޮނަދޫގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު މިއަދު ވަނީ ލ. ގަމުގައި ބޭއްވި ޖަލްސާއެއްގައި ވެސް މި މޭރުމުން ވާހަކަފުޅު ދައްކަވާފަ އެވެ.
ރައީސް ނަޝީދު ވަނީ މާރާމާރީއެެއްގައި ވަޅިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމް ކޮށްލުމަށް ފަހު ޒުވާނަކު ކަނޑަށް އެއްލާލި މައްސަލައާ ގުޅޭގޮތުން ވެސް މިރޭ ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވީ އެއީ ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ހިނގައިދިޔަ ކަމެއް ކަމަށެވެ. އަދި އެ ޒުވާނާއަށް ހަމަލާދިނީ ހަރުކަށި މީހުން ރާވަމުންދިޔަ ކަމަށް އާނބަސް ނުބުމުން ކަމަށެވެ.
އެކަމަކީ ކޮބައިކަން އަދި އެނގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ޒަހަމް ކޮށްލުމަށް ފަހު ކަނޑަށް އެއްލާލި ޒުވާނާއަކީ އުމުރުން 13 އަހަރުގެ ކުއްޖަކާ ކައިވެނި ކޮށްގެން އުޅޭ މީހެއް ކަމަށް އެނގިފައިވާ ކަމަށެވެ.
"ބައިއަތު ނުހިފި ސޮރުގެ ކަރު ބުރިއެއް ނުވި. އޭނާ އެބައޮތް އައިޖީއެމް ހޮސްޕިޓަލްގައި. އެކަމަކު އޭނާ ބައިއަތު ނުހިފީ ކޮން ކަމަކަށް ކަމެއް އަޅުގަނޑުމެންނަކަށް އަދި ސާފެއް ނުވޭ. ސަހަލު ކަމަކަށް އެކަމެއް ނުވާނެ. އަޅުގަނޑުމެންގެ ތެރޭގައި އެބުނާ ސެލްތައް އެބުނާ ޔުނިޓްތައް ހިނގަމުން އެބަދޭ. އޭނާ ހުރީ 13 އަހަރުގެ ކުއްޖަކާ އިނދެގެނޯ. ކިހިނެތްތޯ އިންނާނީ 13 އަހަރުގެ ކުއްޖަކާ. އޭނާ ހުރީ ކުޑަކުއްޖަކަށް އަނިޔާ ކުރަން. އޭނާ ހުރީ އަޅުގަނޑުމެން އެކެއްގެ ހިތަށް ވެސް ނުވަންނާނެފަދަ ހަޑި މުޑުދާރު އަމަލެއްގެ ތެރޭގައި. ދެން އޭނާ އަޅުގަނޑުމެންނަށް މި ދައުވަތު ދެނީ އިސްލާމްދީނަށް އަޅުގަނޑު އަންނާށޭ ކިޔާފައި،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އަލުން އަނބުރާ އިސްލާމްދީނަށް މީހުން ވަންނަން ދައުވަތު ދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ނަޝީދު މިރޭ ވިދާޅުވީ އިސްލާމް ދީނަށް ދައުވަތުދޭ މީހުން އެދޭ ދައުވަތަކީ ހަނގުރާމައަށް ދިއުމަށް ދޭ ދައުވަތެއް ކަމަށެވެ. އަދި ވިދާޅުވީ އެތައް ގައުމެއްގައި މިއަދު ވެސް ދިވެހި ދަރިން ހަނގުރާމަ ކުރަމުން ގެންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީ ސަަތޭކައިން ސަތޭކަ އިސްލާމީ ގައުމެއް. މިތަނުގައި އަލުން އަނބުރާ އިސްލާމްދީނަށް މީހުން ވަންނާކަށް ދައުވަތު ދޭކަށް ނުޖެހޭ. މިއީ އިސްލާމީ ގައުމެއް. މިތަނުގައި މުޝްރިކުންނެއް، ކާފަރުންނެއް ނެތް. ދައުވަތު އެ ދެނީ ހަނގުރާމައަށް ދިއުމަށް. ދައުވަތު ދީގެން އެ ގެންދަނީ ހަނގުރާމައަށް. އަޅުގަނޑުމެންގެ ދަރިންތައް ސީރިއާގައާ ލީބިޔާގަ އާއި އަފްޣާނިސްތާނުގައި ބައިވަރު. ރަނގަޅު ކައުންސިލެއް އުފެދޭހާ ކުދިން އެބަތިބި ހަނގުރާމައިގެ މައިދާނުގައި ވިއްސާފައި. އަޅުގަނޑުމެންގެ އަންހެން ދަރިން، ޖިންސުން ލަތީފުން މިރާއްޖޭގެ ޖާރިޔާއިންގެ ގޮތުގައި މުޅި މެދުއިރުމަތީގައި ވިއްކައިފި، އަޅުގަނޑުމެންގެ ރާއްޖެ އިންތިހާއަށް ބަދުނާމު ކޮށްފި، އަޅުގަނޑުމެންގެ ރާއްޖެ ނުރައްކަލުގެ ތުންފަތަށް އެމީހުން ގެނެސްފި، މިއީ އަޅުގަނޑުމެން ވަރިހަމަ ކޮށްގެން ތިބެންވާނެ ކަމެއް ނޫން،"
ނަޝީދު ވިދާޅުވީ ހަނގުރާމައަށް މީހުުން ފޮނުވަމުން ދަނީ ކޮން ބައެއްކަން ޑރ. އަފްރަޝީމްގެ މަރާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުން އެނގިގެންދާ ކަމަށެވެ. އަދި އެ ޖަމާއަތްތަކުގެ ސެލްތައް ބެހިފައިވަނީ ދީނަށް ދައުވަތުދޭ މީހުންނާއި، ފައިސާދީ ބަހާ ހަދާ މީހުންނާއި، ޖަރީމާތައް ހިންގާ މީހުންގެ މައްޗަށް ކަމަށެވެ.
ނަޝީދު ވަނީ އެ ސެލްތައް ހޯދާ ފިޔަވަޅު ނާޅައިފިނަމަ ނުރައްކާ ވަރަށް ބޮޑު ކަމަށް ވިދާޅުވެފަ އެވެ.
"ޑރ. އަފްރާޝިމް މަރާލާފައި ވަނީ ހަނގުރާމައަށް މީހުން ފޮނުވާ ދިވެހި ޖަމާއަތަކުން. އެ ޖަމާއަތް އެކުލެވިގެންވާ ގޮތް، އުފެދިފައިވާ ގޮތް މި ކޮމިޝަން [މަރު ކޮމިޝަން] ގެ ރިޕޯޓްގައި އެބަ ކިޔައިދޭ. އެ ޖަމާއަތަކީ އަލްގައިދާ ޖަމާއަތް. މި އަލްގައިދާ ޖަމާއަތަކީ ދުނިޔޭގެ އެތައް މިތަނުގައި ޓެރަރިސްޓް ހަރަކާތް ހިންގަމުންދާ ޖަމާއަތެއް. އެކިއެކި ގައުމުތަކުގެ ދާހިލީ ހަނގުރާމާގައި ބައިވެރިވަމުންދާ ޖަމާއަތެއް. އެ ޖަމާއަތް މި ދިވެހިރާއްޖޭގައި ފެތުރިފައި އޮންނަ ގޮތް ކޮމިޝަނުންގެ ރިޕޯޓުން އެބަ ކިޔައިދޭ. ސެލްތަކަކަށް ބެހިފައޭ އޮންނަނީ. ސެލް އޭ، ސެލް ބީ، ސެލް ސީ، ސެލް ޑީ. ދެކެވަޑައިގަތިންތޯ ރޭ ރައީސް ޔާމީން އެ އިންނެވީ ސެލްތަކާ އެކީގައި،"