ރައީސް މުހައްމަދު ނަޝީދު

އަފްރާޝިމް މަރާލީ އަޅުގަނޑުގެ ކާފަ ދެއްކި ވާހަކަ ދައްކައިގެން: ނަޝީދު

ދީނީ އިލްމުވެރިޔާ ޑރ. އަފްރަޝީމް އަލީ އަހަވާރަކޮށްލީ، ރައީސް މުހައްމަދު ނަޝީދުގެ ކާފާފުޅު ދެއްކެވި ވާހަކަތައް ދައްކަވައިގެން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އާންމުން ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން "އާސްކް ސްޕީކާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރަގްރާމްގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލީ އެމަނިކުފާނުގެ ކާފަ ދެއްކެވި ވާހަކަތައް ދައްކަވައިގެން ކަމަށެވެ.

އެމަނިކުފާނުގެ ގޭގައި ސޮލަވާތްފުޅު ކިޔަވާ، މާލޫދޫ ކިޔާ ކަމަށާ ޒިޔާރަތެއް ހުރިއްޔާ ހުރަސްކުރާއިރު ހަމްދު އަޅާ ކުރިން ނަދުރު ބުނެ ހެދި ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަންކަން ބަދަލުވެ އިސްލާމްދީން މިހާރު އެހެން ގޮތަކަށް ދައްކަން މަސައްކަތް ފަށާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެކަން ފެށިގެން އައީ ރަައީސް މައުމޫން ވެރިކަމަށް ވަޑައިގެންނެވި ހިސާބުން ކަމަށެވެ.

"އަޅުގަނޑުގެ ކާފަ ދެއްކި ވާހަކަ ދައްކައިގެން ޑރ. އަފްރާޝިމް މަރާލީ. މިސާލަކަށް އަޅުގަނޑުމެން ގޭގައި ސޮލަވާތްފުޅު ކިޔަވާ، މާލޫދޫ ކިޔާ، އަދި އަޅުގަނޑުމެން ޒިޔާރަތެއް ހުރިއްޔާ ހުރަސްކުރާއިރު ހަމްދު އަޅާ އަދި އަޅުގަނޑުމެން ނަދުރު ބުނެވެސް ހަދަން، ޒިކުރުވެސް އަޅުގަނޑުމެން ކިޔަން. އެ ކަންތައްތަކަކީ ޒަމާނުއްސުރެ އަޅުގަނޑުމެން ކުރިއްސުރެ ފަށައިގެން އަޅުގަނޑުމެންގެ ތެރޭގައި ކުރެވެމުން އައި ކަންތައްތައް. ފަހުން އައިސް ރާއްޖެއަށް، ހާއްސަކޮށް ރައީސް މައުމޫން ވެރިކަމަށް ވަޑައިގަތުމާއެކީގައި އިސްލާމްދީން ދީން އޮންނަ ގޮތް ކަމަށް އައު ގޮތަކަށް ވާހަކަދައްކަވަން ފައްޓަވައިިފި. މިއީ އޭ އަނެއްކާވެސް އިސްލާމްދީން އޮތް ގޮތަކީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އޭގެ ދިހަ ވަރަކަށް އަހަރު ފަހުން އަނެއްކާވެސް ދީނުގެ ކަންކަން އެހެން ގޮތަކަށް ބުނެދޭން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދީނީ އިލްމުވެރިން ހަމަ ދައްކާހާ ވާހަކައަކަށް ތަބާވާން ވަރަށް އުނދަގޫވާނެ ކަމަށެވެ. އެއީ އެމަނިކުފާނުގެ ކާފަ ވިދާޅުވެ ދެއްވާފައި ހުރި ވާހަކަތަކާ ފުށު އަރާތީ ކަމަށް ވިދާޅުވިއެވެ.

"ދެން އެހެން ތިބެފައި އަޅުގަނޑުމެން ކައިރީގައި އެއްޗެއް ބުނާތަނުން އެހައި އަވަހަށް ބޯ ނުލެނބޭތީވެ އެހެން އަދި އިސްލާން ދީނުގައި އޮތް ކަމަށް އެބޭފުޅުން އެހެން ކިޔުއްވި އެއް ކަމަކު އަޅުގަނޑުމެންނަށް އުނދަގޫވެގެން މި އުޅެނީ އަޅުގަނޑުމެން ނަމާދު ކުރާ ގޮތާއި، އަޅުގަނޑުމެން ރޯދަ ހިފާ ގޮތާއި، ޒަކާތް ދޭ ގޮތާއި، އަޅުގަނޑުމެން އިސްލާމް ދީނުގެ ރުކުންތައް އަދާ ކުރަމުން މިގެންދާ ގޮތް އެއީ ގޯސް ގޮތެއް ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވިޔަސް ވަރަށް އުނދަގޫވާނެ އެމަަގަށް ތަބާވާން"

ނަޝީދު ރޭ ވެސް ވިދާޅުވީ އެމަނިކުފާނަކީ އިސްލާމްދީނާ ދުރު މީހެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަކީ ދީނާ ދުރު މީހެއް ކަމަށް ދަންނަ އެެއްވެސް މީހަކު އެކަން ގަބޫލުނުކުރާނެ ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް ހާލެއްގައި އިސްލާމްދީނާ ދުރު މީހެއް ނޫން. އަދި އަޅުގަނޑު ދަންނަ މީހަކުވެސް އެގޮތަށް އެ ވާހަކައެއް ނުބުނާނެ." ނަޝީދު ވިދާޅުވިއެވެ.

ޑރ. އަފްރާޝިމް އަވަހާރަކޮށްލި ގޮތާއި ގުޅޭގޮތުން ކުރިންވެސް ރައީސް ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ނަޝީދު އޭރު ވިދާޅުވީ އެކަން ކުރީ ބޭރު ބައެއް ކަމަށާ އެކަން ކުރުމަށްފަހު އެމީހުން ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު އެމަނިކުފާނާއި ހިއްސާ ކުރެއްވީ ބޭރުގެ ބައެއް ގައުމުތަކުގެ އިންޓެލިޖެންސުން ކަމަށް ވިދާޅުވިއެވެެ.

އަފްރާޝިމް އަވަހާރަކޮށްލި ހާދިސާ ތަހުގީގު ކުރުމަށްފަހު ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްގަައި ބުނެފައިވަނީ އެއީ ހަރުކަށި ފިކުރުގެ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށެވެ. އެ ރިޕޯޓް ރައީސް އޮފީހުން އާންމުކޮށްފައިވާއިރު އެ ރިޕޯޓްގައިވާ ވާހަކަތައް ގަބޫލުނުކުރާ ކަމަށް އަފްރާޝިމްގެ އާއިލާއިން ވަނީ ބުނެފައެވެ.